ތައިލޭންޑްގައި ހުންނަވާ ދިވެހި ސަފީރާއެކު ކޮމިޝަނުގެ ރައީސް މަޝްވަރާކުރައްވައިފި

13 ޖަނަވަރީ 2020



ދިވެހި ސިވިލް ސަރވަންޓުންނަށް ތަމްރީނާއި ތަޖްރިބާ ހޯދުމުގެ ފުރުޞަތުތައް ތައިލޭންޑްގެ ސިވިލް ސަރވިސްގެ ކަމާބެހޭ އިދާރާތަކުން ފަހިކުރެވޭތޯ ބެލުމުގެ ގޮތުން ތައިލޭންޑް އަށް ރާއްޖެއިން ކަނޑައަޅާފައިހުންނަވާ ސަފީރު ހިޒް އެކްސަލަންސީ މުޙައްމަދު ޖިނާޙް އާއި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ބައްދަލުކުރައްވަވައި މަޝްވަރާކުރައްވަވައިފިއެވެ. ތައިލޭންޑް ގެ ވެރިރަށް ބެންކޮކްގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މިއަދު ބޭއްވުނު ބައްދަލުކުރުމުގައި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ ހުދާ ޢަލީ ޝަރީފް އާއި އެމްބަސީގެ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.
ކޮމިޝަނުގެ ރައީސް ދިވެހި ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދިވެހި ސިވިލް ސަރވިސްގެ ކަންކަމާގުޅޭގޮތުން މަޢުލޫމާު ހިއްސާކުރައްވަވައި ދިވެހި ސިވިލް ސަރވަންޓުންނަށް މަސައްކަތު ހުނަރާއި ގާބިލުކަން އިތުރުކުރުމަށާއި އަދި މަޢުލޫމާތު ތަޖްރިބާ ތައިލޭންޑް ގެ ކަމާބެހޭ މުއައްސަސާތަކުން ހޯދުމާގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ. ތައިލޭންޑްގެ އޮފީސް އޮފް ދަ ސިވިލް ސަރވިސް ކޮމިޝަނާ، ދިވެހި ސިވިލް ސަރވިސް ކޮމިޝަން ދެމެދު ކުރިންސުރެ ފަހުމުނާމާ އެއްވަނީ އެކުލަވާލެވިވަނީ ގުޅުން އުފެއްދިފައެވެ. ނަމަވެސް، މި ފަހުމުނާމާގެ މުއްދަތު ހަމަވެފައިވާތީ މި ފަހުމުނާމާގެ މުއްދަތު އައުކުރުމަށް ވަނީ ބޭނުންވެފައެވެ. މިކަމުގައި ދިވެހި އެމްބަސީގެ އެހީތެރިކަމަށް ކޮމިޝަނުގެ ރައީސް އެދިވަޑައިގެންނެވިއެވެ.
އ.ދ. މަޖިލީހުގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ ޕެސިފިކް ގެ މައި އޮފީސްވެސް ހުންނަނީ ބެންކޮކް ކަމަށްވެފައި މިތަނަކީ އ.ދ. އިން ތަންފީޒުކުރުމަށް މަސައްކަތްކުރާ ދެމިހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތައް ނުވަތަ އެޖެންޑާ 2030 އާ ގުޅޭގޮތުން ރާއްޖޭގައި މިކަމާގުޅޭ ތަމްރީނު ވާރކްޝޮޕެއް ބޭއްވޭތޯ އެސްކެޕްގެ ފަންނީ އަދި މާހިރީ އެހީތެރިކަން ލިބިދާނެގޮތްވޭތޯ ބެލުމަށްވެސް މި ބައްދަލުކުރުމުގައި މަޝްވަރާކުރެވުނެވެ. ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ރައީސް އެދިވަޑައިގެންނެވިކަންކަމުގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވަވާނެ ކަމުގެ ޔަގީންކަން ސަފީރު ޖިނާހް އެރުވިއެވެ. އަދި ދިވެހި ސިވިލް ސަރވަންޓުންނަށް ހެޔޮއެދިވަޑައިގެން އެފަރާތްތަކުގެ ތަރައްޤީއަށް ތައިލޭންޑުން ފަހިވެދާނެ ފުރުޞަތުތަކަކީ ކޮބައިތޯ ކަމާބެހޭފަރާތްތަކުން ބައްލަވާނެކަމަށާއި، މިކަމުގައި ކަންފަހިކޮށްދެއްވާނެކަމުގައި ވެސް ސަފީރު ވިދާޅުވެފައިވެއެވެ. މިކަމަށްޓަކައި ސަފީރަށް ރައީސް ޝުކުރުއަދާކުރެއްވެވިއެވެ.
ކޮމިޝަނުގެ ރައީސް ތައިލޭންޑް އަށް ކުރައްވަވާ ދަތުރުފުޅުގެ ތެރޭގައި ތައިލޭންޑް ގެ އޮފީސް އޮފް ސިވިލް ސަރވިސް ކޮމިޝަނަށާއި އެސްކެޕް ގެ އޮފީހަށް ޒިޔާރަތްކުރެއްވުމަށާއި އަދި މި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް