މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ޕަރމަނަންޓް ސެކްރެޓަރީއެއް އައްޔަނުކުރައްވައިފި

13 ޖޫން 2019



މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަލްފާޟިލް އަޙްމަދު އަލީ ކޮމިޝަނުން މިއަދު އައްޔަންކުރައްވައިފިއެވެ. ޕަރމަނަންޓް ސެކްރެޓަރީ އައްޔަނުކުރުމުގެ ރަސްމީއްޔާތު ބޭއްވުނީ އެމިނިސްޓްރީގެ އިއްޒަތްތެރި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީގެ ހާޒިރުގައި އެ މިނިސްޓްރީގައެވެ. ޕަރމަނަންޓް ސެކްރެޓަރީ ކޮމިޝަނުގެ ފަރާތުން އައްޔަނުކުރެއްވެވީ ކޮމިޝަނުގެ ނައިބު ރައީސް އަލްފާޟިލް ޝަހީދު މުޙައްމަދެވެ.

އަލްފާޟިލް އަޙްމަދު އަލީ އަކީ ސަރުކާރަށްއެކި ވަޒީފާތަކުގައި 10 އަހަރު ޙިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2000 ވަނަ އަހަރު އޯލެވެލް ނިންމުމަށްފަހު ވަގުތީ ޓީޗަރެއްގެ ވަޒީފާ އަދާކުރަން ފެށި ހިސާބުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ދައުލަތުގެ އެކި ވަޒީފާތަކުގައި ވަނީ މަސައްކަތްކޮށްފައެވެ. 2013 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަޤާމަށް އައްޔަނު ކުރެވުނު ހިސާބުން ފެށިގެން އެ ކޮމިޝަނުގެ ޑިވިޝަން ހެޑެއްގެ ޒިންމާ އަދާކޮށްފައިވެއެވެ. އަދި 2015 ގައި އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަން ކުރުމާ ހިސާބުން ފެށިގެން ފެބުރުވަރީ 2018 ގެ ނިޔަލަށް އެ ކޮމިޝަނުގެ އިދާރާ ހިންގުމުގެ އެންމެ އިސް ވެރިއެއްގެ ޒިންމާ ވެސް ވަނީ އަދާކޮށްފައެވެ. އަދި އަލްފާޟިލް އަޙްމަދު އަލީ 2013-2008 ވަނަ އަހަރުގެ ނިޔަލަށް 3 ސުކޫލެއްގައި ޕްރިންސިޕަލެއްގެ ވަޒީފާ ވެސް ވަނީ އަދާކޮށްފައެވެ.

އަލްފާޟިލް އަޙްމަދު އަލީ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން އިން ބެޗްލަރ އޮފް ޓީޗިންގް ސެކަންޑަރީ (ހިސާބު އަދި ކެމިސްޓްރީ އިން) ފުރިހަމަކޮށްފައެވެ. އަދި 2008 ވަނަ އަހަރު އިންޑިއާގެ މައިސޫރު ޔުނިވަރސިޓީ އިން މާސްޓަރ އޮފް އެޑިޔުކޭޝަން އިން ސްކޫލް މެނޭޖްމަންޓް ޙާޞިލްކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި އެއްގޮތަށް އަދި މިނިސްޓަރުގެ ލަފަޔާއެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގަވާ ދެއްވުމަށް ކޮމިޝަނުގެ ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ. އަދި އޮފީސް ހިންގެވުމުގައި ސިވިލް ސާރވިސްގެ މުވައްޒަފުންނާއި ގުޅިގެން އެކުއެކީގައި މިނިސްޓްރީ އަށް ސަރުކާރުން ކަނޑައަޅުއްވަވާފައިވާ އިޙްތިސޯސް އާއި ސިޔާސަތު ތަންފީޒުކޮށް ދެއްވުމުގައި ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއިއެކު މަސައްކަތް ކޮށްދެއްވުމަށްވެސް ކޮމިޝަނުގެ ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307