ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަޑިތަކާއި ގުޅޭގޮތުން ތަމްރީނާއި މަޢުލޫމާތު ހޯދުމަށް މަޝްވަރާކުރައްވައިފި

14 ޖަނަވަރީ 2020



އ.ދ. މަޖިލީހުން 2015 ވަނަ އަހަރުން 2030 ވަނަ އަހަރާ ދެމެދު ހާސިލްކުރުމަށް ކަނޑައަޅާ  'ސަސްޓޭނަބަލް ޑިވެލޮޕްމަންޓް ގޯލްސް' ނުވަތަ ދެމެހެއްޓެނިވި ތަރައްޤީ ގެ ލަނޑުދަނޑިތަކާ ގުޅޭގޮތުން ސިވިލް ސަރވަންޓުންނަށް ތަމްރީނާއި މަޢުލޫމާތު ހޯދުމާ ގުޅޭގޮތުން، ބެންކޮކްގައި ހުންނަ ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ޕެސިފިކް (އެސްކެޕް) ގެ އޮފީހަށް ކޮމިޝަނުގެ ރައީސް، ޑރ. އަލީ ޝަމީމް ޒިޔާރަތްކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މިގޮތުން މިއަދު ކޮމިޝަނުގެ ރައީސް ވަނީ އެސްކެޕްގެ އެންވައިރަމަންޓް އެންޑް ޑިވެލޮޕްމަންޓް ޑިވިޝަންގެ ޑިރެކްޓަރ، މިސްޓަރ ސްޓެފަނޯސް ފޮޓިއޯ އާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

މިއަދު ބޭއްވުނު މިމަޝްވަރާ ބައްދަލުވުމުގައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ކަންކަން ރާވައި ތަންފީޒުކުރާނެގޮތާބެހޭ ތަމްރީނެއް، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި (ސީ.އެސް.ޓީ.އައި)، ސިވިލް ސަރވަންޓުންނަށް ހިންގުމާގުޅޭ ގޮތުންނާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމާގުޅޭ 2 ދުވަހުގެ ވާރކްޝޮޕެއް ސާރކްގެ ގައުމުތަކުގެ މަންދޫބުންނަށް، އެސްކެޕްގެ ފަރާތުން ރާއްޖޭގައި ހިންގެވުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މިކަމަކީ ސާރކް ގައުމުތަކުގެ މެދުގައި ސިވިލް ސަރވިސްގެ ކަންކަން ހަރުދަނާކޮށް ތަރައްޤީ ކުރުމަށް މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 6 ވަނަ ކޮންފަރެންސް އޮފް ޕަބްލިކް ސިވިލް ސަރވިސް ޗީފްސް އަށް ފަހު އިތުރަށް ތަމްރީނު ޕްރޮގްރާމެއް ހިންގުމުގެ މަގްސަދުގައި ބޭއްވޭތޯ މަޝްވަރާކުރެވުނު ކަމެކެވެ. މީގެ އިތުރުން، ސީ.އެސް.ޓީ.އައި ގެ ލައިބްރަރީއަށް، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅޭ މަޢުލޫމާތު އެކުލެވޭ ފޮތްފަދަ ތަކެތި ހޯދުމާބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި، އެސްކެޕްގެ ފަރާތުން މިކަންކަމުގައި އެހީތެރިކަން ދެއްވާނެ ކަމަށާއި މިކަމަށް ހިގާނެ ޚަރަދު ހަމަޖައްސާ ދެވޭތޯ އެސްކެޕްގެ ބަޖެޓާބެހޭ ކޮމިޓީއަށް ހުށަހަޅުއްވާ ދެއްވާނެކަމުގައި ޑިރެކްޓަރ ސްޓެފަންސް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި، ކޮމިޝަނުގެ ރައީސް، ޑރ. އަލީ ޝަމީމް ގެ އަރިހުގައި،  ތައިލޭންޑް ގައި ހުންނަ ދިވެހި އެމްބަސީގެ ކައުންސެލަރ، އަލްފާޟިލް ޢަލީ ހާޝިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް