ސްރީލަންކާގެ ޕަބްލިކް ސަރވިސް ކޮމިޝަނާއެކު ގުޅުންބަދަހިކުރުމަށް މަޝްވަރާ ކުރައްވައިފި

23 ޖަނަވަރީ 2020



ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ސިވިލް ސަރވިސް ކޮމިޝަން (ސީ.އެސް.ސީ) ގެ ރައީސް، ޑރ. އަލީ ޝަމީމް، ސްރީލަންކާގެ ޕަބްލިކް ސަރވިސް ކޮމިޝަނަށް ޒިޔާރަތް ކުރައްވައި، އެކޮމިޝަނުގެ ޗެއަރމަން، މިސްޓަރ ޑީ. ޑިސެނަޔަކަ އާއި ބައްދަލުކުރައްވައި ދެކޮމިޝަނުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

އިއްޔެ ހެނދުނު ޕަބްލިކް ސަރވިސް ކޮމިޝަންގައި ބޭއްވުނު މި މަޝްވަރާ ބައްދަލުވުމުގައި ސްރީލަންކާގެ ޕަބްލިކް ސަރވިސް ކޮމިޝަނުގެ ޗެއަރމަން ވަނީ ސީ.އެސް.ސީގެ ރައީސަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. އަދި ދެ މުއައްސަސާގެ ގުޅުން ރަސްމީކުރުމުގެގޮތުން ފަހުމުނާމާއެއް އެކުލަވާލުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. މީގެ އިތުރުން، ސާރކްގެ ގައުމުތަކުގެ މެދުގައި ސިވިލް ސަރވިސް އާ ބެހޭގޮތުން މަޢުލޫމާތާއި ތަޖްރިބާ ބަދަލުކޮށް ގުޅިގެން ތަރައްޤީ ހޯދުމަށް މަސައްކަތް ކުރުމަށްޓަކައި ބޭއްވޭ ސާރކް ކޮންފަރެންސް އޮފް ޕަބްލިކް/ސިވިލް ސަރވިސް ޗީފްސް ކޮންފަރެންސް މިއަހަރު ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާކަން ސްރީލަންކާގެ ޕަބްލިކް ސަރވިސް ކޮމިޝަނުގެ ޗެއަރމަން އަރިހުގައި ސީ.އެސް.ސީގެ ރައީސް ވަނީ ދަންނަވާފައެވެ. މިކަމަށް މަރުޙަބާ ވިދާޅުވެ، ސްރީލަންކާގެ ކޮމިޝަނުން މި ކޮންފަރެންސްގައި ބައިވެރިވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307