ސްރީލަންކާގައި ދިވެހި ސިވިލް ސަރވަންޓުންނަށް ތަމްރީނާއި ތަޖްރިބާ ލިބިދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

23 ޖަނަވަރީ 2020



ސްރީލަންކާގައި އެންމެފުޅާ ދާއިރާއެއްގައި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ތަމްރީނާއި ތަޖްރިބާ ހޯދުމުގެ ފުރުޞަތު ދެމުންގެންދާ މަރުކަޒު ކަމުގައިވާ ސްރީލަންކާ އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަން (ސްލީޑާ) އަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އިއްޔެ ޒިޔާރަތްކުރައްވައި، އެ މަރުކަޒުގެ ވެރިންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވައިފިއެވެ.

އިއްޔެ މެންދުުރުފަހު، ސްލީޑާގައި ބޭއްވުނު މި މަޝްވަރާ ބައްދަލުވުމުގައި، 5 ދާއިރާއަކުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މައުލޫމާތު މުއްސަނދިކޮށް ތަމްރީނު ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ސްލީޑާއިން މިދާއިރާތަކުގައި ހިންގާ ކުރު މުއްދަތުގެ ތަމްރީނުތަކުގައި ދިވެހި ސިވިލް ސަރވަންޓުން ބައިވެރިކުރުމަށް ޝައުގުވެރިވާތީ މިކަންކުރިއަށް ގެންދެވިދާނެ ގޮތްތަކާމެދު ސްލީޑާގެ ޑިޕާރޓްމަންޓްތަކުގެ ވެރިންނާއެކު މަޝްވަރާކުރެއްވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ސްލީޑާގެ ފަރާތުން އިސްކޮށް އިންނެވީ ސްލީޑާ ވަގުތީގޮތުން ހިންގުމާ ހަވާލުވެ ހުންނެވި މިސިޒް ކުމާރީ ޖަޔަސޭކަރަ އާއި އެތަނުގެ ފެކަލްޓީތަކުގެ އިސް ވެރިންނެވެ. ސްލީޑާގައި ހިންގާ ކޯސްތަކުގައި ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ބައިވެރިކުރުމަށް އެފަރާތުން މަރުޙަބާ ވިދާޅުވިއެވެ. އަދި ކޮމިޝަނުން ބޭނުންނަމަ މާސްޓާރސް އިން ޕަބްލިކް މެނޭޖްމަންޓް ޕްރޮގްރާމްވެސް އައުގޮތަކަށް ފަރުމާކޮށް، ސިވިލް ސަރވަންޓުންނަށް ބައިވެރިވެވޭގޮތަށް ހަދާދެވިދާނެ ކަމުގައި މިކަމުގެ ތަޖްރިބާ ހުރި ފެކަލްޓީގެ ހެޑް އޮފް ޑިޕާރޓްމެންޓް ވިދާޅުވިއެވެ.

މިބައްދަލުވުމަށްފަހު، ކޮމިޝަނުގެ ރައީސް، ޑރ. ޝަމީމް  ސްލީޑާގެ ލައިބްރަރީ އާއި ތަމްރީނުދޭ ކުލާހެއް ބައްލަވާލެއްވިއެވެ. އަދި ސްލީޑާގައި ތަމްރީނު ހަދަމުންގެންދާ ސްރީލަންކާގެ ސިވިލް ސަރވިސް މުވައްޒަފުންނާ ބައްދަލުކުރައްވައި އަމިއްލަ ނަފުސު ތަރައްޤީ ކުރުމާގުޅޭ މަޢުލޫމާތުކޮޅެއް ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ދެވަނަ ސެކެޓްރީ އަލްފާޟިލާ ސާނިޤާވެސް ބައިވެރިވެވަޑައިގަތެވެ.

ސީ.އެސް.ސީ އާއި ސްލީޑާ އާދެމެދު 2012 ވަނަ އަހަރުގައި އެކުލަވާލެވިފައިވާ ފަހުމުނާމާއަކަށް މިހާރުވެސް ދަނީ އަމަލުކުރަަމުންނެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް