ޤައުމީ ދުވަހުގެ އިލްތިމާސް އާ ގުޅޭގޮތުން އަތޮޅު ޒިންމާދާރުވެރިންނާ މަޝްވަރާކޮށްފި

28 އޮކްޓޯބަރ 2019



1441 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ނެރެފައިވާ އިލްތިމާސް އާ ގުޅޭގޮތުން އަތޮޅު ކައުންސިލް ތަކުގެ ޒިންމާދާރުވެރިންނާއެކު ޓެލެކޮންފަރެންސް ގެ ޒަރިއްޔާއިން މިއަދު ހެނދުނު ކޮމިޝަނުގެ ފަރާތުން މަޝްވަރާކޮށްފިއެވެ. 20 އަތޮޅުތަކުގެ ޒިންމާދާރުވެރިން ބައިވެރިވެވަޑައިގެންނެވި ޓެލެކޮންފަރެންސް ގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރަައީސް ޑރ. އަލީ ޝަމީމެވެ.
މިއަދު ކޮމިޝަނުން ނެރުނު އިލްތިމާސްގައިވާ ކަންކަމުގެ މަޢުލޫމާތު އެ އަތޮޅެއްގައިވާ ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް ހިއްސާކޮށްދެއްވައި، މުވައްޒަފުން ހޭލުންތެރި ކޮށްދެއްވުމަށް ކޮމިޝަނުގެ ފަރާތުން ޓެލެކޮންފަރެންސް ބައްދަލުވުމުގައި އެދިފައިވެއެވެ. ކޮމިޝަނުން ނެރުނު އިލްތިމާސްގައި ސުލޫކީ މިންގަޑަށް ރިޢާޔަތްކޮށް ދިވެހި ސިވިލް ސަރވަންޓުންނަކީ ދުވަހުން ދުވަހަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި އަބަދުމެ، އިސްކަންދޭންވާނީ ޤައުމީ މަސްއޫލިއްޔަތާއި، ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކަމަށާއި އަދި ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ކަމުގައި ބަޔާންވެގެންވާ ކަމުގައި ގޮވާލާފައިވެއެވެ. އަދި ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފެއްގެ ގޮތުގައިހުރެ، ރަސްމީ ގަޑީގައި އޮފީހުގެ ތެރޭގައި މަސައްކަތާ ނުގުޅޭ ކަންކަމުގައި މަސްޣޫލުނުވުމަށާއި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަލުވިކޮށް އަވަހަށް ދިނުމަށާއި، ރަސްމީ ގަޑީގެ ބޭނުންވެސް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށާއި ބައިބައިވުމާއި ދެބަސްވުންތައް ނުވަތަ ފިތުނަ އާއި ފަސާދަ އުފެދޭގޮތަށް ފުރުސަތު ނުދިނުމަށާއި، ކަންބޮޑުވުމާއި ނުތަނަވަސްކަމަށް ފަހިވާގޮތަށް ޖާގަނުދިނުމަށްވެސް ގޮވާލާފައިވެއެވެ.
ސިވިލް ސަރވަންޓުން މި އިލްތިމާސަށް ހޭލުންތެރިކުރުވައި މިކަމުގެ މަޢުލޫމާތު ހުރިހާ ސިވިލް ސަރވަންޓުންނަށް ފޯރުކޮށްދެއްވުމަށާއި، ދިވެހި ސިވިލް ސަރވިސް ގެ ޤަވާއިދާ ޚިލާފަށް ބަސްމަގާއި އަމަލުތައް ބަހައްޓާ ފަރާތްތައް އެކަންނުކުރުމަށް ގަވާއިދުގެ ތެރެއިން އަންގަވައިދެއްވުމާއި އަދި މިފަދަކަންކަމުގެ މަޢުލޫމާތު ލިބިވަޑައިގަތުމުން ކޮމިޝަނަށް ރިޕޯރޓްކޮށް ދެއްވުމަށްވެސް މި ޓެލެކޮންފަރެންސްގައި ކޮމިޝަނުގެ ފަރާތުން އަތޮޅު ޒިންމާދާރުވެރިންގެ ކިބައިން އެދިފައިވެއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް