އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި

04 ފެބްރުއަރީ 2025



ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އަޔަލޭންޑުގެ ސަފީރު ކެވިން ކެލީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޙައްމަދު ނާޞިޙް އަދި ކޮމިޝަނުގެ މެންބަރުންނާއި އިސް މުވައްޒަފުންނާ ބައްދަލުކުރައްވައި، ދިވެހި ސިވިލް ސަރވިސް ތަރައްޤީކުރުމުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ޚާއްޞަ އިސްކަމެއްދީގެން މަޝްވަރާކުރެވިފައިވަނީ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމާއި، އަދި ހިންގުމުގެ ދާއިރާތަކުން އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށެވެ. މީގެ އިތުރުން، ތަމްރީނު ޕްރޮގްރާމްތަކާއި، މަޢުލޫމާތު ބަދަލުކުރުމާއި، އަދި ދިވެހިރާއްޖެއާއި އަޔަލޭންޑުގެ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ތަނަވަސްކުރުމަށް ދެފަރާތުން މަޝްވަރާކުރެވުނެވެ.

ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި ސިވިލް ސަރވިސް ކޮމިޝަނާއި، ސިވިލް ސަރވިސްގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި، މި ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ބައިނަލްއަޤްވާމީ ބައިވެރިންގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި ކޮމިޝަނުގެ މި މުހިއްމު އިސްނެގުމަށް ކުރިއަށް އޮތްތަނުގައި އެއްބާރުލުން ދެއްވާނެކަން އެމްބެސެޑަރ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުން ނިމިގެން ދިޔައީ ދިވެހިރާއްޖޭގެ ސިވިލް ސަރވިސްގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި އިތުރު މަޝްވަރާތައް ކުރިއަށްގެންދިއުމަށް ދެ ފަރާތުން އެއްބަސްވުމާއެކުގައެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307