ދިވެހި ސިވިލް ސަރވިސްގެ ބައެއްކަންކަން ކޮޅުމަޑުލު އަތޮޅު ކައުންސިލްއިން ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރެވިދާނެގޮތްތަކާ ގުޅޭގޮތުން މިއަދު ކައުންސިލްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތް ކުރައްވަވައި ކޮމިޝަނުގެ މެންބަރުންނާއި އެކު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ ކޮޅުމަޑުލު އަތޮޅު ކައުންސިލް އިން އެ އަތޮޅުގެ ރަށްތަކުގެ މޮނިޓަރިންގައި ފާހަނގަކުރެވުނު ކަންތައްތައް ކޮމިޝަނާއި މަޝްވަރާކުރުމާއި އަދި އިދާރީ އޮނިގަނޑުތަކުގައިވާ މަޤާމުތަކަށް މުވައްޒަފުން ހަމަނުޖެހިވާތީ ދިމާވާ ގޮންޖެހުންތަކާ އަދި ކައުންސިލުގެ އިދާރާގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި މުވައްޒަފުންނަށް ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމާއި ގުޅޭގޮތުންނެވެ. އަދި ކޮމިޝަނުގެ ފަރާތުން މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ކައުންސިލަށް ހުރިހާކަމެއްގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން ކޮމިޝަނުގެ މެންބަރުން ކޮޅުމަޑުލު ކައުންސިލުގެ ބޭފުޅުންނަށް އެރުވިއެވެ. އަދި ކައުންސިލުގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ކަންކަން ކުރިއަރުވައި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ލިބެންހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ކޮމިޝަންގެ ފަރާތުން ކައުންސިލާއި ހިއްސާކުރެއްވިއެވެ. މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި ކޮމިޝަނުގެ ނައިބު ރައީސް އަލްފާޟިލް ޝަހީދު މުޙައްމަދު އަދި ކޮމިޝަނުގެ މެންބަރު އަލްފާޟިލާ ފާތިމަތު އާމިރާ އެވެ. އަދި ކޮޅުމަޑުލު ކައުންސިލުގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ކައުންސިލުގެ ރައީސް އަލްފާޟިލް ރިޟުވާން އަބްދުﷲ އަދި ނައިބު ރައީސް އަލްފާޟިލް އިސްމާއިލް ޙަނީފް އެވެ.

05 ސެޕްޓެމްބަރ 2019



ހުވަދު އަތުޅު އުތުރުބުރީގެ ކައުންސިލްތަކުގެ މެދުގައި 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އުތުރު ހުވަދޫ 2 ވަނަ މަހާސިންތާ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ހެނދުނު އިފްތިތާހުކޮށްދެއްވައިފިއެވެ. މި ސެޕްޓެންބަރު 5 އިން 7 އަށް ގއ. ދާންދޫގައި ކުރިއަށް ގެންދާ އަތޮޅުގެ 9 ރަށުގެ ކައުންސިލްތަކުން ބައިވެރިވާ މި މަހާސިންތާއަކީ ސަރުކާރުގެ އޮފީސްތަކާއި ސިވިލް ސަރވިސް ކޮމިޝަނާއެކު މަޝްވަރާކޮށް ހިންގުން ހަރުދަނާކުރުމުގެ ގޮތުންނާއި މަޢުލޫމާތާއި ތަޖުރިބާ ހިއްސާ ކުރުމުގެ ގޮތުން ބާއްވާ މަހާސިންތާއެކެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މި މަހާސިންތާގައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމްގެ އިތުރުން މެންބަރު އަލްފާޟިލާ ފާތިމަތު އާމިރާ ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމިޝަނުގެ ރައީސް މަހާސިންތާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ކޮންމެ ހިންގުންތެރިއަކު ފަރުދީ ޒިންމާ ނަންގަވައި ކަންކަމުގެ ހުނަރާއި މަޢުލޫމަތު އަމިއްލަ އިސްނެގުމާއެކު ދަސްކޮށް ޒަމާނަށްފެތި ޒިންމާދާރު އދި ނަޒާހަތްތެރި މީހަކަށް ވުމަށް ގޮވާލެއްވިއެވެ. އަދި ރަށާއި އަތޮޅު ތަރައްޤީ ކުރުމުގައި ކޮންމެ ފަރުދެއްގެ ވެސް ހިއްސާ އެއް އޮތްކަން ހަނދާންކޮށްދެއްވަވައި އަބަދުވެސް ތާޒާވެ ކަންކަމާމެދު އިޖާދީ އަދި އީޖާބީ އުފެންދުންތެރި ނަޒަރަކުން ވިސްނައި ކަންކަމަށް ހައްލު އަމިއްލަ އަށް ހޯދުމުގެ މުހިންމު ކަމުގެ މައްޗަށް މަހާސިންތާގެ ބައިވެރިންނަށް ވިސްނާދެއްވެވިއެވެ.
ގއ. ދާންދޫ ރައްޔިތުން މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް މާލެ އާއި އަތޮޅު ތެރެއިން ވަޑައިގެންނެވި ބޭފުޅުންނަށް ގުލްދަސްތާ ތަކުންނާއި އަދި ބޮޑު ބެރުގެ ފޯރި އާއި އެކު ހޫނު މަރުހަބާއެއްކިއެވެ. އަދި މުޅި ރަށްވަނީ މުނާސަބަތާ ގުޅޭގޮތުން ލިއުންތަކާއި ގައުމީ ދިދައިން ޒީނަތްތެރި ކުރެވިފައެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް