ފަސްވަނަ ސިވިލް ސަރވިސް ކޮންފަރެންސް ޖޫން މަހު ބޭއްވުމަށް ތައްޔާރުވެއްޖެ

17 މެއި 2026



ސިވިލް ސަރވިސްގެ މަސައްކަތްތައް ރޭވިފައިވާ ގޮތްތައް ދިރާސާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ބާއްވާ "ސިވިލް ސަރވިސް ކޮންފަރެންސް" މިއަހަރުގެ ޖޫން މަހު ބޭއްވުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

2014 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މި ކޮންފަރެންސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 13 އިން 15 އަށެވެ. މިއީ މި ސިލްސިލާގެ ދަށުން ބޭއްވޭ 5 ވަނަ ކޮންފަރެންސްއެވެ. މީގެ ކުރިން މި ކޮންފަރެންސް ބާއްވާފައިވަނީ 2014، 2016، 2018 އަދި 2024 ވަނަ އަހަރުގައެވެ.

މިއަހަރުގެ ކޮންފަރެންސަށް ކަނޑައަޅާފައިވާ ޝިޢާރަކީ

 "FUTURE- READY RESPONSIVE GOVERNANCE - Empower people, Embrace Agility, Enhance Services"

ނުވަތަ "ކުރިމަގަށް ތައްޔާރުވެފައިވާ އިޖާބަދޭ ހިންގުންތެރިކަމެއް - މީހުން ބާރުވެރިކުރުވައި، ހަލުވިކަމާއެކު ޚިދުމަތްތައް ހަރުދަނާކުރުން" މިއެވެ.

މި ޝިޢާރާ ގުޅުންހުރި މުހިންމު ދާއިރާތަކަކަށް މިއަހަރުގެ ކޮންފަރެންސްގައި އަލިއަޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމާއި، ޚިދުމަތުގެ ފެންވަރު މަތިކުރުމާއި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމާއި، މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމުގެ އިތުރުން، އިސްލާޙީ ބަދަލުތަކާއި ލީޑަރޝިޕްގެ ގޮންޖެހުންތައް ހިމެނެއެވެ.

މިއަހަރުގެ ކޮންފަރެންސްގައި ސިވިލް ސަރވިސްގެ އެކި އިދާރާތަކުގެ އިސް މުވައްޒަފުންނާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އިތުރުން ސިޓީ އަދި ރަށު ކައުންސިލްތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. ޖުމުލަ 350 ބައިވެރިންނާއެކު ކުރިއަށްދާ މި ބައްދަލުވުމުގައި، ސިވިލް ސަރވިސްގެ ކުރިމަގާ ގުޅޭ ގާތްގަނޑަކަށް 15 ދިރާސާ ކަރުދާސް ހުށަހެޅިގެންދާނެއެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ސިވިލް ސަރވިސްގެ ޚިދުމަތްތައް ދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ބޭނުންވާ އިންތިޒާމުތައް އެކަށައެޅުމެވެ. މި ކޮންފަރެންސްގައި ކީ-ނޯޓް ސްޕީކާރސްގެ ގޮތުގައި ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރެވޭ ފަރާތްތައް ހިމެނޭގޮތަށް ޖުމުލަ 6 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ސިވިލް ސަރވިސް ކޮންފަރެންސް ޚާއްޞަވާ އެއް ސަބަބަކީ، މި ކޮންފަރެންސްގައި މަޝްވަރާކުރެވޭ ކަންކަމާއި އަދި ދިރާސާ ކަރުދާސްތަކުން ފާހަގަކުރެވޭ ކަންކަމަށް ރިޢާޔަތްކޮށް، ސިވިލް ސަރވިސް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އިސްކަން ދިނުމެވެ. އެ ގޮތުން ކުރީގެ ކޮންފަރެންސްތަކުގައި ހުށަހެޅުނު ކަރުދާސްކަތާއި، ޚިޔާލުތަކުގެ އަލީގައި ސިވިލް ސަރިވިސްގެ ނިޒާމަށް ޒަމާނީ ހެޔޮ ބަދަލުތައް ދަނީ ގެނެވެމުންނެވެ.  މިއަހަރުގެ ކޮންފަރެންސްގެ އަމާޒަކީވެސް، މިފަދަ އައު އީޖާދުތަކާއި މަޝްވަރާތަކުގެ އަލީގައި، ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތްދޭ، ކުރިމަގަށް ތައްޔާރުވެފައިވާ ސިވިލް ސަރވިސްއެއް ބިނާކުރުމެވެ. 


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307