30 އޭޕްރީލް 2020
ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި ސިވިލް ސަރވިސް ކޮމިޝަނާއެކު އަތޮޅު ޒިންމާދާރުވެރިންގެ ބައްދަލުވުމެއް އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބޭއްވިއްޖެއެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. މި ބައްދަލުވުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަފީޤާއި ޑިރެކްޓަރ ޖެނެރަލް ޝައްމޫން އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ މިފަދަ ބައްދަލުވުމެއް އެލްޖީއޭގެ އޮފިޝަލުންނާއެކު ބޭއްވުނު ފުރަތަމަ ތާރީޚީ ބައްދަލުވުމެވެ.
އަތޮޅު ޒިންމާދާރުވެރިންގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކޮށް މަޢުލޫމާތު ބަދަލުކުރެވެނީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޯވިޑް 19 ރޯގާ އާއި ގުޅޭގޮތުންނާއި، މި ރޯގާއިން ރައްކާތެރިވުމަށާއި އަދި ބަލިޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި ކައުންސިލްތަކުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެލްޖީއޭ ގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންދެއްވީތީ މަރުޙަބާ ވިދާޅުވެ ޝުކުރުއަދާކުރެއްވެވިއެވެ. އަދި މިފަދަ ކޮންމެ ކަމެއްގައި ކަންކަން ރާވައި ވިލަރެސްކޮށް ހިންގައި ބެލެހެއްޓުމުގައި އެލްޖީއޭ އަށާއި އަތޮޅުތެރޭގައިވާ ކައުންސިލްތަކަށާއި ޓާސްކްފޯސް ސެންޓަރުތަކަށް ކޮމިޝަނުގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގެ ކަށަވަރުކަން ރައީސް އެރުވިއެވެ.
އެލް.ޖީ.އޭ ގެ ސީ.އީ.އޯ ގެ ވާހަކަފުޅުގައި ގުޅިގެން އެއްޕްލެޓްފޯމެއްގައި މިގޮތަށް ކަންކަމުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަވައި އެފަރާތަށް ބައިވެރިވުމަށް ދައުވަތުދެއްވީތީ ކޮމިޝަނަށް ޝުކުރުއަދާކުރެއްވެވިއެވެ. އަދި އެލް.ޖީ.އޭ އިން އެމް.އެން.ޑި.އެފް އާއި ގުޅިގެން ކޮވިޑް19 ރޯގާ ގުޅޭގޮތުން ސަރަހައްދީ ފެންވަރުގައި ރީޖަނަލް ސެލްތަކެއް ގާއިމުކުރެވި އަދި ކޮންމެ ރަށެއްގައި ޓާސްކް ފޯހެއް ގާއިމުކުރެވި އަދި ވައިބަރ ގްރޫޕްތަކެއް ހެދި ކަންކަންރާވައި ބެލެހެއްޓެމުންދާކަމުގައި ޝަފީޤް ވިދާޅުވިއެވެ. މީގެ އިތުރުން ވަރަށް ކައިރިން ދުވަހުން ދުވަހަށް އަތޮޅު ތެރޭގެ ރަށްރަށުގައި ހާލަތް އޮތްނެތްގޮތް ބައްލަވާ މޮނިޓަރ ކުރައްވަމުން ގެންދަވާކަމާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާތަކެތި ފޯރުކޮށްދެމުންގެންދާކަމަށްވެސް ވިދާޅުވިއެވެ.
އެލް.ޖީ.އޭ ގެ ޑިރެކްޓަރ ޖެނެރަލް ޝައްމޫން އާދަމް މިއަދުގެ ބައްދަލުވުމަށް ކުޑަ ކަރުދާހެއް ހުށަހަޅައި ދެއްވައި، ރަށް ރަށުގައި ގާއިމު ކުރެވިފައިވާ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުތައް ރޭވި ހިނގަމުންދާ ގޮތާއި އަދި މި ސެންޓަރުން ދެމުންގެންދާ ޚިދުމަތްތަކާއި، ބަލަހައްޓަމުންދާ ކަންތައްތައް ސާފުވާގޮތަށް އަތޮޅު ޒިންމާދާރުވެރިންނަށް އޮޅުންފިލުވައި ދެއްވެވިއެވެ. މީގެ ތެރޭގައި ރަށުފެންވަރުގައި ރެޕިޑް ރެސްޕޮންސް ޓީމުތަކުގެ މަސައްކަތް ހިނގާގޮތާއި ސައިކޯ ސޯޝަލް ސަޕޯރޓް ދެވެމުންދާ ގޮތްވެސް ބަޔާންކޮށްދެއްވިއެވެ. މިކަންކަމުގައި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ޒިންމާދާރުވެރިން ދެއްވަމުންގެންދަވާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އެ ފަރާތްތަކަށް އެލް.ޖީ.އޭގެ ފަރާތުން ޝުކުރުއަދާކުރެއްވެވިއެވެ.
މި ބައްދަލުވުމުގައި އަތޮޅު ޒިންމާދާރުވެރިން އޮޅުންފިލުއްވުމަށް ބޭނުންވިކަންކަމަށް ޖަވާބު ދެއްވަވައި ގިނަ މަޢުލޫމާތުތަކެއް އެލް.ޖީ.އޭގެ ފަރާތުން ހިއްސާކުރެއްވެވިއެވެ. މައިގަނޑުގޮތެއް މިއަދުގެ ބައްދަލުވުމުގައި އަތޮޅު ޒިންމާދާރުވެރިން ފާހަގަކުރެއްވެވި މައްސަލަތަކަކީ، ރައްކާތެރިވުމަށް ބޭނުންވާ މާސްކް އާއި ސެނިޓައިޒަރ އަދި އަންގި ރަށުގައި ލިބެންނެތުމާއި މިކަންކަމަށް ޚަރަދުކުރާނެ ފައިސާގެ ކަންތައް އަދިވެސް ވަކިގޮތަކަށް ހަމަޖެހިފައިނެތުމުން ދަތިވާ މައްސަލައެކެވެ. އަދި އެކި ރަށުގައި ތަފާތުކޮށް ފިޔަވަޅުއެޅޭގޮތް ދިމާވާކަމަށާއި، ބައެއް ފަހަރަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ގައިޑްލައިނާ ޚިލާފުވެވޭގޮތަށް މާހަރުކަށިކޮންނާއި އަދި ތަފާތުކޮށް ފިޔަވަޅުއެޅޭގޮތް ދިމާވާތީ ހަމަހަމަކޮށް ރައްޔިތުންނަށް ތަކްލީފު އިތުރަށް އުފުލަންނުޖެހޭ ގޮތެއްގައި ފިޔަވަޅުތައް އެޅިގެންދިއުމުގެ މުހިންމުކަން ފާހަގަކުރެއްވެވިއެވެ.
ކޮމިޝަނުގެ ރައީސް އަދި ސީ.އީ.އޯ ޝަފީޤްގެ ވާހަކަފުޅުތަކުގައި ގުޅިގެން އެއް މިސްރާބަކަށް އެއް ހަމައަކުން ކަންކަންކުރުމަށާއި، ރައްޔިތުންނާއި ގުޅިގެން ވީހާވެސް އޮމާން އަމާންކޮށް ކަންކަންދާނެގޮތަކަށް ބަލައިގެން ހުރިހާ ބޭފުޅުންވެސް މި ދަނޑިވަޅުގައި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަތެވެ. އަދި ކަންކަމުގައި ބޭނުންފުޅުވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމާއި ފާހަގަކުރެވުނު ކަންބޮޑުވުންތަކަށް ހައްލު ހޯދާދެއްވުމަށް މަސައްކަތްކުރައްވާނެކަން ވިދާޅުވިއެވެ.
ފަހުގެ ޚަބަރުތައް
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާއާބެހޭ މަސައްކަތްތައް އޮންލައިންކޮށް ކުރުމަށް ފަރުމާކުރެވުނު މޮޑިއުލް އިފްތިތާޙުކޮށްފި
07 ޑިސެމްބަރ 2023
ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ އެންމެހާ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަނުގެ މަޤާމަށް އަލްފާޟިލް ޢަބްދުއްރަހީމް އަބްދުﷲ، އަރާއިރު / ލ. ފޮނަދޫ، ހަމަޖައްސަވައިފި
05 އޮކްޓޯބަރ 2023
އިންޑިއާގައި ބޭއްވޭ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާއަށް ފުރައިފި
30 އޮކްޓޯބަރ 2022
ތަމްރީނާއި ތަޖްރިބާ ހާޞލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާ އަށް
24 ޖުލައި 2022