19 އޭޕްރީލް 2020
މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ އައު ޕަރމަނަންޓް ސެކްރެޓަރީއަކަށް އަލްފާޟިލާ ޟައުފިޝާން ޢަބްދުﷲ ކަމާލުއްދީން މިއަދު ހެނދުނު ސިވިލް ސަރވިސް ކޮމިޝަނުން އައްޔަނުކުރައްވައިފިއެވެ. ވީޑިއޯ ކޮންފަރެންސްގެ ޒަރިއްޔާއިން ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައި ޟައުފިޝާން ޕީއެސް ގެ މަގާމަށް އައްޔަން ކުރެއްވެވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވެވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ އެވެ.
އަލްފާޟިލާ ޟައުފިޝާން ޢަބްދުﷲ ކަމާލުއްދީނަކީ ހެލްތު ސަރވިސަސް މެނޭޖްމަންޓް އިން އޮސްޓްރޭލިއާގައި މާސްޓާރސް ހާސިލުކުރައްވަވާފައިވާ އަދި ބެޗްލަރސް ޑިގްރީ ނާސިންގެ ދާއިރާއިން ހާސިލްކުރައްވަވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން މެނޭޖްމަންޓާއި ލީޑަރޝިޕްގެ ކުރު ކޯސްތައް ހައްދަވައި ތަމްރީނު ލިބިވަޑައިގެންފައިވާ ބޭފުޅެއްވެސްމެއެވެ.
މަސައްކަތުގެ ތަޖްރިބާގެ ގޮތުން އިސްވެރިންގެ ގޮތުގައި ހިންގުމުގެ ދާއިރާއިން 5 އަހަރަށްވުރެ ގިނަދުވަހުގެ ތަޖްރިބާ ލިބިވަޑައިގެންފައިވެއެވެ. ޕީއެސް އަކަށް މިއަދު އައްޔަނުކުރުމާ ހަމައަށް ހުންނެވީ އައި.ޖީ.އެމް.އެޗްގެ ހިއުމަން ރިސޯސްބައިގެ ޑިރެކްޓަރަކަށެވ. އަދި އެ ހޮސްޕިޓަލުގެ ޒިންމާދާރުވެރިޔާ ކަންވެސް އެތައް އަހަރަކު ކުރައްވަވާފައިވެއެވެ. މީގެ އިތުރުން އައި.ޖީ.އެމް.އެޗް ގެ ރޭޑިއޮލޮޖީގެ އެސިސްޓެންޓް ކަމާއި ސްޓާފް ނަރުހެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވަވާފައިވެއެވެ.
ޕީއެސް އައްޔަނު ކުރެއްވުމަށްފަހު މި މަޤާމު ކާމިޔާބު ކުރެއްވެވި ޟައުފިޝާން އަށް މަރުޙަބާ ދަންނަވައި އޭނަގެ މަސްއޫލިއްޔަތާއި ވާޖިބުތަކަކީ ކޮބައިކަން ބަޔާންކޮށް ދެއްވަވައި ކޮމިޝަނުގެ ރައީސް ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރުގެ ލަފާގެ މަތިން ވެރިންގެ ގޮތުގައި މަސައްކަތްކުރައްވަވާ ސިޔާސީ ބޭފުޅުންނާއި އެކުގައި މަސައްކަތްކުރައްވަވާ ސިވިލް ސަރވަންޓުންނާއި ގުޅިގެން ކަންކަން ފަހިކޮށްދެއްވަވާ ސިވިލް ސަރވިސްގެ ގަވާއިދާއި ގުޅުންހުރި ޤާނޫނުތަކާއެއްގޮތަށް މަސައްކަތްކޮށް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މި މޭރުމުން ވާހަކަދައްކަވަމުން ޕީއެސްގެ ދައުރަކީ މިނިސްޓްރީ އާއި ކޮމިޝަނާ ދެމެދު އޮންނަ ފާލަމެއްގެ ގޮތުގައި ދެކެވަޑައިގަތުމަށާއި އަދި ސިޔާސީ މުވައްޒަފުންނާ ސިވިލް ސަރވިސްގެ މުވައްޒަފުންނާވެސް ގުޅުވާދޭ ފާލަމެއްގެ ގޮތުގައި މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަތެވެ.
އައު ޕީއެސް އަށް މަރުޙަބާ ވިދާޅުވެ ވާހަކަފުޅުދައްކަވަމުން ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ، ޟައުފިޝާން މިނިސްޓްރީ އާއި ގުޅިވަޑައިގަތީ ވަރަށް ގޮންޖެހުންތައް ތަހައްމަލު ކުރަންޖެހިފައިވާ ދަތި ދަނޑިވަޅެއްގައި ކަމުން، މިފަދަ ހާލަތުގައިވެސް މިނިސްޓްރީއަށް ޚިދުމަތްކޮށްދެއްވުމަށް ކުރިމަތިލެއްވީތީ ޝުކުރުއަދާކުރެއްވެވިއެވެ. އަދި މިވަގުތު މިނިސްޓްރީގެ ހިންގުމުގެ ހާލަތު އޮތްގޮތުން ތަޖްރިބާކާރު، ހިތްވަރުގަދަ ކުޅަދާނަ ޕީއެސް އަކަށް ބޭނުން ވެފައިވާކަމުގައި މިނިސްޓަރ ފާހަގަކުރެއްވެވިއެވެ. އަދި ޚާއްސަކޮށް ގިނަ ތަފާތު މަސައްކަތެއްކުރާ އަދި އެތަކެއް ތަފާތު ޚިދުމަތްތައް އެކި ތަންތާގައިވާ މަރުކަޒުތަކުގައި 24 ގަޑިއިރު ކަހަލަގޮތަކަށް ޚިދުމަތްތައް ދޭ މިނިސްޓްރީ އަކަށް ޖެންޑަރ މިނިސްޓްރީ ވާހިނދު، މިނިސްޓްރީއެއްގެ ސިފަތައް އަށަގަންނަވަންޖެހިފައިވާކަންވެސް މިނިސްޓަރގެ ވާހަކަކޮޅުގައި ފާހަގަކުރެއްވެވިއެވެ. އަދި މިނިސްޓްރީއަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ފެންވަރުތަކަށްވެސް މަސައްކަތްކުރަންޖެހޭ މިނިސްޓްރީ އެއްކަންވެސް މިނިސްޓަރގެ ވާހަކަފުޅުގައި ބަޔާންކުރެއްވެވިއެވެ.
މިވަގުތު ކޮވިޑް 19 ގެ ރޯގާއާ ގުޅިގެންވެސް އިތުރުބުރަ މަސައްކަތްތަކެއް ކުރުމާއި ހަވާލުވެފައި މިނިސްޓްރީ އޮތްކަމަށާއި އެގޮތުން ހާލުގައިޖެހި ގެދޮރުނެތި މަގުމަތިވެފައިވާ މީހުނަށް އެހީތެރިކަން ފޯރުވާދިނުމަށް މަސައްކަތްކުރެވެމުންދަ ވަގުތެއްކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވެވިއެވެ. ދައުލަތުން ބަލަހައްޓަމުންގެންދަންޖެހޭ ޟޮއީފު އަދި ކުޑަކުދިންގެ އިންސާނީ ހައްޤުތަކާއި ކަރާމަތްނެގެ ހުއްޓުމަށް މިނިސްޓްރީއިން ހަރުދަނާ ރޭވުމެއްގެ ތެރެއިން ހިތްވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ހާމަކުރެއްވެވިއެވެ.
ޕީއެސް ގެ މަޤާމު އުފަކާއެކު ހަވާލުވާކަމުގައި ވިދާޅެވެ ޟައުފިޝާން ދެއްކެވި ވާހަކަފުޅުގައި އޭނާ މަޤާމާއި ހަވާލުވެވަޑައިގަންނަވަނީ ޖެންޑަރ މިނިސްޓްރީ އަށް ދިމާވެފައިވާ ގޮންޖެހުންތައް ކޮންމެވެސް ވަރަކަށް އެނގިވަޑައިގެންހުރެކަމަށާއި މިނިސްޓްރީގެ ހިންގުން ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މިނިސްޓަރުގެ ލަފާފުޅާއެކު ހިތްވަރާއެކު މަސައްކަތް ކުރައްވަވާނެކަމުގެ ޔަގީންކަން އެރުވިއެވެ.
ކޮމިޝަނުން ހެޔޮ ނަސީބާއި ކާމިޔާބަށް ޕީއެސް އަށް އެދިވަޑައިގެން ކޮމިޝަނުގެ ރައީސް ވާހަކަފުޅު ނިންމާލައްވަމުން ވަގުތީ ޕީއެސްގެ މަޤާމު ފުރުއްވަވައިދެއްވި އާމިނަތު ޝިރާނީ ނައީމަށް ޝުކުރުއަދާ ކުރެއްވެވިއެވެ.
ފަހުގެ ޚަބަރުތައް
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024