31 ޑިސެމްބަރ 2023

ސިވިލް ސަރވިސްގެ އިދާރާތަކުން އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އާންމުން ބަލައިގަންނަ ފަދަ އަވަސް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ސިވިލް ސަރވިސްގެ އިދާރާތަކުން ޚިދުމަތް ހޯދާ ފަރާތްތަކުން އިދާރާއިން ފޯރުކޮށްދޭ ޚިދުމަތާމެދު ދެކޭގޮތް ދެނެގަތުމަށް ބޭނުންކުރެވޭނެ އޮންލައިން ނިޒާމެއް، ތަޢާރަފްކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި މި ނިޒާމު 1 ޖަނަވަރީ 2024 އިން ފެށިގެން އާންމުންނަށް ބޭނުންކުރެވޭގޮތަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ވެސް ކޮމިޝަނާ ގުޅިގެން އިދާރާތަކުން ދަނީ ކުރަމުންނެވެ.
މި މަޝްރޫއުގެ ދަށުން، އެ އިދާރާއަކުން ހޯދާ ޚިދުމަތްތަކާ މެދު ޚިޔާލު ހުށަހެޅުމަށްޓަކައި، ސިވިލް ސަރވިސްގެ ކޮންމެ އިދާރާއެއްގައި އާންމުންނަށް ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައްޔާއި ވެބްސައިޓު ނުވަތަ ސޯޝަލް މީޑީއާ ޕްލެޓްފޯމުތަކުގައި ނުވަތަ އާންމުން ގިނައިން ވަދެ ނިކުމެ އުޅޭ ސަރަހައްދުތަކުގައި ފަސޭހައިން ފެންނާނެ ގޮތަކަށް "QR Code" އެއް ބެހެއްޓިފައި ހުންނާނެއެވެ.
މި "QR Code" ބޭނުންކުރުމުން، އޮންލައިންކޮށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ލިބިލައްވާނެއެވެ. ޚިޔާލު ހުށަހެޅުއްވުމަށް މައުލޫމާތުތައް ފުރިހަމަކުރުމަށް ފަހު، ސަބްމިޓުކުރުމުން ޚިޔާލު ހުށަހަޅުއްވާ ފަރާތުން ފޮނުވާ ޚިޔާލު އެ އިދާރާއަކަށް ފޮނުވޭނެއެވެ. ޚިޔާލުހުށަހަޅުއްވާ ފަރާތްތަކުން އެ ފަރާތެއްގެ ޕަރސަނަލް މަޢުލޫމާތު ދޭކަށެއް ނުޖެހޭނެއެވެ. ނަމަވެސް، ފޮނުއްވާ ޚިޔާލަކަށް ޖަވާބެއް ނުވަތަ ކޮމެންޓެއް ބޭނުންވާ ނަމަ، މޯބައިލް ނަންބަރު ޖެހުމުން، ޚިޔާލު ހުށަހެޅުއްވި ފަރާތަށް، އެ އިދާރާތަކުން މުޢާމަލާތުކުރުމުގެ މަގުވެސް މި ނިޒާމުގައި ފަހިކުރެވިފައިވާނެއެވެ. އަދި އިދާރާތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ލިބުނު ޚިދުމަތާ ގުޅިގެން ފޮނުވާ ޚިޔާލުތައް، އިދާރާތަކަށް އަދި ސިވިލް ސަރވިސް ކޮމިޝަނަށް ލިބި، އެ ޚިޔާލުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.
އަލަށް ތަޢާރަފްކުރެވުނު މި އޮންލައިން ނިޒާމުގެ ތެރެއިން އިދާރާތަކުން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ފަސޭހަގޮތެއްގެ މަތިން ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ބޮޑުކޮށްދީ، އިދާރާތަކަށް އާންމުންގެ ޚިޔާލުތައް ލިބޭ މިންވަރު ގިނަވެގެން ދިޔުމުގެ މަގުފަހިވެއެވެ. އަދި ކުރިމަގުގައި އިދާރާތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގެނެވޭ ބަދަލުތަކުގައި އާންމު ރައްޔިތުންގެ ޚިޔާލުތަކަށް ރިއާޔަތްކުރެވިގެންދިޔުމާއެކު، ޚިދުމަތް ލިބިގަތުމުގައި ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް މަދުވެގެންދާނެއެވެ.
ހަމައެއާއެކު، ޚިދުމަތް ހޯދައްވާ ފަރާތްތަކުން ދެއްވާ ބިނާކުރަނިވި ޚިޔާލުތަކުގެ އަލީގައި ސިވިލް ސަރވިސްގެ އިދާރާތަކުން އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ޚިދުމަތްތައް އިތުރަށް އަވަސްކޮށް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނެއެވެ.
ފަހުގެ ޚަބަރުތައް
.jpg)
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025

ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
.png)
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024