ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދު ޕާކިސްތާނުގެ ނެޝަނަލް ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އަށް ޒިޔާރަތްކުރައްވައިފި

24 ޖޫން 2019



މިހާރު ޕާކިސްތާނަށް ދަތުރު ކުރައްވަމުން ގެންދަވާ ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދު މިއަދު ޕާކިސްތާނުގެ ނެޝަނަލް ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އަށް ޒިޔާރަތްކުރައްވައިފިއެވެ. މި ބޭފުޅުންނަށް އެން.ޔޫ.އެސް.ޓީ ގެ ފަރާތުން މަރުޙަބާ ދެންނެވީ އެ ޔުނިވަރސިޓީގެ ޕްރޯ ރެކްޓަރ މޭޖަރ ޖެނެރަލް ޖަހާންގިރް ޙާން އާއި އަދި އެ ޔުނިވަރސިޓީގެ ފެކަލްޓީ ތަކުގެ އިސް ވެރިންނެވެ. މި ޒިޔާރަތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ވަނީ ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ތާރީޚީ އެކުވެރި ރަހުމަތްތެރި ގުޅުމަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. ރައީސް ގެ ވާހަކަފުޅުގައި ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ. އަދި ސިވިލް ސަރވިސްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޕާކިސްތާނުގެ ނެޝަނަލް ކޮލެޖް އޮފް ޕަބްލިކް ޕޮލިސީއާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު 2017 ވަނަ އަހަރު ސޮއިކުރެވުނު ފަހުމުނާމާގެ ސަބަބުން މިއަދު ސޮއިކުރެވުނު މި ފަހުމުނާމާގެ ސަބަބުން ސިވިލް ސަރވިސް ޒަމާނީކޮށް ތަރައްޤީކުރުމަށް ދިރާސާތައް ހެދުމަށް ބޭނުންވާ ތަމްރީނާއި، ތަޢުލީމާއި، މަޢުލޫމާތު އަދި ތަޖުރިބާ ޙިއްޞާކުރުމުގެ ފުރުޞަތުތައް ފަހިވެގެންގޮސްފައިވާކަމާއި އަދި ޕާކިސްތާނުގެ ސަރުކާރުގެ ފަރާތުން ދިވެހި ސިވިލް ސަރވިސް ގެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވަވައި ކޮމިޝަނުގެ ރައީސް ޝުކުރުއަދާކުރެއްވެވިއެވެ.
މިއަދުގެ މި ޒިޔާރަތުގައި ނެޝަނަލް ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ އެކި ފެކަލްޓީތަކަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. އޭގެ ތެރެއިން ސްކޫލް އޮފް އިލެކްޓްރިކަލް އިންޖްނޭރިންގް އެންޑް ކޮމްޕިޔުޓަރ ސައިންސް އާއި ސްކޫލް އޮފް މެކޭނިކަލް އެންޑް މެނުފެކްޗަރިންގ އިންޖްނޭރިންގ ގެ ފެކަލްޓީތަކަށް ޒިޔާރަތްކޮށް އެ ރޮނގުން ކިޔަވާ ދަރިވަރުން ތައްޔާރުކޮށްފައިވާ ރޮބޮޓިކްސްތައް އަދި އެހެނިހެން އީޖާދީ ހުނަރުތައް ބައްލަވާލެއްވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް