19 އޯގަސްޓް 2019
ދެ ދުވަހުގެ ރަސްމީ ޒިޔާރަތެއް ދިވެހިރާއްޖެއަށް އަދާކުރައްވަމުން ގެންދަވާ އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) ގެ 2 ބޭފުޅުން މިއަދު ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކުރައްވަވައި ކޮމިޝަނާއެކު މަޝްވަރާތައް ބާއްވައިފިއެވެ. މި މަޝްވަރާތައް ފެށުމުގެ ގޮތުންނާއި އެން.ސީ.ޖީ.ޖީގެ ވަފުދަށް މަރުހަބާ ކިޔުމަށް ބޭއްވުނު ހަފްލާ ބާއްވާފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގައެވެ. އެން.ސީ.ޖީ.ޖީ ގެ ވަފުދަށް އަދި ރާއްޖެއަށް ކަނޑައަޅާފައިހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދިރުއަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މަރުޙަބާ ދެންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި ކޮމިޝަނުގެ މެންބަރުންނެވެ. އެން.ސީ.ޖީ.ޖީ ގެ ފަރާތުން ރާއްޖެއަށް ވަޑައިގެންނެވި ދެ ބޭފުޅުންނަކީ ޑިޕާރޓްމަންޓް އޮފް އެޑްމިނިސްޓްރޭޓިވް ރިފޯރމްސް އެންޑް ޕަބްލިކް ގްރީވެންސަސް ގެ އެޑިޝަނަލް ސެކްރެޓަރީ، ޝްރީ ވީ. ސްރީނިވަސް އާއި އެން.ސީ.ޖީ.ޖީ ގެ އެސޯސިއޭޓް ޕްރޮފެސަރ ޕޫނަމް ސިންގް އެވެ. މި ވަފުދަށް މަރުހަބާ ދެންނެވުމުގެ ގޮތުން ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި އިންޑިއާ އާއި ދިވެހިރާއްޖޭގެ އޮތް ގާތް ގުޅުމަށް އަލިއަޅުއްވާލައްވައި، ސިވިލް ސަރވިސް ކޮމިޝަނާއި އެން.ސީ.ޖީ.ޖީ އާއި ދެމެދު އެއްބަސްވެވުނު ފަހުމުނާމާގެ ދަށުން އަގުހުރި ފުރުސަތުތަކެއް ދިވެހި ސިވިލް ސަރވިސް އަށް ލިބިގެންދާނެ ކަމަށް ދެންނެވިއެވެ. މިގޮތުން ދިވެހި ސިވިލް ސަރވިސްގެ ހިންގުން ހަރުދަނާކޮށް ކުރިއެރުވުމާއި އަދި ދިވެހި ސިވިލް ސަރވަންޓުން ތަމްރީނުކުރުމަށް އެހީތެރިކަންދިނުމުގެ ގޮތުން ތަޖުރިބާ ޙިއްސާކުރުމަށް މި އެއްބަސްވުމުގެ ދަށުން އިތުރު މަގުތައް ފަހިވެގެން ދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ކޮމިޝަނުގެ ރައީސް ދެންނެވިއެވެ.
އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ސަންޖޭ ސުދިރް ވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާފައެވެ. އެން.ސީ.ޖީ.ޖީގެ ވަފުދުގެ ޒިޔާރަތާއި ގުޅިގެން ވަރަށް ފުރިހަމަ ޕްރޮގްރާމެއް ކޮމިޝަނުން ރާއްވަވައިދެއްވައި އަރުއްވަމުން ގެންދަވާ މެހުމާންދާރީއަށް ޝުކުރު އަދާކުރެއްވެވިއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނާއި އެން.ސީ.ޖީ.ޖީ އާއި ދެމެދު ގުޅުން އިތުރަށް ބަދަހިވެ އަދި މި ބައްދަލުވުމަކީ ދިވެހި ސިވިލް ސަރވަންޓުން އެން.ސީ.ޖީ.ޖީގެ ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އެކްޝަން ޕްލޭން އެކުލަވާލައި މަސައްކަތް ފެށިގެންދާނެ ކަމުގައި ދެންނެވިއެވެ. ޑިޕާރޓްމަންޓް އޮފް އެޑްމިނިސްޓްރޭޓިވް ރިފޯރމްސް އެންޑް ޕަބްލިކް ގްރީވެންސަސް ގެ އެޑިޝަނަލް ސެކްރެޓަރީ، ޝްރީ ވީ. ސްރީނިވަސް މި ހަފްލާގައި ދެއްކެވި ވާހަކަފުޅުގައި ސިވިލް ސަރވިސް ކޮމިޝަނާއި އެން.ސީ.ޖީ.ޖީ އާ ދޭތެރޭގައި އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. އަދި ރާއްޖެ ފަދަ ޤައުމަކާއި އެއްކޮށް ފަހުމުނާމާއެއްގައި ސޮއިކުރުމަށް ލިބުން އެއީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމުގައި ދެންނެވިއެވެ.
މި ވަފުދު ވަނީ މިއަދު ނައިބު ރައީސް އޮނަރަބްލް ފައިސަލް ނަސީމް އާ ބައްދަލުކުރައްވާފައެވެ. މި ވަފުދު މާދަމާ ސީ.އެސް.ޓީ.އައި އަށް ޒިޔާރަތްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި މި ޒިޔާރަތުގައި ޕަރމަނަންޓް ސެކްރެޓަރީންނަށާއި ސަރުކާރުގެ އިސް އިދާރާތަކުގެ ވެރިންނަށް ޝްރީ ވީ. ސްރީނިވަސް ލެކްޗަރ އެއް ކުރިއަށްގެންދިއުމަށްވެސް ވަނީ ހަމަޖެހިފައިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026