އިންޑިއާގައި ބޭއްވޭ ތަމްރީނަށްފުރާ ސިވިލް ސަރވަންޓުންނާ އެމްބަސީ އިން ބައްދަލުކުރައްވައިފި

14 ނޮވެމްބަރ 2019



މި ނޮވެންބަރު 18 އިން 30 އަށް އިންޑިއާގެ ނެޝަނަލް ސެންޓަރ ފޮ ގުޑް ގަވަރނަންސްގައި " ފީލްޑް އެޑްމިނިސްޓްރޭޝަން ފޯރ ސިވިލް ސަރވަންޓްސް އޮފް މޯލްޑިވިސް" އާ ބެހޭގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ 2 ހަފްތާގެ ތަމްރީނުގައި ބައިވެރިވާ ދިވެހި ސިވިލް ސަރވިސްގެ 30 މުވައްޒަފުންނާއި ރާއްޖެއަށް ކަނޑައެޅިފައި ހުންނަ އިންޑިއާގެ އެމްބަސީގެ ފަރާތުން މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބައްދަލުކޮށްފިއެވެ.
އިންޑިއާގެ އެމްބަސީގެ ފަރާތުން ތަމްރީނުގައި ބައިވެރިންނާއި ބައްދަލުކުރެއްވީ ޑެޕިއުޓީ އެމްބެސެޑަރ މިސްޓަރ ރޮހިތް ރަތީޝް އެވެ. އޭނާ ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގާތްގުޅުމާ ބެހޭގޮތުން ބައިވެރީންނަށް މަޢުލޫމާތް ދެއްވަވައި ނިޔާމަ ދަތުރަކަށާއި ކާމިޔާބު ތަމްރީނަކަށް ބައިވެރީންނަށް އެދިވަޑައިގެންނެވިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު ބައްދަލުކުރުމުގައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ވެސް ތަމްރީނަށް ފުރަން ހަމަޖެހިފައިވާ ސިވިލް ސަރވަންޓުންނަށް ތަމްރީނު ޕްރޮގްރާމާއި ގުޅޭގޮތުންނާއި އަދި ރާއްޖެއާއި އިންޑިއާ ދެމެދުގައި އޮތް ބަދަހިގުޅުމާބެހޭ  ގޮތުން މަޢުލޫމާތު ހިއްސާކުރެއްވެވިއެވެ.
ދިވެހި ސިވިލް ސަރވަންޓުންގެ ހިންގުމުގެ ގާބިލުކަން މަތިކުރުމަށާއި، ތަފާތު މަސައްކަތް ކުރުމުގައި އިންޑިއާގައި ކަންކުރެވޭގޮތުގެ މަޢުލޫމާތު ދިނުމަށް ބޭއްވޭ 2 ހަފްތާގެ ތަމްރީނުގައި އިންޑިއާގެ ސިވިލް ސަރވިސް އާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ބެހޭގޮތުން މަޢުލޫމާތާއި ތަޖްރިބާ ހިއްސާކުރުމަށް ރޭވިފައިވެއެވެ.
ސިވިލް ސަރވިސް ކޮމިޝަނާއި އިންޑިއާގައި ސީނިއަރ ސިިވިލް ސަރވަންޓުންނަށް ތަމްރިނުދޭ އެއް މަރުކަޒެއްކަމުގައިވާ މަސޫރީ ސިޓީގައި ހުންނަ އެން.ސި.ޖީ.ޖީ އާއި ދެމެދު ސޮއިކުރެވިފައިވާ ފަހުމުނާމާގެ ދަށުން މިއި މިއަހަރު ދިވެހި ސިވިލް ސަރވަންޓުންނަށް ތަމްރީނު ހަމަޖެހިގެންދާ 3 ވަނަ ފަހަރެވެ. ނުވަތަ މި ތަމްރީނު ހިންގޭ 3 ވަނަ ބެޗެވެ. މި ތަމްރީނުތަކުގެ ހުރިހާ ޚަރަދެއް ދެއްވަނީ ހިލޭ އެހީގެ ގޮތުގައި އިންޑިއާގެ ސަރުކާރުންނެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307