
ތަމްރީނާއި ތަޖްރިބާ ހާސިލު ކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ޓީމެއް އިންޑިއާ އަށް
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް، ދިވެހި ސިވިލް ސަރވިސްގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ 40 މުވައްޒަފަކު އިންޑިއާއަށް މިއަދު ހަވީރު ފުރައިފިއެވެ. މީގެ ތެރޭގައި މިނިސްޓްރީތަކާއި، ސުކޫލްތަކާއި އަދި ކައުންސިލް އިދާރާތަކުގެ މެނޭޖިރިއަލް ފަންތީގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެއެވެ.
"ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް" ގެ ނަމުގައި އިންޑިއާގެ "ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް" އިން، މެއި 9 އިން 21 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމްގައި އިންޑިއާގެ ސިވިލް ސަރވިސް އާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނިގެންދާނެއެވެ. މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ސިވިލް ސަރވިސްގެ ދާއިރާގައާއި ސަރުކާރު ހިންގުމުގައި އިންޑިއާގެ ތަޖުރިބާ ބައިވެރިންނާ ހިއްސާ ކުރެވިގެންދާ ގޮތަށެވެ.
މި ތަމްރީނު ދަތުރުގެ ފުރަތަމަ ހަފުތާ ބައިވެރިން ހޭދަކުރުމަށް ހަމަޖެހިފައިވަނީ މަސޫރީ، އުއްތަރުކަންޑުގައި ހުންނަ ޝަރަފުވެރި ލާލް ބަހާދުރް ޝާސްތްރީ ނޭޝަނަލް އެކެޑަމީގައެވެ. މި އެކެޑަމީ އަކީ އިންޑިއާގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރާ މައި މަރުކަޒެވެ. އަދި ދެވަނަ ހަފްތާގެ ސެޝަންތައް ކުރިއަށް ގެންދެވޭނީ ދިއްލީގައެވެ. މީގެ އިތުރުން މި ދަތުރުގައި މަސޫރީ އަދި ދިއްލީގެ ސަޤާފީ ތަންތަނަށް ބައިވެރިން ޒިޔާރަތްކޮށް، ދެ ޤައުމުގެ ސަޤާފީ ހަރަކާތްތަކެއް ދައްކުވައިދޭ ހަފްލާއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ، ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ސަރވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރު އެން.ސީ.ޖީ.ޖީ އާއެކު ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން މި ތަމްރީނުގައި ބައިވެރިވުމަށް އިންޑިއާއަށް ފުރާ 11 ވަނަ ބެޗެވެ. މި ވަފުދުގެ އިސްފަރާތެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އިބްރާހިމް ސަމީރު އެވެ.
ފަހުގެ ޚަބަރުތައް

ތަމްރީނާއި ތަޖުރިބާ ހާޞިލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ޓީމެއް އިންޑިއާ އަށް
07 މެއި 2022

އިންޑިއާގައި ބޭއްވޭ ތަމްރީނަށްފުރާ ސިވިލް ސަރވަންޓުންނާ އިންޑިއާ އެމްބެސެޑަރ ބައްދަލުކުރައްވައިފި
28 އޭޕްރީލް 2022
-02.jpeg)
މިނިސްޓްރީ އޮފް ފިނޭންސްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަޙްމަދު ސިރާޖް
27 އޭޕްރީލް 2022

ރިއަލް ޓައިމްކޮށް ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލޭނެ ނިޒާމެއް ތަޢާރަފްކޮށްފި
18 އޭޕްރީލް 2022

އެޓޯލް ޓްރެއިނަރުންގެ ގޮތުގައި މަސައްކަތްކުރާނެ ފަރާތްތަކަށް ހިންގާ "ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް" މިއަދު އިފްތިތާހްކޮށްދެއްވައިފި
28 މާޗް 2022