ލަމްސް އަށް ޒިޔާރަތްކޮށް ކޮމިޝަނާ އެކު ގުޅުންބަދަހިކުރުމަށް މަޝްވަރާ ކުރައްވައިފި

28 ޖޫން 2019



ޕާކިސްތާނުގެ ސަރުކާރުގެ ދައުވަތަކަށް ޕާކިސްތާނުގެ ލާހޯރު ސިޓީ އަށް މިހާރު ޒިޔާރަތްކުރައްވަމުން ގެންދަވާ ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދު އިއްޔެ ލާހޯރު ޔުނިވަރސިޓީ އޮފް މެނޭޖްމަންޓް ސައިންސަސް އަށް ޒިޔާރަތްކުރައްވަވައި އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަރްޝާދް އަހުމަދު އާއި ފެކަލްޓީތަކުގެ ޑީނުންނާއި ބައްދަލުކުރައްވަވައި ދެ މުއައްސަސާ ދެމެދު ގުޅުން ބަދަހިކޮށް ދިވެހި ސިވިލް ސަރވަންޓުންނަށް ތަމްރީނާއި ތަޖްރިބާ ގެ ފުރުސަތު އެ ޔުނިވަރސިޓީ އިން ހޯދާދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވަވައިފިއެވެ.
ލާހޯރު ޔުނިވަރސިޓީ އޮފް މެނޭޖްމަންޓް ސައިންސަސް އަކީ ޕާކިސްތާނުގައި ވިޔަފާރި އާއި ހިންގުމުގެ ދާއިރާގައި އެންމެ މަޝްހޫރު އަދި މަޤްބޫލު ޔުނިވަރސިޓީ އެވެ. ނަމަވެސް، މި ޔުނިވަރސިޓީ އާއި ރާއްޖެ އާ ދެމެދު މާބޮޑު ގުޅުމެއް އަދި އުފެދިފައިނެތުމުގެ ސަބަބުން މި ޔުނިވަރސިޓީ އަކީ ދިވެހިންނަށް ފަރިތަތަނަކަށް ނުވެއެވެ. މި ޔުނިވަރސިޓީގައި އިސްހިންގުންތެރީންނަށް ހިންގާ އެގްޒެކެޓިވް ޕްރޮގްރާމް އަކީ ވަރަށް ޒަމާނީ ހިންގުމުގެ ހުނަރާއި ކުރިއަރާފައިވާ ތަންތަނުގެ ތަޖްރިބާ ހިއްސާކޮށްދޭ ޕްރޮގްރާމެއްކަމުން ޕި ޕްރޮގްރާމްގައި ސީނިއަރ ސިވިލް ސަރވަންޓުން ބައިވެރިކުރުމަށް ޔުނިވަރސިޓީ އިން މަރުޙަބާ ވިދާޅުވިއެވެ. އަދި މިއަހަރުތެރޭގައި ލަމްސް ގެ ވަފުދެއް އެ ޔުނިވަރސިޓީ ރާއްޖެއަށް ތަޢާރަފް ކުރެއްވުމަށް ރާއްޖެ ޒިޔާރަތް ކުރެއްވުމަށް ޝައުގުވެރިވާ ކަމުގައި އެފަރާތާއެކު ކޮމިޝަނުން ބޭއްވި މަޝްވަރާތަކުގައި ވިދާޅުވެފައިވެއެވެ. ކޮމިޝަނުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ތިއްބެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި މެންބަރު އަލްއުސްތާޛް ޒަކަރިއްޔާ ހުސެއިން އެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް