ޖެންޑަރ މިނިސްޓަރު ކޮމިޝަނާއެކު މަޝްވަރާކުރައްވައިފި

17 ފެބްރުއަރީ 2020



މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް އަލަށް އައްޔަންކުރެވުނު ވަޒީރު އޮނަރަބަލް އައިޝަތު މުޙައްމަދުދީދީ ސިވިލް ސަރވިސް ކޮމިޝަނާ މިއަދު އެ މިނިސްޓްރީގައި ބައްދަލުކުރައްވަވައި އެ މިނިސްޓްރީ ހިންގުމުގައި ސިވިލް ސަރވިސް އާ ގުޅުންހުރި ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން އިސްކޮށް އިންނެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް އެވެ. މި މަޝްވަރާ ބައްދަލުވުމުގައި މި ފެބުރުވަރީ 20 ގައި ތަންފީޒުކުރަންފެށޭ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުތަކާގުޅިގެން ޖެންޑަރ މިނިސްޓްރީ އިން ހަމަޖައްސަންޖެހޭ ކަންކަމާ ގުޅިގެންނާއި އަދި މިނިސްޓްރީ އިން ބަލަހައްޓަމުންގެންދާ ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތި އަދި ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުން ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާހިނދު މިކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. މިކަންކަމުގެ ތެރޭގައި ސިވިލް ސަރވިސް އާ ގުޅުން ހުރި ކަންކަން ބަލައި އަވަސްކުރުމަށްޓަކައި ޓެކްނިކަލް ފެންވަރުގައި ކޮމިޓީ އެއް އުފައްދައި އަދި ކޮންމެ ހަފްތާއެކު މިނިސްޓްރީ އާއި ކޮމިޝަނާއިއެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވެއެވެ.
ތަފާތު މަސައްކަތްތަކެއް ކުރަމުންގެންދާއިރު ޚާއްސަކޮށް މުޖްތަމައުގައި ހިމެނޭ ޟޮއީފު މީހުންގެ ކަންތައްތައް ބަލަހައްޓާ ޖެންޑަރ މިނިސްޓްރީގެ ކަންކަން އަވަހަށް ހަމަޖައްސައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގައި ކޮމިޝަނުން ފުރިހަމައެއް ބާރުލުން މިނިސްޓަރަށާއި މިނިސްޓްރީ އަށް ލިބިވަޑައިގަންނަވާނޭ ކަމުގެ ކަށަވަރުކަން މި ބައްދަލުވުމުގައި ކޮމިޝަނުގެ މެންބަރުން އަރުވާފައިވެއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް