ހެލްތު މިނިސްޓަރާއެކު ކޮމިޝަނުން މަޝްވަރާ ކުރައްވައިފި

07 ޖޫން 2020



މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް އަލްފާޟިލް ޢަބްދުﷲ އަމީން އާއިއެކު މިއަދު ހެނދުނު ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން މަޝްވަރާކުރައްވައިފިއެވެ. އޯޑިއޯ/ވީޑިއޯ ކޮންފަރެންސްގެ ޒަރިއްޔާއިން ބޭއްވުނު މި މަޝްވަރާ ބައްދަލުވުމުގައި ހެލްތް މިނިސްޓަރުގެ އިތުރުން އެ މިނިސްޓްރީގެ ވަގުތީ ޕަރމަނަންޓް ސެކްރެޓަރީ ޑރ. ރަޒާނާ ފާއިޒް އާއި އެހެންބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި، މެންބަރުން އަދި ކޮމިޝަނުގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސައީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެވުނީ މިނިސްޓްރީ އޮފް ހެލްތް ގައި ގާއިމްކުރެވިފައި އޮންނަންޖެހޭ މުހިންމު މަގާމެއް ކަމުގައި ކޮމިޝަނަރ އޮފް ކޮލިޓީ އެސުއަރެންސްގެ މަޤާމާ ގުޅޭގޮތުންނެވެ. މިމަޤާމަކީ 2015 ވަނަ އަހަރު 7  ސެޕްޓެންބަރުގައި ތަސްދީގުކުރެވުނު ސިއްޙީ ޙިދުމަތް ދިނުމުގެ ޤާނޫނު (2015/29) ގެ ދަށުން އުފައްދައި އައްޔަނުކުރެވެންޖެހޭ މަޤާމެކެވެ. ނަމަވެސް، ބައެއް ކަހަލަ ގޮންޖެހުންތައް ކުރިމަތިވުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވެގެންދިޔައިރު މިމަޤާމަށް ވަނީ މުވައްޒަފަކު އައްޔަނު ނުކުރެވިއެވެ. މިކަން ހިނގާފައިވާގޮތެއް ސާފުކުރެއްވުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިންވެސް މިހާރު ވަނީ މަސައްކަތްފަށްޓަވާފައެވެ.
މިއަދު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ވީހާވެސް އަވަހަކަށް މި މަޤާމަށް މުވައްޒަފަކު އައްޔަނުކުރުމަށް ހަމަޖައްސަންޖެހޭ ކަންކަން ސަރުކާރުގެ އެހެން ގުޅުންހުރި އިދާރާއަކާއެކު މަޝްވަރާކޮށް ނިންމައި ދެންވެސްކުރިއަށް ގެންދަންޖެހޭ އިޖްރާއަތުތައް ފުރިހަމަ ކުރުމުގެ ގޮތުން މަޢުލޫމާތު ބަދަލުކުރެވުނެވެ. ކޮމިޝަނުގެ ފަރާތުން މި ބައްދަލުވުމަށް ވަރަށް ބުރަކޮށް އުޅުއްވަމުންވެސް މިނިސްޓަރު ވަގުތު ދެއްވަވައި ބައިވެރިވެވަޑައިގެންދެއްވެވީތީ ޝުކުރުއަދާކުރެއްވެވިއެވެ. ކޮވިޑް 19 ގެ ރޯގާ އާ ދެކޮޅަށް ކުރައްވަވާ ބުރަ މަސައްކަތަށް ހެޔޮ ތައުފީގު މިންވަރު ކުރައްވާ އަދި ވަޒީރާއެކު ސިއްހީ ދާއިރާގެ ހީވާގި މުވައްޒަފުންނަށް ކާމިޔާބާއި ހެޔޮ އެދިވަޑައިގަތެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307