މުލަކަތޮޅު އަތޮޅު ކައުންސިލްގެ ފަރާތުން ކޮމިޝަނާއެކު މަޝްވަރާ ކުރައްވައިފި

16 މެއި 2019



ދިވެހި ސިވިލް ސަރވިސްގެ ބައެއްކަންކަން މުލަކަތޮޅު އަތޮޅު ކައުންސިލްއިން ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރެވިދާނެގޮތްތަކާ ގުޅޭގޮތުން މިއަދު ކައުންސިލްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތް ކުރައްވަވައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއެކު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ މުލަކަތޮޅު އަތޮޅު ކައުންސިލް އަދި މުލަކު ކައުންސިލްގެ އިދާރީ އޮނިގަނޑުތަކުގައިވާ މަޤާމުތަކަށް މުވައްޒަފުން ހަމަނުޖެހިވާތީ އާއި މުވައްޒަފުން ހޯދުމާއި ގުޅޭ ގޮތުން ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުންނެވެ. ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުވުމަށް ވަރަށްބޮޑަށް އިސްކަން ދެއްވަން ބޭނުންފުޅުވާކަމަށާއި އެހެންކަމުން ކައުންސިލްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ޤާބިލްކަން އިތުރުކޮށް ތަމްރީންދިނުމަކީ މުހިންމުކަމެއް ކަމަށް ފާހަގަކުރައްވައި، މިކަމުގައި ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައި ގަންނަވާނެކަމުގައި ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ. އަދި ކައުންސިލްގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ކަންކަން ކުރިއަރުވައި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ލިބެންހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ކޮމިޝަންގެ ފަރާތުން ކައުންސިލާއި ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި މުލަކަތޮޅު އަތޮޅު ކައުންސިލްގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް އަޙްމަދު ހަސަން އެވެ. ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ރައީސްގެ އިތުރުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ މެންބަރު އަލްފާޟިލާ ފާތިމަތު އާމިރާ އާއި ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ޒުހުރީ ގެ އިތުރުން ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ޙަދީޖާ ޖަމީލާ އެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް