14 ނޮވެމްބަރ 2018
ސިވިލް ސަރވިސް ތްރެއިނިންގ އިންސްޓިޓިއުޓުގެ ދަރިވަރުން އިސްނަގައިގެން ބޭއްވި ބްލަޑް ކޭމްޕްގައި 40 އަށްވުރެ ގިނަ ފަރާތްތަކުން ލޭ ހަދިޔާކޮށްފިއެވެ. މިއަދު ސީއެސްޓީއައި ގައި ބޭއްވި މި ހަރަކާތުގައި ލޭ ހަދިޔާކުރުމުގެ އިތުރުން މިއަދަކީ ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރެވޭ ދުނިޔޭގެ ހަކުރުބަލީގެ ދުވަސްކަމަށްވުމާއެކު މި ދުވަހުގެ މުނާޞަބާވެސް ފާހަގަކުރުމުގެ ގޮތުން ހަކުރުބައްޔަށް ޓެސްޓްކޮށްދިނުމާއި ހަކުރުބައްޔާބެހޭ މައުލޫމާތު ދިނުންވެސް ކުރިޔަށްދިޔައެވެ. ހަކުރުބައްޔަށް ޓެސްޓްކޮށްދިނުމާއި ހަކުރު ބައްޔާބެހޭ މައުލޫމާތު މި އިވެންޓްގައި ދެއްވީ ދަމަނަ ވެށީގެ ފަރާތުންނެވެ.މިއަދު ހެނދުނު 10 އިން މެންދުރުފަހު 2 އަށް ކުރިޔަށްގެންދިޔަ ލޭ ހަދިޔާކުރުމުގެ މިހަރަކާތަކީ މޯލްޑިވްސް ބްލަޑް ސަރވިސަސްއާ ގުޅިގެން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ހޯދުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި ކުރިޔަށްގެންދިޔަ ހަރަކާތެކެވެ.
ލޭ ހަދިޔާކުރުމުގެ މި ހަރަކާތް ނިންމުމުގެ ގޮތުން މިއަދު މެންދުރުފަހު ސީއެސްޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ 2018 ވަނަ އަހަރު ރާއްޖޭގެ ޤައުމީ އެތްލެޓިކްސް މުބާރާތުގެ އެންމެމޮޅު ދުވުންތެރިޔާ، އެމްއެންޑީއެފްގެ ކޯޕްރަލް ހުޞައިން ފަޒީލު ހާރޫންއެވެ. މި ރަސްމިއްޔާތުގައި ފަޒީލު ދެއްކެވި ވާހަކައިގައި ލޭހަދިޔާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދެއްކެވިއެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު މި ރަސްމިއްޔާތުގައި ދެއްކެވި ވަހަކަފުޅުގައި، މަސަކަތުގެ މާހައުލުގައިވެސް ކާމިޔާބާއެކު ކުރިޔަށް ދިއުމުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ފަރާތުން އެ މަރުކަޒުގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކް ޑރ. މުޙައްމަދު އުމަރު ދެއްކެވި ވާހަކަފުޅުގައި، ލޭ ހަދިޔާކުރުމަށް ބާއްވާ މިފަދަ ކޭމްޕަތައް ފަދަ ހަރަކާތްތަކުގައި ގިނަ ޢަދަދެއްގެ މީހުން ލޭ ހަދިޔާކުރަމުންދިޔަ ނަމަވެސް އެ ސަރވިސަސްއަށް ބޭނުންވާ މިންވަރަށް ލޭ ދާއިމީގޮތެއްގައި ލިބެމުން ނުދާކަން ފާހަގަކުރެއްވިއެވެ. މުޙައްމަދު އުމަރު ވިދާޅުވީ ލޭ ދޭ ފަރާތްތަކުން ކޮންމެ ތިންމަހުން ތިންމަހުން ޤަވާޢިދުން ލޭ ދެއްވަމުން ގެންދަވާނަމަ އެ ސަރވިސަސްއަށް ބޭނުންވާ މިންވަރަށް ލޭ ލިބުމުގައި ދަތިކަމެއް ކުރިމަތިނުވާނެ ކަމަށެވެ. އެހެންކަމުން ލޭ ދެއްވާ ފަރާތްތަކުން މިފަދަ ކޭމްޕަތައް ބާއްވަންދެން ލޭ ދެއްވަން މަޑުނުކުރައްވާ އެސަރވިސަސްއަށް ވަޑައިގެން ޤަވާޢިދުން ލޭ ދެއްވަމުން ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެ މަރުކަޒުގައި ހުކުރުދުވަސް ނޫން ކޮންމެދުވަހަކުވެސް ލޭ ނެގުމުގެ އިންތިޒާމު ހަމަޖެހިފައި އޮންނާނެކަމަށް މުޙައްމަދު އުމަރު ވިދާޅުވިއެވެ.
ސީއެސްޓީއައިގެ ދަރިވަރުންގެ އިސްނެގުމާއެކު ކޮންމެ އަހަރަކު ކުރިޔަށްގެންދިއުމަށް ރޭވިފައިވާ މިހަރަކާތް ބާއްވާ މިއީ ދެވަނަ ފަހަރެވެ.
ފަހުގެ ޚަބަރުތައް
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާއާބެހޭ މަސައްކަތްތައް އޮންލައިންކޮށް ކުރުމަށް ފަރުމާކުރެވުނު މޮޑިއުލް އިފްތިތާޙުކޮށްފި
07 ޑިސެމްބަރ 2023
ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ އެންމެހާ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަނުގެ މަޤާމަށް އަލްފާޟިލް ޢަބްދުއްރަހީމް އަބްދުﷲ، އަރާއިރު / ލ. ފޮނަދޫ، ހަމަޖައްސަވައިފި
05 އޮކްޓޯބަރ 2023
އިންޑިއާގައި ބޭއްވޭ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާއަށް ފުރައިފި
30 އޮކްޓޯބަރ 2022
ތަމްރީނާއި ތަޖްރިބާ ހާޞލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާ އަށް
24 ޖުލައި 2022