ދިވެހިބަހުގެ ދުވަސް ކޮމިޝަނުގައި ފާހަގަކޮށްފި

14 އޭޕްރީލް 2019



މިއަހަރުގެ ދިވެހިބަހުގެ ދުވަސް މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ފާހަގަކޮށްފިއެވެ. މިއަދު ހެނދުނު މިކަމަށް ބޭއްވުނު ޙާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އެވެ. ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ބައިވެރިވި މިރަސްމިއްޔާތުގައި ދުވަހުގެ ޝިޢާރު ކަމުގައިވާ " ބުނާނީ ލިޔާނީ ދިވެހިބަހުން" މި ޝިޢާރުގެ މައްޗަށް އަލިއަޅުވާލައްވައި ކޮމިޝަނުގެ ރައީސް ވާހަކަފުޅުދެއްކެވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ދިވެހިބަހުގެ ދުވަހެއް ޤައުމީ ފެންވަރެއްގައި ކޮންމެ އަހަރަކު ފާހަގަކުރުމުގެ ބޭނުމުގެ މައްޗަށާއި އަދި ދިވެހި ބަހުގެ ތާރީޙް ގެ މައްޗަށް އަލިއަޅުވާލައްވަވައި، މަޢުލޫމާތު ހިއްސާކުރެއްވެވިއެވެ. މިގޮތުން ދިވެހިބަހުގެ އަކުރުތައް އުފެދިގެން އައި ގޮތުގެ މައްޗަށް ތާރީޙީ ނަޒަރަކުން ބައްލަވާލައްވައި، އެވޭލާ އަކުރާއި ދިވެސް އަކުރު އަދި ތާނައަކުރު އުފެދިގެން އައި ގޮތާއި އަދި ދިވެހިބަހުގެ މަޤާމު ދުނިޔޭގެ ފެންވަރުގައި އޮތްގޮތުގެ މައްޗަށްވެސް އަލިއަޅުވާލެއްވެވިއެވެ.

ކޮމިޝަނުގެ ރައީސް ދުވަހުގެ މުނާސަބަތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންނަށް ޙާއްސަ އިލްތިމާސެއްވެސް ކުރެއްވެވިއެވެ. އެއީ ދިވެހިބަސް ކުރިއަރުވައި ދިވެހި ބަހުން ބުނެވެން އަދި ލިޔެވެން އޮތް ބަހެއްގެ ބަދަލުގައި ބޭރު ބަސްތައް ބޭނުން ނުކުރުމަށް މިއަދުންފެށިގެން މުއައްޒަފުން އަޒުމް ކަނޑައެޅުމަށާއި  އަދި ކުށްނެތް ދިވެހި ބަހުން މުއާމަލާތްކޮށް މުވާސަލާތުކުރުމަށް ގޮވާލެއްވުމެވެ. އަދި ކޮމިޝަނުގެ ކޮންމެ ސެކްޝަނެއްގައި ފަސޭހައިން ބަލާލެވޭގޮތަށް ދިވެހި ބަސްފޮތާއި، ދިވެހިބަހުގެ ގަވާއިދު ފޮތްބަޔާއި އަދި ދިވެހިބަހުގެ ހަމައިގެ އަތްމަތީ ފޮތް ލިބޭނެ އިންތިޒާމް ކޮށްދެއްވުމަށް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ އަރިއަހުން އެދިވަޑައިގެންނެވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް