08 އޭޕްރީލް 2020
މިއަދު ދުނިޔެއަށާއި ރާއްޖެއަށް ކުރިމަތިވެފައިވާ ކޮރާނާވައިރަސް އާ ދެކޮޅަށް ކުރެވެމުންދަނީ ޖިހާދެއްކަމަށާއި، މިކަމުގައި ހިމެނޭ ޚިދުމަތްތެރީންނަކީ ގައުމުގެ ބަތޮލުން ކަމުގައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވެފައިވަނީ ރޭގައި ޓީވީ މޯލްޑިވިސްގެ ފަރާތުން ގެނެސްދެއްވި "ފަރުދީ ޒިންމާ" ޕްރޮގްރާމުގައި ސްކައިޕް މެދުވެރިކޮށް ދެވުނު އިންޓަރވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތަށް ރައީސް ކަންކަން ސިފަކޮށް ވާހަކަފުޅު ދައްކަވާފައިވަނީ ކޮވިޑް 19 ގެ ވަބާއާ ދެކޮޅަށް ނުވަތަ އެ ރޯގާއިން ރައްކާތެރިވުމަށް ދައުލަތުގެ މުއައްސަސާތަކުގެ ގިނަ މުވައްޒަފުން ތަކެއް ރެއާ ދުވާލު ދިވެހި ރައްޔިތުން އަދި ރާއްޖޭގައި މިވަގުތު ދިރިއުޅޭ ބޭރު މީހުންގެ ރައްކާތެރިކަމަށްޓަކައި 24 ގަޑިއިރު ކުރައްވަމުންގެންދަވާ އަގުހުރި ޚިދުމަތް އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ. އަދި މި އެންމެހާ ޚިދުމަތްތެރިން ގައުމަށާއި ރައްޔިތުންގެ ދިފާއުގައި ކުރައްވަމުންގެންދަވާ މިންނެތް މަސައްކަތަށްޓަކައި އެބޭފުޅުންނަށް ކޮމިޝަނުގެ ރައީސް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުރެއްވެވިއެވެ. މި ޝުކުރުގައި ހާއްސަކޮށް ކޮރާނާވައިރަސްގެ ރޯގާއިން ރާއްޖެއާއި ރައްޔިތުން ދިފާއުކުރެއްވުމަށް މަސައްކަތްކުރައްވަވާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ޝާމިލުކުރެއްވެވިއެވެ.
ސަރުކާރުގެ އޮފީސްތައް މިވަގުތު ބަންދުކުރެވިފައިވީ ނަމަވެސް، މާލެ އާއި އަތޮޅުތެރޭގައި ސިއްޙީ ޚިދުމަތްދެއްވާ ސިވިލް ސަރވަންޓުންނާއި އަދިވެސް އެހެންކަންކަމުގެ ޚިދުމަތްދެއްވާ ސިވިލް ސަރވަންޓުން ގިނަ އަދަދަކަށް ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. އަދި ސަރުކާރުން އެދިވަޑައިގެންފައިވާ ފަދައިން ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ގޭގައި ތިބެގެންނާއި އަދި މުވައްޒަފުން އޮފީސްތަކަށް ނުކުންނަވަންޖެހޭ ހާލަތުގައި އޮފީހަށް ނުކުންނަވައިގެން ޚިދުމަތްތައް ދެމުން ގެންދަވައެވެ.
ސަރުކާރުގެ އޮފީސްތަކަށް ނިކުމެ މަސައްކަތް ނުކުރުމަށް ނިންމަވައި ކޮރާނާ ވައިރަސް ފެތުރަނުދިނުމަށް ޓަކައި ގޭގައި ތިބުމަށް ރައްޔިތުންނަށް ސަރުކާރުން އިލްތިމާސް ކުރައްވަވާފައިވާތާ މިހިނގަނީ 3 ވަނަ ހަފްތާއެވެ. މިކަމުގައި ސިވިލް ސަރވިސްގެ މުވައްޒަފުން ވަރަށް ފުރިހަމައަށް އެއްބާރުލުން ދެއްވަވަމުން ގެންދަވާކަމުގައި ކޮމިޝަނުގެ ރައީސްގެ އިންޓަރވިއުގައި ފާހަގަކުރެއްވެވިއެވެ. އަދި މި އިންޓަރވިއުގައި ސިވިލް ސަރވަންޓުންނަށް ގޮވާލައްވާފައިވަނީ އިސްނަގާ ނަމޫނާ ބަޔަކަށްވުމަށާއި ޖަމާއަތުގެ ލާބަޔަށާއި މަންފާއަށް ޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދަރުމަވެރިންގެގޮތުން، އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވުމަށެވެ.
ދިވެހި ސިވިލް ސަރވިސްގެ އިދާރާތައްވަނީ ކޮރާނާވައިރަސްގެ ރޯގާ ފެތުރޭގޮތްވެއްޖެނަމަ، އެ ރޯގާގެ އެކި މަރުހަލާތަކުގައި މަސައްކަތްކުރާނެ ގޮތުގެ ޕްލޭންތައް ތައްޔާރުކޮށް މިކަމަށް ރަނގަޅަށް ތައްޔާރުވެފައެވެ. އަދި މިދުވަސްކޮޅު ސިވިލް ސަރވިސް ކޮމިޝަނުގެ ޚިދުމަތްތައް މެދުނުކެނޑި ދެވޭނެގޮތަށް ކަންކަންވަނީ ޚާއްސަ ނިޒާމެއްގެ ތެރެއިން އިންތިޒާމުކުރެވިފައެވެ. މިގޮތުން އީމޭލުގެ ޒަރިއްޔާއިންނާއި ފޯނުމެދުވެރިކޮށް އަދި އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަންކަމާ މަޝްވަރާކޮށް މުހިންމު ކަންކަމާއި ކުއްލިކަންކަމުގެ ޚިދުމަތްތައް ކޮމިޝަނުންދަނީ ފޯރުކޮށްދެމުންނެވެ. އަދި ކޮމިޝަނުގެ ހޮޓްލައިން 7799280 އިންނާއި ކޮމިޝަނުގެ އީމެއިލް ([email protected]) އިން ބަރާބަރަށް ކޮމިޝަނަށް ގުޅޭނެގޮތްވަނީ ހަމަޖެހިފައެވެ.
ފަހުގެ ޚަބަރުތައް
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024