ކޮމިޝަނުގެ ރައީސް އިންޑިއާގައި ހުންނަވާ ދިވެހި ސަފީރާއެކު މަޝްވަރާކުރައްވައިފި

27 ސެޕްޓެމްބަރ 2019



އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް ގެ ފަރާތުން ދިވެހި ސިވިލް ސަރވިސް ގެ 29 މުވައްޒަފަކަށް ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް ނިއުދިއްލީގައި މިހާރު ހުންނެވި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ނިއުދިއްލީގައި ހުންނަވާ ދިވެހި ސަފީރު ހަރ އެކްސަލަންސީ މެޑަމް ޢާއިޝަތު މުހައްމަދު ދީދީ އާއި އިއްޔެ ބައްދަލުކުރައްވަވައި މަޝްވަރާކުރައްވައިފިއެވެ.
ނިއުދިއްލީގައި ހުންނަ ދިވެހި އެމްބަސީގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި އިންޑިއާގެ ސަރުކާރުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މަސައްކަތުގެ ހުނަރާއި ހިންގުމުގެ ގާބިލުކަން އިތުރު ކުރުމަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމާގުޅޭ ގޮތުން މަޢުލޫމާތު ހިއްސާކުރެވުނެވެ. އަދި 5 އަހަރުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 2 ހަފްތާގެ ތަމްރީނު ޕްރޮގްރާމްތައް އެންމެ ކާމިޔާބު ގޮތުގައި ކުރިއަށްގެންދިއުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވެވިއެވެ. މިގޮތުން ދިވެހި ސިވިލް ސަރވަންޓުންނަށް ނުހަނު ފައިދާކުރާނެ ތަމްރީނުތައް ކުރިއަށްގެންދިއުމުގައި ދިވެހި އެމްބަސީއިން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމުގެ ކަށަވަރުކަން ކޮމިޝަނުގެ ރައީސަށް ސަފީރު އާއިޝަތު މުހައްމަދު ދީދީ އެރުވިއެވެ. އަދި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް އެކުވެރިގާތް ރަހުމަތްތެރިކަމުގެ ގުޅުމާއި އެއްގައުމު އަނެއްގައުމަށް މުހިންމު ވާ ސަބަބުތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަނެއް ކުރިއަށް އޮތް ތަމްރީނުތަކުގައި ހިމަނާދެއްވާތޯ ބައްލަވާނެކަމުގައިވެސް ސަފީރު ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ 2 ވަނަ ބެޗްގެ ތަމްރީނު ޕްރޮގްރާމްގެ ނިމުން ފާހަގަކޮށް ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް މިއަދު ބޭއްވޭ ޙާއްސަ ރަސްމިއްޔާތުގައި ދިވެހި ސަފީރު ބައިވެރިވެވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ޕަރސަނޭލް، ޕަބްލިކް ގްރީވެންސަސް އެންޑް ޕެންޝަންސް ގެ ވަޒީރު ޑރ. ޖީތެންދުރަ ސިންގ އެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް