ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގައި ހިންގި ކޯސްތަކުން 2019 ވަނަ އަހަރު 175 ދަރިވަރުން ދަސްވެނިވެ ސެޓްފިކެޓާއި އެވޯޑް ހާސިލްކޮށްފި

07 ނޮވެމްބަރ 2019



ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގައި ހިންގި ކޯސްތަކުން 2019 ވަނަ އަހަރު 175 ދަރިވަރުން ދަސްވެނިވެ ސެޓްފިކެޓާއި އެވޯޑް ހާސިލްކޮށްފިއެވެ. މިއަދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި މި ހަފްލާގައި ސީއެސްޓީއައި ހިންގި ދިގު މުއްދަތުގެ 8 ކޯހުގެ ތެރެއިން 5 ކޯހެއްގެ ދަރިވަރުން ދަސްވެނިވެ ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ. އެ 5 ކޯހަކީ "ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން" ގެ 2 ކޯހާއި "ސެޓްފިކެޓް 3 އިން ޕްރޮޖެކްޓް މެނޭޖްމަންޓް" ކޯހާއި، ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމާއި، "ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް" ކޯހެވެ. މި ކޯސްތަކުގެ ތެރޭން ކޮންމެ ކޯހެއްގެ 1 ވަނަ 2 ވަނަ އަދި 3 ވަނައަށް ހޮވުނު ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ މި ހަފްލާގެ ޝަރަފުވެރި މެހުމާން، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން އެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން، ވަޒީފާ އަދާކުރައްވަމުން މި ފަދަ ތަމްރީނު ޕްރޮގްރާމުތައް ފުރިހަމަކުރުމަކީ ބުރަކަމެއްކަން ފާހަގަކުރައްވާ ކޯސްތައް ފުރިހަމަކުރެއްވީތީ ހުރިހާ ދަސްވެނިންނަށް ތައުރީފުކުރައްވާ ޝުކުރު އަދާކުރެއްވިއެވެ. އަދި ކޯސްތައް ނިންމުމަށްފަހު އަލުން ވަޒީފާއަށް ނުކުމެ މަސައްކަތްކުރާއިރު ކުރިން އެންމެ ރަނގަޅަށް ނުކުރެވި ހުރި ކަންކަން، މި ލިބުނު ތަމްރީނުގެ އަލީގައި އެއަށްވުރެ ފުރިހަމައަށްކުރުމަށް މަސައްކަތްކުރެއްވުމަށް ދަސްވެނީންގެ ކިބައިން ޑރ. އިބްރާހިމް ޙަސަން އެދިވަޑައިގެންނެވިއެވެ.
މި ހަފްލާގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވާހަކަދައްކަވަމުން ސިވިލް ސަރވިސްއަށް ހުރި ބައެއް ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ބޭނުންވާ ލައިބްރަރީފަދަ ޚިދުމަތްތައް ތަޢާރަފްކުރެއްވުމަށް ހުރި ދަތިތަކާއި ޖާގައިގެ ދަތިކަމުގެ ވާހަކައަށް ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި 2020 ވަނަ އަހަރު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް،  ސިވިލް ސަރވިސް ކޮމިޝަނާއި އެއް އިމާރާތަކަށް ބަދަލުވެގެންދާނެކަން ފާހަގަ ކުރެއްވެވިއެވެ. އަދި މިކަމުގެ ސަބަބުން ކައިރިން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ މަސައްކަތްތައް މޮނިޓަރކޮށް، އެ އިންސްޓިޓިއުޓްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ފަސޭހަވެގެންދާނެކަމުގައި ވެސް ދެންނެވިއެވެ.
ސީއެސްޓީގައި 2019 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާގައި އެ އިންސްޓިޓިއުޓްގެ އިންސްޓިޓިއުޓްގެ ޑިރެކްޓަރ ފާޠިމަތު ޙަބީބާ ދެއްކެވި ވާހަކައިގައި މިއަހަރަކީ ސިވިލް ސަރވިސް ޓްރޭނިންގް އިންސްޓިޓިއުޓަށް ވަރަށް ކާމިޔާބު އަހަރެއް ކަމުގައި ދެންނެވިއެވެ. އެގޮތުން ލިބިފައިވާ މަދު ވަޞީލަތްތަކާއި އެކުވެސް ވަރަށް ކާމިޔާބު ތަފާތު ޕްރޮގްރާމްތަކެއް ހިންގިފައިވާކަމަށް ފާހަނގަކުރެއްވެވިއެވެ. އެގޮތުން ހިންގުނު ކޮންމެ ތަމްރީން ޕްރޮގްރާމަކީ ވަކިގޮތަކަށް ފަރުމާ ކުރެވިގެން ހިންގުނު ތަމްރީންތަކެއްކަމަށާއި މިއަހަރު މިހާތަނަށް 4433 މުވައްޒަފުން ތަމްރީނު ކުރެވިފައިވާކަމުގައިވެސް ވަނީ ދަންނަވާފައެވެ. އަދި ސިވިލް ސަރވިސްގެ ގިނަ މުވައްޒަފުންތަކެއް މަސައްކަތް ކުރަމުން ދަނީ އަތޮޅު ތެރޭގައި ކަމަށްވެފައި އަތޮޅުތަކަށް ޚާއްސަކުރެވިގެން ތަފާތު ތަމްރީނުތަކެއް ހިންގިފައިވާއިރު މިއަހަރު މިހާތަނަށް 19 އަތޮޅެއްގައި 53 ޕްރޮގްރާމެއް ވަނީ ހިންގާފައެވެ.
މީގެ އިތުރުން މި ހަފްލާގައި ސީއެސްޓީއައިގެ ނިއުސްލެޓަރ "ބަޒް" ގެ ސްޕެޝަލް އެޑިޝަން ނެރުންވެސް ކުރިޔަށްދިޔައެވެ. މިގޮތުން ނިއުސްލެޓަރ ނެރެދެއްވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް