ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި

07 ސެޕްޓެމްބަރ 2024



ދިވެހި ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރު ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސްކޮމިޝަނާ ދެމެދު 1000 ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނުކުރުމަށް ސޮއިކުރެވުނު ފަހުމުނާމާގެ މުއްދަތު ހަމަވުމާއެކު، އެ ފަހުމުނާމާ އިތުރު 5 އަހަރުގެ މުއްދަތަކަށް އައުކުރުމަށް 9 އޮގަސްޓު 2024 ގައިވަނީ ސޮއިކުރެވިފައެވެ. މި ރަސްމިއްޔާތުގައި ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ފެންވަރުމަތިކޮށް ތަމްރީނުދިނުމާ ބެހޭގޮތުން އެކުލަވާލެވިފައިވާ މި އައުކުރެވުނު އެއްބަސްވުމުގެ ދަށުން ދިވެހި ސިވިލް ސަރވިސްގެ 1000 މުވައްޒަފުންނަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުރިހާޚަރަދަކާއެކު ތަފާތު ދާއިރާތަކުން ތަމްރީނުގެ ފުރުޞަތު ދިނުމަށްވަނީ ހަމަޖެހިފައެވެ.   މި ފަހުމުނާމާ އައުކުރެއްވުމަށް ސިވިލްސަރވިސް ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙެވެ. އަދި އިންޑިއާގެ ނެޝަނަލް ސެންޓަރފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ)ގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރައްވާފައިވަނީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޝްރީ މުނޫ މަހާވަރެވެ.  

"ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް"ގެ ނަމުގައި 2 ހަފްތާގެ މުއްދަތަށް ކޮންމެ ބެޗެއްގެ ތަމްރީނު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި، އިންޑިއާގެ ސިވިލް ސަރވިސްއާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކިއެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނުމާއެކު އިންޑިއާގެ ސިވިލް ސަރވިސްގެ އެކި އިދާރާތަކަށް ޒިޔާރަތްކުރުން މިފަހަރު ވެސް ހިމަނާފައިވެއެވެ. މީގެ އިތުރުން މި ޕްރޮގްރާމުގެ ތެރެއިން ކަނޑައެޅޭ ޚާއްޞަ ދާއިރާތަކުން ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރުމަށާއި ހުނަރުކުރިއެރުވުމަށް އެން.ސީ.ޖީ.ޖީއާ ގުޅިގެން ކޮމިޝަނުން ދަނީ މަސައްކަތްކުރަމުންނެވެ. މި ތަމްރީނު ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވާނީ ދާއިރާތަކުގެ ތަޖުރިބާހުރި ކަމާގުޅޭ މާހިރުންނެވެ. 

އައުކުރެވުނު ފަހުމުނާމާގެ ދަށުން ކުރިޔަށްގެންދެވޭ ފުރަތަމަ ތަމްރީނު ޕްރޮގްރާމުގެ ބައިވެރިން އިންޑިއާއަށް މިއަދު ވަނީ ފުރާފައެވެ. މި ތަމްރީނު ބެޗުގައި ދިވެހި ސިވިލް ސަރވިސްގެ އެކި އިދާރާތަކުން 30 އަށް ވުރެ ގިނަ ސިވިލް ސަރވިސް މުވައްޒަފުން ބައިވެރިވާނެއެވެ


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް