29 ސެޕްޓެމްބަރ 2019
ޡަޤާފީގޮތުން ދޭދޭ ގައުމުތަކާ ގުޅުންބަދަހިކުރުމާއި އިންޑިއާގައި ތަމްރީނާއި މަތީ ތަޢުލީމު ލިބުމުގެ ފުރުޞަތު ހޯދާދޭ އިންޑިއާގެ މަރުކަޒުކަމުގައިވާ އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް އަށް ދިވެހި ސިވިލް ސަރވިސް ގެ ވަފުދު އިއްޔެ ޒިޔާރަތްކޮށްފިއެވެ.
މި ޒިޔާރަތަކީ އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް ގައި ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނާއި ތަޖްރިބާ ހާޞިލު ކުރުމުގެ ތެރެއިން ކުރެވުނު ޒިޔާރަތެކެވެ. މި ޒިޔާރަތުގައި މި ކައުންސިލް ހިންގެވުމާއި ހަވާލުވެހުންނެވި ރާއްޖެއަށް ކަނޑައެޅިފައިވާ އިންޑިއާގެ ސަފީރު ކަމުގައިވާ މިސްޓަރ އަކިލޭޝް މިޝްރާ ހޫނު މަރުޙަބާއެއް ވަފުދުގެ ބޭފުޅުންނަށް ވިދާޅުވިއެވެ. މިގޮތުން އެކައުންސިލްގައި ބޭއްވުނު ބައްދަލުކުރުމުގައި އިންޑިއާގެ ނިއުދިއްލީގައި ހުންނަވާ ދިވެހި ސަފީރު އާއިޝަތު މުހައްމަދު ދީދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޒިޔާރަތުގައި ބޭއްވުނު މައިގަނޑު ކަމަކީ ތަމްރީނުއާ ގުޅޭގޮތުން ބައިވެރިންގެ ޚިޔާލު ހުރިނެތްގޮތް ސާފުކުރެއްވުމާއި އަދި އައި.ސީ.ސީ.އާރު ގެ ފަރާތުންދޭ ސްކޯލަރޝިޕްތަކަށް ދިވެހިން ކުރިމަތިލާން ނޫޅޭ ސަބަބެއްކަމުގައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ފާހަގަކުރެއްވެވީ އެޕްލިކޭޝަން ފުރާއިރު އެއާއެކު މެޑިކަލް ރިޕޯރޓެއް ހުށަހަޅަން ޖެހޭތީ، ބައެއްފަހަރަށް ކެނޑިޑޭޓުން ނުހޮވުނީމާ އަމިއްލަ ޚަރަދުގައި ކުރަންޖެހޭ މެޑިކަލް ޗެކަޕް އަށްދާ ޚަރަދު ބޭކާރުނުވާތީއެވެ. އެހެންކަމުން އައި.ސީ.ސީ.އާރު އިން ދޭ ސްކޯލަރޝިޕް އަށް ހޮވުނީމާ ދެން މެޑިކަލް ޗެކަޕްގެ ރިޕޯރޓް ހަދާގޮތަށް ހަމަޖައްސާދެއްވުމަށް ކޮމިޝަނުގެ ރައީސް އެދިވަޑައިގަތެވެ.
މި ބައްދަލުކުރުމުގައި އެތާނގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ އަކިލޭޝް މިޝްރާ ދިވެހިރާއްޖެ ޚާއްސަ ސިފަތަކާއި، އަދި ދިވެހިންގެ ކިބައިގައި އެހެން ގައުމުތަކުގެ މިހުނާއެކު ގުޅިގެން ރިސޯރޓް ފަދަ ތަންތާނގައި އެއްވެސް ހަމަނުޖެހުމެއްނެތި މަސައްކަތްކުރެވޭކަން ފާހަގަކޮށް ދިވެހީންނަށް ތައުރީފު ކުރެއްވެވިއެވެ. އަދި ދިވެހިރާއްޖެއަކީ އެއްނަސްލަތާއި، އެއް ދީނެއް އަދި އެއްބަހަކުން ވާހަކަ ދައްކާ އެއް ސަޤާފަތެއްގެ އަހުލުވެރީންކަން ފާހަގަކުރައްވަވައި، ސިވިލް ސަރވަންޓުންނަށް ހިތްވަރުދެއްވައި ވާހަކަފުޅުދެއްކެވިއެވެ.
އައި.ސީ.ސީ.އާރު ގެ ޒިޔާރަތާއި ގުޅިގެން ބޭއްވުނު ބައްދަލުކުރުމުގައި ދިވެހި ސަފީރު އާއިޝަތު މުހައްމަދު ދީދީ ސިވިލް ސަރވަންޓުންނަށް އެ ކަމަނާ ކިޔަވާވިދާޅުވުމުގައި ކުރެވިފައިވާ ތަޖްރިބާ ތަކުގެ މައްޗަށް ބައްލަވައިލައްވައި ހިތްވަރުދެއްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ކުރިއަށްދިއުމަށްޓަކައި ސިވިލް ސަރވަންޓުންނަށް މިހާރު ހުޅުވެމުންދާ ފުރުސަތުތަކުގެ ބޭނުން އަގުހުރިގޮތުގައި ހިފައި ގައުމީ ޚިދުމަތްތެރިންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ގޮވާލެއްވެވިއެވެ.
ކޮމިޝަނުގެ ރައީސް ޑރ. ޝަމީމްވެސް މި ބައްދަލުކުރުމުގައި ވާހަކަދެއްކެވިއެވެ. ވާހަކަފުޅުގައި ސިވިލް ސަރވަންޓުންނަށް އިންޑިއާގެ ހިލޭ އެހީގައި ބާއްވާދޭ ތަމްރީނުތަކަކީ ވަރަށް ބޭނުންތެރި ބައިވެރިންގެ ސިކުނޑިތައް ހުޅުވާލާ، ގޮންޖެހުންތައް ހައްލުކުރުމަށް އާ ވިސްނުމާއި ގޮތްތައް ބޭނުންކުރަން ދަސްކޮށްދޭ ތަމްރީނެއްކަން ފާހަގަކުރެއްވެވިއެވެ. އަދި އިންޑިއާގެ ސިވިލް ސަރވިސް ގައި ކުރިއަރާފައިވާ ކަންކަމުގެ ތަޖްރިބާތައް ހިއްސާކުރަން ލިބޭ ރަނުގެ ފުރުސަތެއްކަން ފާހަގަކުރައްވަވައި މިކަމަށްޓަކައި އިންޑިއާގެ ސަރުކާރަށާއި އެން.ސީ.ޖީ.ޖީ އަށް ދިވެހި ސިވިލް ސަރވިސް ގެ ނަމުގައި ޝުކުރު އަދާކުރެއްވެވިއެވެ. މި ބައްދަލުކުރުމުގައި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވި ބައިވެރީންވެސް މި ތަމްރީނުގެ ބޭނުންތެރިކަމާއި މިއިން ލިބޭ ފައިދާގެ މައްޗަށް ބަލާލައި ޚިޔާލުފާޅުކޮށްފައިވެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026