16 އޭޕްރީލް 2020
2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްގެ އިންތިޚާބު ފަސްކުރުމުގެ ސަބަބުން އިންތިޚާބަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ސަސްޕެންޑް ކުރެވިފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަންގެ މުއްދަތު އިތުރުވެގެންދާކަމާއި، މި ކަމުގެ ސަބަބުން އެ އިންތިޚާބަށް ކުރިމަތިލާފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ އަސާސީ ހައްޤުތަކެއް ގެއްލެމުންދާކަމާއި، ގިނަ ގެއްލުންތަކާއި ދަތިތަކެއް ކުރިމަތިވަމުންދާކަމަކީ ސިވިލް ސަރވިސް ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވެ، މުވައްޒަފުންނަށް ހަމްދަރުދީވާ ކަމެއްކަމަށް މިއަދު އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ބަޔާންކޮށްފައެވެ. އަދި ސަސްޕެންޝަނުގައި ތިބި މުވައްޒަފުން ވަޒީފާއިން އެކަހެރި ކުރެވިފައިވާތީއާއި، އެ ވަޒީފާތަކަށް އެހެން މުވައްޒަފުން ނެގެން ނެތުމުން ބައެއް ސިވިލް ސަރވިސްގެ އިދާރާތަކަށް އެ އިދާރާތައް ހިންގުމުގައި ވެސް ވަނީ ދަތިތަކެއް ދިމާވެފައެވެ.
އަދި މި މުވައްޒަފުންނަށް ލިބެމުންދާ ގެއްލުން ކުޑަކޮށް އަދި އިދާރާތަކަށް ދިމާވެފައިވާ ދަތިތައް ފިލުވައި ދިނުމަށް މި ކޮމިޝަނުން ކެނޑިނޭޅި މަސައްކަތްކުރަމުން ގެންދާކަމުގައި ނޫސް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ. މި ގޮތުން މި ކަމާ ގުޅޭގޮތުން ބަންޑާރަ ނައިބުގެ ލަފަޔަކަށް 22 މާރިޗު 2020 ގައި ކޮމިޝަނުން ވަނީ އެދިފައެވެ. އަދި ދައުލަތުގެ ބަންޑާރަ ނައިބު 5 އެޕްރީލު 2020 ގައި ކޮމިޝަނުން އެދުނު ޤާނޫނީ ލަފާގެ އިޖާބައިގައި ވިދާޅުވެފައިވަނީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ "ލޯކަލް ކައުންސިލްތަކުގެ އިންޚާބުގެ ޚާއްސަ ބިލު 2020" އިން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ މުވައްޒަފުންގެ ސަސްޕެންޝަނާއި، އެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ނުދެވޭ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް ފެންނަ ކަމަށެވެ.
މީގެ އިތުރުން ލޯކަލް ކައުންސިލްގެ އިންތިޚާބު ފަސްކުރުމުގެ ސަބަބުން އިންތިޚާބަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ސަސްޕެންޑް ކުރެވިފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަންގެ މުއްދަތު އިތުރުވެގެންދާ ދިއުމަށް ހައްލެއް ގެނެވޭނެ ގޮތްތަކެއް ހޯދުމަށްޓަކައި އިލެކްޝަންސް ކޮމިޝަނާ މަޝްވަރާކުރުމަށް މިއަދު ކޮމިޝަނުން ވަނީ ނިންމާފައެވެ. ހަމަ އެއާއެކު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމުން، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ނ) ގެ ދަށުން މުސާރައާއި ޢިނާޔަތްތައް ނުލިބޭގޮތަށް ސަސްޕެންޑްވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މި ހިނގާ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޢިނާޔަތް ލިބިދިނުމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ފިނޭންސާއެކު މަޝްވަރާކުރެވެމުންދާކަމުގައިވެސް ބަޔާނުގައި ވެއެވެ.
ފަހުގެ ޚަބަރުތައް
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024