އިސްލާމިކް މިނިސްޓްރީ ގެ ޕަރމަނަންޓް ސެކްރެޓަރީ އަކަށް ޢަބްދުލްޙަސީބް އަައްޔަންކުރައްވައިފި

25 ނޮވެމްބަރ 2019



މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ގެ ޕަރމަނަންޓް ސެކްރެޓަރީ އަކަށް އަލްފާޟިލް ޢަބްދުލްޙަސީބް އިސްމާޢީލް މިއަދު ސިވިލް ސަރވިސް ކޮމިޝަނުން އައްޔަންކޮށްފިއެވެ. އަލްފާޟިލް ޢަބްދުލްޙަސީބް އިސްމާޢީލް ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަންކުރެއްވެވީ، މިކަމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަޙްމަދު ޒާހިރު އެވެ.
އަލްފާޟިލް ޢަބްދުލްޙަސީބް އިސްމާޢީލް އަކީ މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީ އިން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާޞިލް ކުރައްވަވައި އަދި ބެންގަލޫރ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ކޮމާސް ހާސިލް ކުރައްވަވާފައިވާ ބޭފުޅެކެވެ. ޢަބްދުލްޙަސީބް އިސްމާޢީލް ދައުލަތުގެ ޚިދުމަތާއި ގުޅުނީ 2002 ވަނަ އަހަރުގައެވެ. މިގޮތުން އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރުކަމާއި މިނިސްޓްރީ އޮފް ފިނޭންސްގެ ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްކަމާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑިރެކްޓަރުކަން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނުގެ ރައީސް ވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދާއެއްގޮތަށް އަދި މިނިސްޓަރގެ ލަފަޔާއެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގުވާ ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އޮފީސް ހިންގެވުމުގައި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ގުޅިގެން އެކުއެކީގައި މިނިސްޓްރީ އަށް ސަރުކާރުން ކަނޑައަޅުއްވަވާފައިވާ އިޙްތިސާސް ތަންފީޒުކުރުމަށާއި އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ދެއްވުމަށް ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއިއެކު މަސައްކަތް ކޮށްދެއްވުމަށްވެސް ކޮމިޝަނުގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307