މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަށް ޕަރމަނަންޓް ސެކްރެޓަރީއެއް މިއަދު އައްޔަނުކުރައްވައިފި

16 އޭޕްރީލް 2019



މިނިސްޓްރި އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީކަމަށް  އަލްފާޟިލް އަބްދުﷲ ފަޔާޒް މިއަދު ސިވިލް ސަރވިސް ކޮމިޝަނުން އައްޔަނުކުރައްވަވައިފިއެވެ.

ޕަރނަންޓް ސެކްރެޓަރީން އައްޔަނުކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ ހާޟިރުގައެވެ. ޕަރމަނަންޓް ސެކްރެޓަރީ އައްޔަނުކުރެއްވިކަމުގެ ލިޔުން ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހަވާލުކޮށްދެއްވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.

އަލްފާޟިލް އަބްދުﷲ ފަޔާޒް އަކީ ހިންގުމުގެ ދާއިރާގައި 11 އަހަރަށްވުރެ ގިނަ ދުވަހު ތަފާތު މަޤާމުތަކުގައި ޚިދުމަތްކޮށްފައިވާ ބޭފުޅެކެވެ. 6 އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރުގެ އެކި ވަޒީފާތަކުގައި އެބޭފުޅާ ޚިދުމަތް ކުރައްވާފައިވާއިރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރކަމާއި ޓެކްނިކަލް އެޑްވައިޒަރގެ މަޤާމު ވެސް ވަނީ ފުރުއްވާފައެވެ. އަދި، މީގެ އިތުރުން ޢިމާރާތް ކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބިލްޑިންގް އެންޑް ކޮންސްޓްރަކްޝަންގެ ބޯޑު މެންބަރުކަމާއި ސަރުކާރުގެ ކުންފުނިތަށް ކަމަށްވާ ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓެޑާއި ވޯކްސް ކޯޕަރޭޝަން ބޯޑުގެ މެންބަރުކަންވެސް އަދާކޮށްފައިވެއެވެ. ޢަބްދުﷲ ފަޔާޟް ވަނީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އިން "ބެޗްލަރ އޮފް އިންޖިނިއަރިންގ" ފުރިހަމަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނުގެ ރައީސް ވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދާއެއްގޮތަށް އަދި މިނިސްޓަރގެ ލަފަޔާއެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގުވާ ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އޮފީސް ހިންގެވުމުގައި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ގުޅިގެން އެކުއެކީގައި މިނިސްޓްރީ އަށް ސަރުކާރުން ކަނޑައަޅުއްވަވާފައިވާ އިޙްތިސާސް ތަންފީޒުކުރުމަށާއި އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ދެއްވުމަށް ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއިއެކު މަސައްކަތް ކޮށްދެއްވުމަށްވެސް ކޮމިޝަނުގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް