އިންޑިއާގައި ތަމްރީނު ލިބިގަންނަމުންދާ ސިވިލް ސަރވަންޓުން ދެ ތަނަކަށް ތަޖްރިބާގެ ޒިޔާރަތެއްކޮށްފި

25 ސެޕްޓެމްބަރ 2019



އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯ ގުޑް ގަވަރނަންސް ގެ ފަރާތުން ދިވެހި ސިވިލް ސަރވިސްގެ 29 މުވައްޒަފުންނަށް މިހާރު ނިއު ދިއްލީގައި ކުރިއަށްގެންދާ ތަމްރީނުގެ ތެރެއިން ތަޖްރިބާ ހޯދުމުގެ ގޮތުން 2 މަރުކަޒަކަށް މިއަދު ޒިޔާރަތްކޮށް އެތަންތާނގައި މަސައްކަތް ކުރެވޭގޮތާއި، އާންމު ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ހޯދާފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދައިފިއެވެ.
މިގޮތުން ދިވެހި ސިވިލް ސަރވަންޓުން ފުރަތަމަ ޒިޔާރަތްކުރީ ބައޯމެޓްރިކް އައިޑެންޓިފިކޭޝަން ކާރޑް ހައްދާދޭ އިދާރާކަމުގައިވާ، ޔުނީކް އައިޑެންޓިފިކޭޝަން އޮތޯރިޓީ އޮފް އިންޑިއާ އަށެވެ. މިތަނުގައި ލޮލުގެ ކަޅި ބޭނުންކޮށް އަދި އިނގިލީގެ ނިޝާން ބޭނުންކޮށް އިންޑިއާގެ ރައްޔިތުންނަށް ކާކުކަން އަންގައިދޭ ކާޑް ޒަމާނީކޮށް ޑިޖިޓަލް ވަސީލަތުން ހިލޭ ހަދާދޭ ގޮތާއި އެކަން ކުރެވެމުންދާ ފަސޭހަ އަދި އަވަސްގޮތްތައް ތަމްރީނުވަމުންދާ ދިވެހި ސިވިލް ސަރވަންޓުންނަށް އޮޅުންފިލުވާދިނެވެ. މި ކާރޑަށް އިންޑިއާގައި ދީފައިވާ ނަމަކީ " އަދްހާރު" އެވެ. މި ކާރޑް ހަދާދެވުމުން ވަރަށް ގިނަ ރައްޔިތުންނަށް ބޭންކްފަދަ އަދި ކަރަންޓާއި ފެނާއި ގޭސް ބޭނުންކުރުމުގެ ޚިދުމަތްތަކަށް ފަސޭހައިން ރަޖިސްޓްރީ ވެވި އަދި ޝަހުސު އޮޅުވާލުމުން އެއްކިބާ ކުރެވެއެވެ. މި މަސައްކަތުގެ ސަބަބުން 11 ބިލިއަން ޑޮލަރު އިންޑިއާގެ ސަރުކާރަށް ސަލާމަތް ކުރެވިފައިވާ ކަމުގައި އެ މަރުކަޒުން ހާމަކޮށްފައިވެއެވެ.
ދެވަނަ ތަނަކަށް މިއަދު ޒިޔާރަތްކޮށްފައިވަނީ ކުއްލި ނުރައްކާތެރި ކަންކަން ދިމާވުމުން އެކަންކަމަށް އިޖާބަދީ ސަލާމަތްތެރިކަން ފޯރުވާދިނުމުގެ މަސައްކަތް ރާވައި ހިންގާ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށެވެ. މި މަރުކަޒުގައި ގުދުރަތީ މުސީބާތްތަކާއި ކުއްލި ނުރައްކަލުގެ ހާލަތުގައި ކަންކަމަށް ވަގުތުން އިޖާބަދިނުމަށް ރޭވި މަސައްކަތް ކުރެވޭގޮތާއި ހާލުގައި ޖެހޭފަރާތްތަކަށް އެހީ ފޯރުވާދޭގޮތާއި، މިފަދަ ހާދިސާތަކުން ރައްކާވެތިބޭނެ ގޮތުގެ މަޢުލޫމާތާއި މިކަމުގެ ތަޖްރިބާ ދިވެހި ބައިވެރިންނަށް ހިއްސާކުރިއެވެ. އަދި މީގެ އިތުރުންވެސް މި ބައިވެރިން ވަނީ އާގަރާގައި ހުންނަ ދުނިޔޭގެ 7 އަޖައިބު ގެ ތެރެއިން ހިމެނޭ އެއް އަޖައިބު ކަމުގައިވާ ތާޖް މަހަލް އަށްވެސް ޒިޔާރަތްކުރައްވާފައެވެ. އަދި ނިއު ދިއްލީގެ ޕަރލިމެންޓް އޮފީހާއި ނެޝަނަލް ވޯރ މެމޯރިއަލް އަދި އިންޑިއާ ގޭޓު ބަލާލުމުގެ ފުރުސަތު ވެސް ވަނީ ލިބިގެންގޮސްފައެވެ.
މި ދެމަރުކަޒަށް ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ޒިޔާރަތް ކުރުމުން ހޫނު މަރުހަބާއެއް ކިޔައި، އަދި އެފަރާތްތަކުގެ ސުވާލުތަަކަށް ޖަވާބުދީ ކަންކަން ކުރެވޭގޮތުގެ މަޢުލޫމާތު އޮޅުންފިލުވައިދީފައިވެއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް