މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ކޮމިޝަނުގެ ކަންކަމާގުޅޭގޮތުން މަޢުލޫމާތް ސާފުކުރައްވައިފި

23 އޭޕްރީލް 2019



މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން ހާޟިރު ކުރައްވަވައި، އެކޮމިޓީއަށް ހުށަހެޅިފައިވާ ބައެއް ކަންކަމާގުޅޭގޮތުން ސީދާ ސުވާލުކުރައްވަވައި މަޢުލޫމާތު ސާފުކުރައްވަވައިފިއެވެ. މިއަދު މެންދުރުފަހު ބޭއްވުނު މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ ކޮމިޓީގެ މުޤައްރިރު ވިލުފުށީ ދާއިރާގެ މެންބަރު އަލްފާޟިލް ރިޔާޟް ރަޝީދެވެ. ކޮމިޝަނުގެ ފަރާތުން 5 މެންބަރުން ބައިވެރިވެވަޑައިގަތެވެ.

ކޮމިޓީގެ ފަރާތުން މައިގަނޑު ގޮތެއްގައި ސާފުކުރައްވަވަން ބޭނުންފުޅުވި މަޢުލޫމާތަކީ ބައެއް ނޫސްތަކުގައި މިފަހަކުން ރިޕޯޓުކޮށްފައިވާ ބައެއް ޚަބަރުތަކާ ގުޅޭގޮތުންނެވެ. އެއީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް ޝަރުތު ހަމަނުވާ ފަރާތްތައް ހަމަޖައްސަވަމުން ގެންދާ ކަމުގެ ތުހުމަތުކޮށް ޝާއިޢުކޮށްފައިވާ ޚަބަރުތަކެކެވެ.

މިސުވާލުގެ އިޖާބާގައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި އަދި ނައިބު ރައީސް ޝަހީދު މުޙައްމަދު، ކޮމިޝަނުގެ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ކަންކަން ހަމަޖެހިފައިވާ ގޮތް ބަޔާންކޮށް ދެއްވާފައިވެއެވެ. މިސުވާލުގެ އިތުރުންވެސް އެހެން ބައެއް ސުވާލުތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުންކުރެއްވެވިއެވެ. އޭގެތެރޭގައި މިހާރުގެ ސަރުކާރު އައިފަހުން ކޮމިޝަނުގެ މަސައްކަތްތަކަށް އެއްވެސް ނުފޫޒެއް ފޯރާތޯ އެއްސެވުމާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާރޓްސް އިން ދިވެހި ޑިގްރީ ހާޞިލު ކުރާ ފަރާތްތަކަށް ސިވިލް ސަރވިސްގެ ވަޒީފާތައް ލިބެމުންނުދާކަމުގެ ވާހަކައެވެ. ކޮމިޝަނުގެ ފަރާތުން ޖަވާބުދާރީ ވެވަޑައިގެން މި ސުވާލުތަކުގެ އިޖާބާގައި ވިދާޅުވެފައިވަނީ ކޮމިޝަނަށް ސިޔާސީ ނުފޫޒު ނުފޯރާކަމަށާއި، ދިވެހިބަހުގެ ޑިގްރީ ހާޞިލުކޮށްފައިވާ ފަރާތްތަކަށް ކޮންމެ ވަޒީފާއެއް ސިވިލް ސަރވިސްގެ އިދާރާތަކުން ނުލިބެނީ، އެ ކުރިމަތިލާ ވަޒީފާ އަކަށް ބޭނުންވާ ޢިލްމާއި ތަމްރީނު ހާޞިލު ވެފައިވާކަން ފުރިހަމަކުރި ޑިގްރީ ސެޓްފިކެޓުން އެގެން ނޯންނާތީކަމުގައެވެ. މިގޮތުން ސިވިލް ސަރވިސްގެ އަސާސީ ޝަރުޠު ގައި ބަޔާންކުރަނީ ޑިގްރީ ފެންވަރުގެ މަޤާމުތަކުގެ ތައުލީމީ ރޮގުން ޑިގްރީ ހާސިލުކޮށްފައި ހުންނަންވާނެ ކަމަށާއި، ޓްރާންސްކްރިޕްޓުން އެންމެ މަދުވެގެން 30 އިންސައްތަ މޮޑިއުލްތައް މި ތަޢުލީމީ ރޮގާއި ގުޅޭކަން އެގެންޖެހޭނެކަމަށެވެ. އަދި ދިވެހި ބަހުގެ ޑިގްރީ ކޯހުގައި ކިޔަވާ މޮޑިއުލްތަކުގެ 30 އިންސައްތައަކީ މެނޭޖުމަންޓް އަދި އެޑްމިނިސްޓްރޭޝަން ދާއިރާ އާ ގުޅޭ މޮޑިއުލްތަކަކަށް ނުވާނަމަ އެޑްމިނިސްޓްރޭޝަން ދާއިރާގެ ޑިގްރީ ފެންވަރުގެ ސިވިލް ސަރވިސް މަޤާމުތަކަށް ޝަރުޠު ފުރިހަމަނުވާނެއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް