5 ދުވަހުގެ ރަސްމީ ޒިޔާރަތެއް ރާއްޖެ އަދާކުރައްވަމުން ގެންދަވާ ބަންގްލާދޭޝް ޕަބްލިކް ސަރވިސް ކޮމިޝަނު ގެ 5 މެންބަރުންގެ ވަފުދު މިއަދު ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކުރައްވަވައި އެކޮމިޝަނާއެކު ރަސްމީ މަޝްވަރާތައް ބާއްވައިފިއެވެ. ރަސްމީ މަޝްވަރާތައްފެށުނީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ވަފުދުގެ މެންބަރުންނާއި އަދި ވަފުދާއެކު ބައިވެރިވެވަޑައިގެންނެވި ރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ބަންގްލާދޭޝްގެ ސަފީރަށް ހޫނުމަރުޙަބާ ދެންނެވުމުގެ ގޮތުންނާއި ދިވެހި ސިވިލް ސަރވިސް އާއި ކޮމިޝަނާބެހޭ ގޮތުން ކުރުތަޢާރަފެއް އަރުވާދެއްކެވި ވާހަކަފުޅުންނެވެ. ރައީސްގެ ވާހަކަކޮޅުގައި، ބަންގްލާދޭޝް އާއި ރާއްޖެއާ ދެމެދު އޮތް ތާރީޚީ އެކުވެރި ރަހުމަތްތެރި އަދި ވިޔަފާރީގެ ގުޅުންތަކަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ރަނިކަންކުރެއްވެވި ރެހެންދި ޚަދީޖާ އަކީ ބެންގާލް ގެ ސުލްތާނެއްގެ މުނިކާފަދަރިކަނބަލެއް ކަމުގައި ތާރީޙް ފަތްފުތްތަކުން އެނގޭކަމުގައި ބަޔާންކުރެއްވެވިއެވެ. އަދި ރާއްޖޭގައި ހިލާ ބޮލި އަކީ ބެންގާލް އަށް އެޒަމާނުގައި އެންމެ ގިނައިން ވިޔަފާރި ހިންގި މުދަލެއްކަމާއި އަދި އެބޮލި ބެންގާލާއި އިންޑިއާ އަދި އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގައި ފައިސާގެ ގޮތުގައި ބޭނުންކުރިކަމަށް ވިދާޅުވިއެވެ. އަދި ބަންގްލާދޭޝް ޕަބްލިކް ސަރވިސް ކޮމިޝަނު ރާއްޖެ އިޚްތިޔާރުކުރައްވަވައި ޒިޔާރަތްކުރެއްވެވީތީ ޝުކުރުއަދާކުރެއްވެވިއެވެ. އަދި ސިވިލް ސަރވިސް ގެ ކަންކަމާ ގުޅޭގޮތުން އެއްބާރުލުންއިތުރުކޮށް ދެފަރާތުގެ ތަޖްރިބާ ހިއްސާކޮށް ޚިދްމަތްތައް ޒަމާނީކޮށް ހިންގުން ކުރިއެރުމަށް ވަރަށް ބޭނުންވާކަން ފާހަގަކުރެއްވެވިއެވެ.
ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅަށްފަހު ބަންގްލާދޭޝްގެ ވަފުދުގެ ވެރިޔާ މެންބަރު މިސްޓަރ މުޚްލެސަރު ރަހުމާން ވާހަކަފުޅުދެއްކެވިއެވެ. އެބޭފުޅާގެ ވާހަކަފުޅުގައި ކޮމިޝަނުން ޒިޔާރަތަށް ވަރަށް ފުރިހަމަ ޕްރޮގްރާމެއް ރާއްވަވައިދެއްވައި އެރުވި މެހުމާންދާރީ އަށް ޝުކުރުއަދާކުރެއްވެވިއެވެ. އަދި އެކޮމިޝަނުގެ ކަންރޭވި ހިންގޭގޮތާއި އެކޮމިޝަނުގެ ޒިންމާތަކާގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެއްވެވިއެވެ. އަދި ދުނިޔޭގައިވާ 2 ވަނަ އަށް އެންމެ ބޮޑު އިސްލާމީ ގައުމެއްގެ ގޮތުން މިދިޔައަހަރު އެކަނިވެސް 60551 ކެންޑިޑޭޓުން ބަލައި ފާސްކޮށް ޕަބްލިކް ސަރވިސްގެ ޚިދުމަތަށް ހުށަހެޅުނުކަމުގައި ވިދާޅުވިއެވެ. އަދި ބަންގްލާދޭޝްގެ ކޮމިޝަނަކީ ރަނގަޅު މުވައްޒަފުން ވަޒީފާތަކަށް ނެގުމުގައި 3 މަރުހަލާއަކުން ޓެސްޓުކޮށް މާރކްސްދީ ހެދުމުގެ ބުރަ މަސައްކަތްކުރާ ތަނެއްކަމުގައި ފާހަގަކުރެއްވެވިއެވެ.
ވަފުދުގެ ވެރިޔާގެ ވާހަކަފުޅަށްފަހު ރާއްޖޭގައި ހުންނަވާ ދިވެހި ސަފީރު ހިޒް އެކްސަލަންސީ ރެއަރ އެޑްމިރަލް އަޚްތަރު ހަބީބްވެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދެއްކެވިއެވެ. އޭނާގެ ވާހަކަފުޅުގައި ބަންގުލާދޭޝް ގެ މިނިވަންކަން ހޯއްދެވި ގޮތާއި، މިހާރު އެގައުމުގެ ކުރިއެރުން ބިނާވެފައިވާގޮތުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅުދެއްކެވިއެވެ.
ފެށުމުގެ ރަސްމިއްޔާތަށްފަހު ދެކޮމިޝަނުގެ ދޭތެރޭގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ކުރިއަށްދާނެގޮތާމެދު ދެކޮމިޝަނުގެ ދެމެދުގައި އެއްބަސްވެވުނެވެ. އަދި ސިވިލް ސަރވިސް ގެ ކަންތައްތައް 2 ގައުމުގެ ދެމެދުގައި ރޭވި ހިނގޭގޮތާއި، ކުރިއެރުވުމަށްކުރެވޭ މަސައްކަތާގުޅޭގޮތުން 2 ފަރާތުދެމެދު ޕްރެޒެންޓޭޝަންތައް ހުށަހަޅައި މަޢުލޫމާތް ހިއްސާކުރެވުނެވެ.
މިއަދުގެ ރަސްމީ ބައްދަލުވުމަށްފަހު ބަންގްލާދޭޝްގެ ވަފުދު އިތުރުކަންކަމާގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުން 14 މޭ 2019 ގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އަށް ކުރާ ޒިޔާރަތުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ.
ބަންގްލާދޭޝްގެ ވަފުދު މިނިސްޓްރީ އޮފް އެންވާރަންމަންޓް އަށް ޒިޔާރަތް ކުރާގޮތަށާއި އަދި 15 މޭ 2019 ގައި މިނިސްޓްރީ އޮފް އާރޓުސް، ކަލްޗަރ އެންޑް ހެރިޓޭޖަށް ޒިޔާރަތްކުރައްވަވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ފަހުގެ ޚަބަރުތައް
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023