ތަމްރީނާއި ތަޖްރިބާ ހާޞލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާ އަށް

24 ޖުލައި 2022



ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް" ގެ ނަމުގައި އިންޑިއާގެ "ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް" އިން އިންތިޒާމްކުރާ 5 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ސިވިލް ސަރވިސްގެ ވަފުދެއް މިއަދު ހަވީރު އިންޑިއާ އަށް ފުރައިފިއެވެ. މި ޕްރޮގްރާމް އަމާޒުކުރެވިފައި ވަނީ ސިވިލް ސަރވިސްގެ އިސް ފަންތީގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. އެގޮތުން ކައުންސިލް އިދާރާތަކުގައި މަސައްކަތްކުރާ ސެކްރެޓަރީ ޖެނެރަލުންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ އިސް މުވައްޒަފުން ހިމެނޭ ގޮތަށް ޖުމްލަ 25 ފަރާތެއް މި ވަފުދުގައި ހިމެނެއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި، ޖުލައި 25 އިން 29 ގެ ނިޔަލަށް އިންޑިއާގެ ދިއްލީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމްގައި އިންޑިއާގެ ސިވިލް ސަރވިސް އާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، އަދި އެކި އެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނިގެންދާނެއެވެ. އަދި ސަރުކާރުގެ އެކި މުއައްސަސާތަކަށް ބައިވެރިން ޒިޔާރަތްކޮށް، އެތަންތަނުގެ އިސް ވެރިންނާއި ބައްދަލުކޮށް މައުލޫމާތާއި ތަޖުރިބާ ހޯދުމަށް ސެޝަންތަކެއް ރޭވިފައިވެއެވެ. މީގެ އިތުރުން މި ދަތުރުގައި ދިއްލީގެ ސަޤާފީ ތަންތަނަށްވެސް ބައިވެރިން ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ، ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ސަރވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރު އެން.ސީ.ޖީ.ޖީ އާއެކު ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން މި ތަމްރީނުގައި ބައިވެރިވުމަށް އިންޑިއާއަށް ފުރާ 14 ވަނަ ބެޗެވެ. މި ޓީމުގެ އިސްފަރާތެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް މުޙައްމަދު ޝުޖާއު އެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307