މިނިސްޓްރީ އޮފް ކޮމާރސް އޮފް ދަ ރިޕަބްލިކް އޮފް ޗައިނާގެ ވަފުދެއް ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތް ކުރައްވައިފި

26 މެއި 2019



ޗައިނާގެ މިނިސްޓްރީ އޮފް ކޮމާރސްގެ އިސް ބޭފުޅުންގެ ވަފުދެއް މިއަދު ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތް ކުރައްވަވައި މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގައި މިއަދު އޮތް މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި ކޮމިޝަނުގެ ނައިބު ރައީސް އަލްފާޟިލް ޝަހީދު މުހައްމަދު ގެ އިތުރުން ކޮމިޝަނުގެ މެންބަރު އަލްފާޟިލާ ފާތިމަތު އާމިރާ އެވެ. މިނިސްޓްރީ އޮފް ކޮމާރސް އޮފް ދަ ރިޕަބްލިކް އޮފް ޗައިނާގެ ފަރާތުން އިސްކޮށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް ކޮމާރސް އޮފް ދަ ރިޕަބްލިކް އޮފް ޗައިނާގެ އެކެޑަމީ ފޯ އިންޓަރނޭޝަނަލް ބިޒްނަސް އޮފިޝަލް، ނައިބު ރައީސް ހީ ޑިންގް އާ އެ އިދާރާގެ ވަފުދެކެވެ. އަދި މީގެ އިތުރުން ޗައިނާ އެމްބަސީގެ ފަރާތުން  ސެކަންޑް ސެކްރެޓަރީ މިސްޓަރ ލިއު ޒުއޯ އެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ޗައިނާ އާއި ސިވިލް ސަރވިސް ކޮމިޝަނާ ގުޅިގެން މީގެ ކުރިން ކުރެވިފައިވާ މުހިންމު މަސައްކަތްތަކާއި އަދި ޗައިނާއިން ރާއްޖެއަށް ތަމްރީނު ފުރުޞަތުތައް ފަހިކުރުމާބެހޭގޮތުން އަލިއަޅުވާލާއި މަޝްވަރާކުރުމެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސިވިލް ސަރވިސްއަށް ފޯރުކޮށްދީފައިވާ އެކި އެކި ފުރުސަތުތަކާއި ގުޅޭގޮތުން ފީޑްބެކް ހޯއްދެވުމެވެ.

ސިވިލް ސަރވިސް ކޮމިޝަނާއި ޗައިނާގެ ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރާ މައި މަރުކަޒު ކަމުގައިވާ ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސް އާ ދެމެދު އެއްބަސްވެވިފައިވާ ފަހުމުނާމާގެ ދަށުން 2014 ވަނަ އަހަރުން ފެށިގެން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ޗައިނާއަށް ދަތުރުކޮށް ތަމްރީނު ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. 2016 ވަނަ އަހަރުން ފެށިގެން ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް ތަމްރީނު ދިނުމާއި މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
މިއަދުގެ މި ބައްދަލުވުމުގައި ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓްޓިއުޓް ގެ ޑިރެކްޓަރ އަލްފާޟިލާ ފާތިމަތު ހަބީބާ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

 


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް