އާސްތާނާ ސިވިލް ސަރވިސް ހަބް ޖަމްއިއްޔާގެ އަހަރިީ ކޮންފަރެންސްގައި ކޮމިޝަނުން ބައިވެރިވަނީ

14 ޖޫން 2019



ސިވިލް ސަރވިސް ގެ ކަންކަން ކުރިއަރުވައި މުވައްޒަފުން ތަމްރީނުކުރުމުގައި ފަންނީ އެހީތެރިކަމާއި ދިރާސީ މަސައްކަތްކުރުމަށް ކަޒަކިސްތާނާއި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް އާ ގުޅިގެން ކަޒަކިސްތާނުގެ ވެރިރަށް ނޫރުސުލްތާނުގައި އުފައްދާފައިވާ އާސްތާނާ ސިވިލް ސަރވިސް ހަބް ޖަމްއިއްޔާގެ އަހަރީ ކޮންފަރެންސްގައި ސިވިލް ސަރވިސްގެ ވަފުދެއް ބައިވެރިވެއްޖެއެވެ.

މި ޖޫން މަހުގެ 13 ން 14 އަށް ކުރިއަށްދާ މި ކޮންފަރެންސްގައި ކޮމިޝަނުގެ ފަރާތުން ބައިވެރިވާ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި މެންބަރު ފާތިމަތު އާމިރާ އެވެ. ވެލިއޫސް، ޓްރަސްޓް އެންޑް ޓެކްނޮލޮޖީ އިން ޕަބްލިކް ސެކްޓަރ މި މައުޟޫގެ މައްޗަށް ބޭއްވޭ ކޮންފަރެންސް ގައި މިއަދުގެ ސެޝަންތަކުގައި، މުޅި ސަރުކާރުގެ މިސްރާބު އެއްގޮތަކަށް އާންމު ސިޔާސަތު ހިންގުމުގައި ބައްޓަންކުރުމާ ގުޅޭގޮތުންނާއި ސަރުކާރުގެ ޚިދްމަތްތައް ދިނުމުގައި ޓެކްނޮލޮޖީގެ ބޭނުން ހެޔޮގޮތުގައި ހިފުމާގުޅޭގޮތުންނާއި، ރައްޔިތުންނަށް އިތުބާރު ބޮޑަށް ހިފޭގޮތަށް ހާމަކޮށްކަންކަންކުރުމާއި، އަދި އިންސާނީ ވަސީލަތް ކުރިއެރުވުމުގައި މިހާރު ކަންކުރެވޭގޮތާއި ސިވިލް ސަރވިސް ކުރިއެރުމުގައި ދިމާވެފައިވާ ޖޮންޖެހުންތަކާ ގުޅޭގޮތުން ކަރުދާސް ހުށަހަޅާ ވާހަކަ ދެކެވުނެވެ.
ދިވެހި ސިިވިލް ސަރވިސް އަށް ދިމާވެފައިވާ ބައެއް ޖޮންޖެހުންތަކާއި އަދި މިކަމުން އަރާގަތުމަށް ބޭނުންވާ ބައިނަލް އަޤްވާމީ އެހީތެރިކަމާއި މަދަދުވެރިކަމާ ގުޅޭގޮތުން މިއަދުގެ ކޮންފަރެންސްގައި ކޮމިޝަނުގެ ރައީސް ވާހަކަފުޅު ދެއްކެވިއެވެ. ރައީސްގެ ވާހަކަފުޅުގައި އޭޝިއާގެ މަސައްކަތްތެރިންގެ ކިބައިގައި ކުރިންހުރި ރީތި ސިފަތަކާއި އަދަބުތައް ކަމުގައިވާ ނަޒާހަތްތެރިކަމާއި، ދެމެހެއްޓެނިވި ގޮތުގައި މަސައްކަތްތައް ހިންގުމުގާއި، އަދަބު އިހުތިރާމާއެކު މުޢާމަލާތްކުރުމާއި ދިމާވާ މައްސަލަތަކަށް އަމިއްލަ އެހީގައި ހައްލު ހޯދުމާއި މިކަންކަމުގެ މަތީން އިހުމާލުވެވި ޒަމާނީ ތަރައްޤީ އާއެކު ބީރައްޓެހި ކަންކަން ބަލާގަނެ ކަންކަމުގައި ކުރިން ގެންގުޅުނު ފައިދާހުރި ވެލިއުސް ނެތެމުންދާތީ ކަންބޮޑުވުންފާޅުކޮށް މިކަންކަން އަލުން ނެގެހެއްޓުމަށް މަސައްކަތް ކުރުމަށް ޖަމްއިއްޔާއަށް ގޮވާލެއްވެވިއެވެ. އަދި ތަރައްޤީ ވުމަށް މަސައްކަތްކުރާ ގައުމުތަކަށް ހެޔޮއަގެއްގައި ޓެކްނޮލޮޖީ ފޯރުކޮށްދެވޭނެ ގޮތްތަކެއް ގާއިމުކުރުމުގެ މުހިއްމުކަމާއި، ތަރައްޤީ ވުމަށް މަސައްކަތް ކުރާ ސިވިލް ސަރވަންޓުން ތަރައްޤީވެފައިވާ ގައުމުތަކުން ތަފާތު ހީލަތްތެރި ޕްރޮގްރާމްތައް އުފައްދާގެން ތަރައްޤީވަމުން މަސައްކަތްކުރާ ގައުމުތަކުގައިވާ ހުނަރުވެރި މަދު މުވައްޒަފުން ޖަހާގަންނަމުންދާކަމުގައި ވިދާޅުވެ މިކަންކަމަށް ބައިނަލް އަޤްވާމީ ކަމުވޮށިވެގެންވާ ނިޒާމުތަކުގެ ތެރެއިްނ ހައްލު ހޯދާދެއްވުމަށް ގޮވާލެއްވެވިއެވެ. މިގޮތުން ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަންގެ ވިޔަފާރީގެ މަޝްވަރާތަކުގައި މިގޮންޖެހުންތައް ހިމަނައި ނުވަތަ އިންޓަރ ނޭޝަނަލް ލޭބަރ އޮގަނައިޒޭޝަންގެ ފަރާތުން ތަރައްޤީ ވުމަށް މަސައްކަތްކުރާ ގައުމުތަކަށް ދިމާވެފައިވާ ބޭއިންސާފު މި މައްސަލަތައް ހައްލުކޮށްދެއްވުމަށް އެހީތެރިވެދެއްވުމަށް ވެސް ގޮވާލެއްވެވިއެވެ.
އާސްތާނާ ސިވިލް ސަރވިސް ހަބް ޖަމްއިއްޔާގައި ސިވިލް ސަރވިސް ކޮމިޝަނުން މެންބަރެއްގެ ގޮތުގައި ބައިވެރިވެފައިވަނީ މި އަހަރުއެވެ. އަދި މިހާރު ކަޒަކިސްތާނުގެ ވެރިރަށް ނޫރު ސުލްތާނުގައި ކުރިއަށްދާ އެ ޖަމްއިއްޔާގެ އަހަރީ ކޮންފަރެންސްގައި ކޮމިޝަނުން ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ. މިހާރު ޖުމްލަ 41 މެންބަރުން ހިމެނޭ މި ޖަމްއިއްޔާ އުފެދިފައުވަނީ 2013 ވަނަ އަހަރުއެވެ. މި ޖަމްއިއްޔާއަކީ އަހަރީ ފީއެއް ދައްކަންޖެހޭ ޖަމްއިއްޔާއެއް ނޫނެވެ. ނަމަވެސް މެންބަރުންނަށް މުވައްޒަފުން ތަމްރީނުކުރުމާއި ދިމާވާ މައްސަލަތަކަށް ދިރާސާތައް ހަދާދީ އެހީތެރިވުމާއި އަދި އެއްގައުމެއްގެ ބިނާކުރުވަނިވި އީޖާދީ ތަޖްރިބާތައް ހިއްސާކުރުމުގައި ފުޅާދާއިރާއެއްގައި އެހީވެދެއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް