ސީ.އެސް.ސީ ވަފުދު އިޤްބާލް އޯޕަން ޔުނިވަރސިޓީ އަށް ޒިޔާރަތް ކުރައްވައިފި

25 ޖޫން 2019



ސިވިލް ސަރވިސް ކޮމިޝަނާއި ޕާކިސްތާނުގައިވާ ގުޅުންހުރި މުއައްސަސާ ތަކާ ގުޅުންބަދަހިކޮށް ދިވެހި ސިވިލް ސަރވިސް ގެ ޤާބިލްކަން އިތުރުކޮށް ދިވެހި ސިވިލް ސަރވިސް ގެ މުވައްޒަފުންނަށް ތަމްރީނާއި ތަޖްރިބާ ހާޞިލްކުރެވޭނެ ފުރުޞަތު ހޯދާދިނުމަށް ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީއިން ދެއްވި ދައުވަތެއްގައި މިހާރު ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދަށް ޒިޔާރަތްކުރައްވަމުންގެންދަވާ ކޮމިޝަނުގެ 5 މެންބަރުންގެ ވަފުދު އައްލާމާ އިޤްބާލް އޯޕަން ޔުނިވަރސިޓީ އަށް ޒިޔާރަތްކުރައްވައިފިއެވެ.
ދުރުންދޭ ތަޢުލީމު އެންމެފުޅާ ދާއިރާއެއްގައި އަގުހެޔޮކޮށް ފޯރުވާދޭ ޔުނިވަރސިޓީ އެއްގެ ގޮތުން މަޝްހޫރުވެފައިވާ އިޤްބާލު ޔުނިވަރސިޓީ އަށް ޒިޔާރަތްކުރުމުން ސީ.އެސް.ސީ ގެ ވަފުދަށް މަރުޙަބާ ވިދާޅުވީ އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެރެބިކް އެންޑް އިސްލާމިކް ސްޓަޑީޒް ގެ ޑީނޭ ޕްރޮފެސަރ ޑރ. ޝާހް މުހުޔިއްދީން ހަޝްމީ އާއި ޔުނިވަރސިޓީ ގެ ރަޖިސްޓްރާ ޑރ. މުޙައްމަދު ޒައިޤާމް ގަދީރު އާއި އެހެނިހެން ފެކަލްޓީ ތަކުގެ ވެރިންނެވެ.
ސީ.އެސް.ސީ ވަފުދުގައި އިސްކޮށް ތިއްބެވީ، ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި މެންބަރު އަލްއުސްތާ÷÷÷ޛް ޒަކަރިއްޔާ ހުސެއިން އެވެ. ވަރަށް އެކުވެރި ޖައްވެއްގައި ކުރިއަށްގެންދެވުނު މި މަޝްވަރާ ބައްދަލުވުމުގައި އިޤްބާލް ޔުނިވަރސިޓީ އާއި ސީ.އެސް.ސީ އާދެމެދު ގުޅުންބަދަހިކޮށް، ދިވެހި ސިވިލް ސަރވަންޓުންނަށް ތަމްރީނާއި ތަޖްރިބާ ބަދަލުކުރުމުގެ ފުރުޞަތު ލިބޭނެގޮތަށް 2 މުއައްސަސާގެ ދެމެދުގައި އެހީތެރިކަމާއި އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެވުނެވެ.
އިޤްބާލް ޔުނިވަރސިޓީ އަކީ ދުރުންދޭ ތަޢުލީމާއި، އީ-ލާރނިންގ އާއި ވާރޗުއަލް ލާނިންގ ޒަރިއްޔާއިން ދުރުތަންތާނގައި ތިބޭ ފަރާތްތަކަށް ކިޔެވޭނެ މަގު ފުރުޞަތުކޮށްދޭ ޕާކިސްތާނުގެ އެންމެ ބޮޑު ޔުނިވަރސިޓީއެވެ. މި ޔުނިވަރސިޓީ އާއިއެކު ގުޅުންބަދަހިކުރެވިއްޖެނަމަ، ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ސިވިލް ސަރވަންޓުންނަށް ބައެއް ކޯސްތައް ޚަރަދުކުޑައަގެއްގައި ހަދާލުމުގެ ފުރުޞަތުލިބިގެންދާނެއެވެ. މިގޮތުން ދެފަރާތުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ފަހުމުނާމާ އެއްކުލަވާލުމަށްޓަކައި ކޮމިޝަނުގެ ފަރާތުން ދެލިކޮޕީއެއް އެޔުނިވަރސިޓީ ގެ ލަފައަކަށް މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ހުށަހެޅުއްވެވިއެވެ. މިދެލިކޮޕީ ބެއްލެވުމަށްފަހު އަވަސް ފުރުޞަތެއްގެ ތެރޭގައި ސޮއިކުރެވޭތޯ މަސައްކަތްކުރައްވަވާނެކަމުގައި އިސްކޮށް އިންނެވި ޕްރޮފެސަރ ޑރ. ޝާހް މުހުޔިއްދީން ހަޝްމީ ވިދާޅުވިއެވެ. އަދި ސީ.އެސް.ސީ އާއި ޔުނިވަރސިޓީ އާ ދެމެދު އިތުރަށް މުޢާލާތް ކުރުމަށް މެދުވެރިއެއްގެ ގޮތުގައި ނުވަތަ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ޑރ. ޒާހިދު މަޖީދު ހަމަޖެހިގެންދިޔައެވެ.
މި ބައްދަލުވުމުގައި، ޔުނިވަރސިޓީގެ ބޭފުޅުން ވަރަށް ހިތްވަރު ލިބުނު އަދި ކަންކަންފަހި ވާނެގޮތައް ޝައުގުވެރިކަމާއެކު ވާހަކަފުޅުދެއްކެވިއެވެ. މިގޮތުން ސިވިލް ސަރވިސް އާއިއެކު ގުޅުން ބަދަހިކޮށް އެ ޔުނިވަރސިޓީގެ ފަރާތުން ހިންގާ ކޯސްތަކާއި، ބާއްވާ ދިރާސީ ކޮންފަރެންސް ތަކުގައި ދިވެހި ސިވިލް ސަރވަންޓުންނަށް ބައިވެރިވެވޭނެގޮތާއި އަދި ރިސާރޗް ޖާނަލް ކޮމިޝަނަށް ލިބޭނެގޮތް ހެދެވިދާނެގޮތުގެ މައްޗަށް ލަފާދެއްވެވިއެވެ.
ރަސްމީ ބައްދަލުކުރެއްވުމަށްފަހު ސީ.އެސް.ސީ ގެ ވަފުދު އެ ޔުނިވަރސިޓީގައި ތަފާތު ކޯސްތައް ހިންގާ ފެކަލްޓީ އަށާއި ޗާޕްޚާނާ އަށް ޒިޔާރަތްކޮށް ބައްލަވާލެއްވެވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް