ލަންކާގެ ސީ.އައި.ޕީ.އެމް އާއިއެކު ރައީސް މަޝްވަރާކުރައްވައިފި

24 ޖަނަވަރީ 2020



އިންސާނީ ވަސީލަތް ބެލެހެއްޓުމަށާއި ހިންގުމުގެ ދާއިރާއިން ޕްރޮފެޝަނަލް ތަމްރީނުދޭ ސްރީލަންކާގެ މަރުކަޒެއް ކަމުގައިވާ ޗާރޓަޑް އިންސްޓިޓިއުޓް އޮފް ޕަރސަނޭލް މެނޭޖްމަންޓް އަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ޒިޔާރަތްކުރައްވަވައި އެތަނުގެ ވެރިންނާއި މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ސީ.އައި.ފީ.އެމް ގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެ އިންސްޓިޓިއުޓްގެ ޕްރެޒިޑެންޓް މިސްޓަރ ދަމީކާ ފެނާންޑޯ އެވެ. އެބޭފުޅާއެކު އެ އިންސްޓިޓިއުޓްގެ އިސް ލެކްޗަރާއިންނާއި ވެރިންވެސް ބައިވެރިވެވަޑައިގަތެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ދެ މުއައްސަސާގެ ދެމެދުގައި ގުޅުން ބަދަހިކޮށް މި އިންސްޓިޓިއުޓް އިން ހިންގާ ޕްރޮފެޝަނަލް ކޯސްތަކުގައި ފަސޭހައިން އަދި ޚަރަދުކުޑަކޮށް ދިވެހި ސިވިލް ސަރވަންޓުންނަށް ބައިވެރިކުރެވިދާނެގޮތުގެ މައްޗަށާއި، އަދި އެ އިންސްޓިޓިއުޓް އިން އިންސާނީ ވަސީލަތް ރާވައި، ޒަމާނީކޮށް ހިންގުމާގުޅޭގޮތުން ނެރެމުންދާ ދިރާސާތަކާއި، މިކަމުގައި ހޯދާފައިވާ މާހިރީ ތަޖްރިބާ ދިވެހި ސިވިލް ސަރވިސް އަށް ހިއްސާ ކުރެވިދާނެގޮތުގެ މައްޗަށެވެ.
ދެފަރާތުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާއެއް އެކުލަވާލުމަށް ކޮމިޝަނުގެ ރައީސް ހުށަހެޅުއްވެވި ހުށަހެޅުއްވުމަކަށް ސީ.އައި.ޕީ.އެމް އިން މަރުހަބާ ވިދާޅުވެ އަދި ކުރިއަށް އޮތްތާނގައި އެތަނުން އިންތިޒާމުކޮށް ބާއްވާނެ ބައިނަލްއަޤްވާމީ ކޮންފަރެންސް އަދި ވާރކްޝޮޕް ފަދަ ހަރަކާތްތަކުގައި ދިވެހި ސިވިލް ސަރވިސްގެ ފަރާތުން ބައިވެރިވުމަށް ދައުވަތު ދެއްވަވާނެކަމުގައި މި މަޝްވަރާ ބައްދަލުވުމުގައި އެތާނގެ ރައީސް ދަމީކާ ފެނާންޑޯ ވިދާޅުވިއެވެ. އަދި އެތަނުގެ ބައެއް ދިރާސާ ޕަބްލިކޭޝަންތައް ކޮމިޝަނުގެ ރައީސަށް ހަދިޔާކުރެއްވެވިއެވެ. ސީ.އައި.ޕީ.އެމް އިން ކޮމިޝަނަށް މަރުހަބާ ވިދާޅުވެ، ބޭނުންވާ ކަންކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވަވާނެ ކަމުގައި ވިދާޅުވުމުން ކޮމިޝަނުގެ ރައީސް މިކަމަށްޓަކައި ޝުކުރުއަދާކުރެއްވެވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307