އޮފީސް ދިވެހި ތަމްރީނު ޕްރޮގްރާމް ކޮމިޝަނުގެ ރައީސް އިފްތިތާޙްކޮށްދެއްވައިފި

14 ޖޫން 2020



ކޮވިޑް 19 ގެ ރޯގާގެ ފުރަބަންދުގެ ތެރޭގައި ދިވެހި ބަހުގެ އެކަޑަމީއިން ދުރުންދޭ ތައުލީމު ނުވަތަ އިންޓަރނެޓް ޒަރިއްޔާއިން އޮންލައިންކޮށް ކިޔަވާދިނުމަށް ރޭއްވެވި "އޮފީދިވެހި" ތަމްރީނު ޕްރޮގްރާމުގެ ބައެއް ރޭގައި (13 ޖޫން 2020) ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އިފްތިތާޙްކޮށްދެއްވައިފިއެވެ. ޖުމްލަ 800 އަށްވުރެ ގިނަ ބައިވެރިން އެކޮކަންކޮޅުތަކުގައި ތިބެގެން ދިވެހި ބަހަށް ތާޒާވެ، އޮފީހުގައި މަސައްކަތްކުރުމަށް ބޭނުންވާ ދިވެހިބަހުގެ ލިއުންތެރިކަމާއި ވާހަކަދެއްކުމުގެ ހުނަރުމަތިކުރުމަށް ތަމްރީނު ފޯރުކޮށްދޭ މި ޕްރޮގްރާމުގައި ގްރޫޕަކަށް ދެ ހަފްތާގެ މުއްދަތަށް ކިޔަވާދެވެއެވެ. ކިޔަވާދެއްވަވަނީ ދިވެހިބަހުގެ ތަޖްރިބާކާރު މުދައްރިސުން ނުވަތަ އުސްތާޛުންނެވެ. ކޮމިޝަނުގެ ރައީސް ފަށްޓަވާދެއްވެވި ބެޗް ނުވަތަ ގްރޫޕްގައި ހިމެނުނު 35 ބައިވެރިންނަށް ރޭގައި ކިޔަވާދެއްވި މުޝީރަކީ އަލްފާޟިލް މުޙައްމަދު މުސްތަފާ އިބްރާހީމް އެވެ.
އޮފީސް ދިވެހި ތަމްރީނު ޕްރޮގްރާމް އިފްތިތާޙުކުރުމުގެ ކުރިން ދިވެހިބަހުގެ އެކަޑަމީގެ ނައިބް ރައީސް އަލްފާޟިލް ރާފިއަތު ރަފީއު ތަމްރީނު ކޯހުގެ ތައާރަފެއް އެރުއްވެވިއެވެ. އެއަށްފަހު ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވުމުގެ ގޮތުން ބައިވެރިންނާއި ކޮމިޝަނުގެ ރައީސް މުޚާތަބްކުރެއްވެވިއެވެ. ޑރ. ޝަމީމް ގެ ވާހަކަފުޅު ބިނާކުރެއްވެވީ ސާފު ދިވެހިބަހުން ގަވާއިދުތަކާއި ހަމަތަކުގެ މަތިން ލިއުމަށާއި ވާހަކަދެއްކުމުގެ ބޭނުންތެރިކަމާ ގުޅޭ ގޮތުންނެވެ. ޚާއްސަކޮށް ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ދިވެހި ބަހަށް އަހުމިއްޔަތުކަން ދެއްވުމަށާއި މައިދަރީ ބަހަށް ދިވެހިން ފަޚުރުވާންޖެހޭ ކަމުގައި ބަޔާންކުރެއްވެވިއެވެ. އަދި ދިވެހި ބަހާއި ތާނަ އަކުރަކީ ދިވެހިންގެ އަމިއްލަ ވަންތަކަމުގެ ޝަރަފުވެރި އުފެއްދުމެއްކަމަށާއި ދިވެހި ގައުމީއްޔަތުގެ އަސާސީ ބަހާއެއްކަންވެސް ބައިވެރީންނަށް ހަނދާންކޮށްދެއްވެވިއެވެ. ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމްގެ ވާހަކަފުޅު ނިންމަވާލެއްވެވީ ދިވެހިބަހަށް ފަރިތަވެ އަބަދު ތާޒާވުމަށް ޓަކައި ކޮންމެ ދިވެއްސެއްގެ އަތުގައި ނުވަތަ ގޭބިސީއެއްގައި އޮންނަންޖެހޭ 3 ފޮތެއްގެ ނަންވިދާޅުވެ އެފޮތްތައް "ޒޫމް" ވީޑިއޯ ކޮންފަރެންސްއިން ދައްކާލައްވަމުންނެވެ. އެފޮތްތަކަކީ ދިވެހި ރަދީފު ނުވަތަ ޑިކްޝަނަރީ ކަމުގައިވާ ދިވެހި ބަސް ފޮތާއި، ދިވެހިބަހުގެ ގަވާއިދު 1،2،3،4 އަދި ބަހުގެ ހަމައިގެ އަތްމަތީފޮތެވެ. ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުން ދިވެހިބަހާއި އަދަބިއްޔާތު ކުރިއެރުވުމުގެ ގޮތުން އޮންލައިންކޮށް 4 ވައްތަރެއްގެ ކޯސްތައް ހިންގަވަމުންގެންދަވައެވެ. އެއީ "އޮފީސް ދިވެހި" ގެ އިތުރުން ނާދިރު ލިއުމުގެ ހުނަރާއި، ވާހަކަދެއްކުމުގެ ހުނަރާއި ޅެން ހެދުމުގެ ހުނަރު ދަސްކޮށްދޭ ކޯސްތަކެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް