27 އޭޕްރީލް 2022
![](/images/Posts/558/f38d8698-6abc-49c0-9240-d469dad2b119_IMG_0463 (1)-02.jpeg)
މިނިސްޓްރީ އޮފް ފިނޭންސްގެ ޕަރމަނަންޓް ސެކްރެޓަރީ ކަމަށް އަލްފާޟިލް އަޙްމަދު ސިރާޖް (ވ. ސިނަމާލެ 4 04-2، މާލެ) ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އައްޔަނުކުރައްވައިފައެވެ. މަޤާމުގެ ލިޔުން ޙަވާލުކުރުމަށް މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ މިނިސްޓަރ އޮފް ފިނޭންސް އަލްފާޟިލް އިބްރާހީމް އަމީރު އެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފިނޭންސްގެ އިސްވެރިންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ އިތުރުން މެންބަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އަލްފާޟިލް އަޙްމަދު ސިރާޖަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސަދަރން ކުއީންސްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި، ޔޫ.ކޭގެ ޔުނިވަރސިޓީ އޮފް ސަންޑަރލަންޑުން ބެޗަލަރ އޮފް ބިޒްނަސް މެނޭޖްމަންޓް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. ޕީއެޗްޑީ އިން އިކޮނޮމިކްސް އެންޑް މުޢާމަލާތު އެޑްމިނިސްޓްރޭޝަން އަށް މިހާރު މަސައްކަތް ކުރައްވަމުންގެންދަވާ ސިރާޖް، އެންމެ ފުރަތަމަ ސަރުކާރާ ގުޅިވަޑައިގަތީ 2000 ވަނަ އަހަރު މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓުގެ، ޑާޓާ އެންޓްރީ އޮފިސަރެއްގެ މަޤާމަށެވެ. މަތީ ތަޢުލީމު ޙާޞިލުކުރެއްވުމަށްފަހު 2012 ވަނަ އަހަރު އަލުން ސަރުކާރާ ގުޅިވަޑައިގެން މިނިސްޓްރީ އޮފް ފިނޭންސްގެ ޕަބްލިކް އެންޓަރޕްރައިޒަސް އިވެލުއޭޝަން އެންޑް މޮނިޓަރިންގ ޑިވިޜަންގެ އެސިސްޓަންޓް ޑިރެކްޓަރެއްގެ މަޤާމު އަދާކުރެވުމަށްފަހު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު އެކުލަވާލުމާއެކު 2022 އޭޕްރީލް 27 އާ ހަމައަށް އަދާކުރައްވަމުން ގެންދެވީ އެ ބޯޑުގެ ސެކެރެޓަރީ ޖެނެރަލްކަމުގެ މަޤާމެވެ. މި މަޤާމުގައި ހުންނެވި އިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޯޕަރޭޓް ގަވަރނަންސް ކޯޑު އެކުލަވާލުމުގެ އެއް މޭސްތިރިއަކީ ސިރާޖެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ޚަރުދަނާކުރުމަށް، ހިންގުމުގެ ޤަވާއިދުތައް އެކުލަވާލުމާއި، މާލީ ޖަވާބުދާރީވުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. މީގެ އިތުރުންވެސް ސިރާޖު ވަނީ ދަޢުލަތުގެ ތަފާތު ގިނަ އިދާރާތަކުގައި، ހިންގުމުގެ މަސްޢޫލިއްޔަތު އަދާކުރައްވާފައެވެ. އޭގެ ތެރޭގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އަދި ހަޒާނާ މޯލްޑިވްސްގައި ބޯޑު މެންބަރެއްގެ ހައިސިއްޔަތުންވެސް މަސައްކަތް ކުރައްވާފައިވެއެވެ. ހުސްވަގުތު ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރެއްވުމުގައި އެކި ކޮލެޖް ޔުނިވަރސިޓީ ތަކަށް ކިޔަވާދެއްވުމުގެ އިތުރުން ސިރާޖަކީ، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ކައުންސިލް މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
މި ރަސްމިއްޔާތުގައި، ޕީ.އެސް ގެ މަސްއޫލިއްޔަތާއި ވާޖިބުތަކަކީ ކޮބައިކަން ބަޔާންކޮށްދެއްވައި ކޮމިޝަނުގެ ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އަދި މިނިސްޓަރުގެ ލަފަޔާއެކު، މިނިސްޓަރު އެދިވަޑައިގަންނަވާ ގޮތަށް، ސިވިލް ސަރވިސް މުވައްޒަފުންނާ ގުޅިގެން ކަންކަން ފަހިކޮށްދެއްވައި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި އެއްގޮތަށް މަސައްކަތްކޮށް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ސިވިލް ސަރވިސްގެ މިސްރާބު ހުރީ ޒަމާނާ އެއްގޮތަށް ކަންކަން ޑިޖިޓަލައިޒްކުރުމަށް ކަމަށްވާތީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރާވާއިރު އެކަމަށް ސަމާލުކަންދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި، ސިރާޖް އެ މިނިސްޓްރީގައި މީގެ ކުރިން ކޮށްފައިވާ ބުރަ މަސައްކަތް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިނިސްޓްރީގެ ހިންގުން ހަރުދަނާކޮށް މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ބުރަކޮށް މަސައްކަތްކުރެއްވުމަށް ހިތްވަރުދެއްވައި، އެންމެހާ މަސައްކަތްތަކުގައި މިނިސްޓަރުގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ދެއްވެވިއެވެ. އަދި ފާއިތުވެދިޔަ 5 އަހަރު ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމު ފުރުއްވި އަޙްމަދު މާޒިން މިނިސްޓްރީގެ ހިންގުމަށް ބޮޑު ބަދަލެއް ގެނެސް ޒަމާނީ ކުރެއްވުމަށް ކުރެއްވި މަސައްކަތަށް ޝުކުރު އަދާ ކުރެއްވިއެވެ.
ފަހުގެ ޚަބަރުތައް
![](/images/Posts/571/5f2b4702-322b-41ac-869e-413f39820a26_MicrosoftTeams-image (1).png)
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
![](/images/Posts/568/fd9314d4-063e-42df-bdda-f05a72595852_News_back.png)
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023
![](/images/Posts/567/f5371921-4619-4832-aca1-981a5eede611_final.png)
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާއާބެހޭ މަސައްކަތްތައް އޮންލައިންކޮށް ކުރުމަށް ފަރުމާކުރެވުނު މޮޑިއުލް އިފްތިތާޙުކޮށްފި
07 ޑިސެމްބަރ 2023