ބަންގްލަދޭޝް ގެ ޕަބްލިކް ސަރވިސް ކޮމިޝަންގެ ވަފުދު ފުރާވަޑައިގަންނަވައިފި

16 މެއި 2019



5 ދުވަހުގެ ރަސްމީ ޒިޔާރަތެއް ރާއްޖެއަށް ކުރައްވުމަށްފަހު ބަންގްލަދޭޝްގެ ޕަބްލިކް ސަރވިސް ކޮމިޝަންގެ ވަފުދު ރޭގެ ވަގުތެއްގައި ފުރާވަޑައިގަންނަވައިފިއެވެ. 5 މެންބަރުން ހިމެނޭ މި ވަފުދު ރާއްޖެއަށް ވަޑައިގަތީ މި މަހުގެ 11 ވަނަ ދުވަހުގައެވެ. މި ދަތުރުފުޅުގައި އެބޭފުޅުންވަނީ ސިވިލް ސަރވިސް ކޮމިޝަނަށާއި، ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓް ގެ އިތުރުން ދެ މިނިސްޓްރީ އަކަށް ވެސް ވަޑައިގަންނަވައިފައެވެ.
ސިވިލް ސަރވިސް ކޮމިޝަނާއި ބައްދަލުކޮށް ދެގައުމުގެ ދެމެދުގައި ސިވިލް ސަރވިސް ކަންތައް ރޭވި ހިނގާގޮތާއި، ކުރިއެރުވުމަށްކުރެވޭ މަސައްކަތްތަކާގުޅޭގޮތުން ވަނީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ސިވިލް ސަރވިސް ގެ ކަންތައްތައް 2 ގައުމުގެ ދެމެދުގައި ރޭވި ހިނގޭގޮތާއި، ކުރިއެރުވުމަށްކުރެވޭ މަސައްކަތާގުޅޭގޮތުން 2 ފަރާތުދެމެދު ޕްރެޒެންޓޭޝަންތައް ހުށަހަޅައި ސިވިލް ސަރވިސް ކޮމިޝަންގެ ރެކްރޫޓްމަންޓް ސެކްޝަން އިން ވަނީ މަޢުލޫމާތް ހިއްސާކުރައްވާފައެވެ. އަދި ސިވިލް ސަރވިސް ގެ ކަންކަމާ ގުޅޭގޮތުން އެއްބާރުލުންއިތުރުކޮށް ދެފަރާތުގެ ތަޖްރިބާ ހިއްސާކޮށް ޚިދްމަތްތައް ޒަމާނީކޮށް ހިންގުން ކުރިއެރުމަށް ވަރަށް ބޭނުންވާކަން ފާހަގަކުރެއްވެވިއެވެ. އަދި ބަންގްލާދޭޝްގެ ވަފުދުގެ ފަރާތުންވަނީ ކޮމިޝަނުން ޒިޔާރަތަށް ވަރަށް ފުރިހަމަ ޕްރޮގްރާމެއް ރާއްވަވައިދެއްވައި އެރުވި މެހުމާންދާރީ އަށް ޝުކުރުއަދާކުރައްވާފައެވެ.
މީގެ އިތުރުން މި ވަފުދުވަނީ ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓަށްވެސް ވަޑައިގެން ސީ.އެސް.ޓީ.އައި ގެ ކުލާސްތަކާއި، ދެމުންދާ ޚިދުމަތްތައް ހުރިނެތްގޮތް ބައްލަވާލައްވަވައި އަދި އިންސްޓިޓިއުޓްގެ ކެޕޭސިޓީ (ޤާބިލުކަން) އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ސިވިލް ސަރވިސް ގެ ކަންތައްތައް 2 ގައުމުގެ ދެމެދުގައި ރޭވި  ހިނގޭގޮތާއި، ކުރިއެރުވުމަށްކުރެވޭ މަސައްކަތާ ގުޅޭ ގޮތުންވެސް ވަނީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށާއި މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަށް އިޙްތިރާމްގެ ޒިޔާރަތެއް ވެސް ވަނީ ކުރައްވާފައެވެ. މި ޒިޔާރަތުގައި މި ދެ މިނިސްޓްރީގެ ވެސް މިނިސްޓަރުންނާއި ވަނީ ބައްދަލުކޮށް މި ދެ މިނިސްޓްރީ ތަކުން ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އަދި މީގެ އިތުރުން މި ބޭފުޅުން ވަނީ ދިވެހިރާއްޖޭގެ އާސާރީ ތަންތަނަށް ވެސް ޒިޔާރަތްކުރައްވާފައެވެ. އެގޮތުން މާލޭގެ ހުކުރު މިސްކިތަށާއި ދާރުލް އާސާރަށް ޒިޔާރަތްކޮށް ދިވެހި ތާރީޚާއި ގުޅޭ މަޢުލޫމާތު މި ވަފުދަށް އެރުވުނެވެ. ހުޅުމާލެ ޑިވެލޮޕަންޓް ކޯރޕަރޭޝަން (އެޗް.ޑީ.ސީ) އަށް ވެސް ވަޑައިގެން ހުޅުމާލެ ތަރައްގީ އަށް ކުރެވޭ މަސައްކަތްތައް ބައްލަވާ، ހުޅުމާލެ ފޭސް 2 އަށް ޒިޔާރަތްކުރައްވާފައިވެއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް