ކޮމިޝަންގެ ރައީސް އެޗް އާރު ކޮންވެންޝަންގައި ވާހަކަފުޅު ދައްކަވައިފި

05 މާޗް 2019



ރާއްޖޭގައި އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގެ މަސައްކަތް ހަރުދަނާކޮށް މަޢުލޫމާތާއި ތަމްރީނު ފޯރުކޮށްދިނުމަށް ރާއްޖޭގައި މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއް ކަމުގައިވާ "މޯލްޑިވިސް އެސޯސިއޭޝަން އޮފް ހިޔުމަން ރިސޯސް ޕްރޮފެޝަނަލްސް" ގެ ފަރާތުން އިންތިޒާމްކޮށް ދަރުބާރުގޭގައި މި މާރޗް މަހުގެ 4 އިން 5 އަށް ކުރިއަށްގެންދާ ނެޝަނަލް ހިއުމަން ރިސޯސް ކޮންވެންޝަން އެންޑް އެކްސްޕޯ ގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ހެނދުނު ވާހަކަފުޅުދައްކަވައިފިއެވެ.

ކޮމިޝަނުގެ ރައީސް ގެ ވާހަކަފުޅު ބިނާކުރެއްވެވީ ގައުމީ ފެންވަރެއްގައި އިންސާނީ ވަސީލަތް ރާއްޖޭގައި ތަރައްޤީކޮށް ހަރުދަނާކުރުމަށް ދިމާވެފައިވާ ބައެއްގޮންޖެހުންތަކާއި އަދި ބައިނަލް އަޤްވަމީ ގޮތުންވެސް ތަރައްޤީވުމަށް މަސައްކަތް ކުރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުންނެވެ. މިގޮތުން ވާހަކަފުޅު ދައްކަވަމުން މުޅިރާއްޖޭގައި އިންސާނީ ވަސީލަތް ކުރިއަރުވައި ތަރައްޤީ ކުރުމަށް އަދި މިކަމާބެހޭ ދިރާސާތައް ކުރުމަށް ގައުމީ ފެންވަރުގެ އެކަމަށް ޚާއްސަ އިދާރާއެއްނެތުމުން ދިމާވާ ދަތިތަކާއި އަދި އިންސާނީ ވަސީލަތް ބިނާކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބާރުއަޅާ ޤާނޫނުއްނެތުމުން މިކަންކުރަން ދަތިވެފައިވާކަން ފާހަގަކުރެއްވެވިއެވެ. އަދި ރާއްޖެއަށް އަންނަމުންދާ އިޤްތިސާދީ އަދި ވަޒީފާބާޒާރުގެ ބަދަލުތަކަށް ރިއާއަތްކުރެވިގެން ގައުމީ ސިޔާސަތެއް އެކުލަވާލެވިފައިނުވުމާއި، ޕަބްލިކް ސެކްޓަރާއި ޕްރައިވެޓް ސެކްޓަރ އަދި ސިވިލް ސޮސައިޓީ ސެކްޓަރ ގުޅިގެން އެއްއަމާޒަކަށް މަސައްކަތްކުރެވޭނެ ނިޒާމެއް ގާއިމުވެފައިނުވުމުންކަމުގައިވެސް ފާހަގަކުރެއްވެވިއެވެ.

ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރެވޭ ގޮންޖެހުންތަކުގެ ތެރޭގައި ރާއްޖޭގެ ދަރިވަރުން ބޭރުގައުމުތަކަށް ތައުލީމާއި ތަމްރީން ހާސިލް ކުރުމަށް ދިއުމުން " އިންޓަރނޭޝަނަލް ޑިފަރެންޝަލް ފީ" ގެ ގޮތުގައި ބޮޑު ކޯސްފީއެއްނަގާކަމަށާއި، ނަމަވެސް ރާއްޖޭގައި ބިދޭސީ ދަރިވަރުންނަށް މިހެންނަހަދާކަން ފާހަގަކުރެއްވެވިއެވެ. މީގެއިތުރުން ރާއްޖޭގެ މަސައްކަތްތެރިން ހުނަރުވެރިވެ ތަޖްރިބާ ލިބުމުން ބޭރުގެ ގައުމުތަކަށް ހިޖްރަކުރުމުގެ ސަބަބުންވެސް އިންސާނީ ވަސީލަތްކުރިއެރުވުމުގައި ރާއްޖޭގައި ދަތިވާކަމުގައި ރައީސްގެ ވާހަކަފުޅުގައި ބަޔާންކުރެއްވެވިއެވެ. ބޭރުގެ ގައުމުތަކުން ރާއްޖެކަހަލަ ތަރައްޤީވުމަށް މަސައްކަތްކުރާ ގައުމުތަކުން އެންމެ ރަނގަޅު ތަޖްރިބާ އާއި ހުނަރުލިބިފައިވާ މަސައްކަތްތެރިން ގެންދަނީ އެފަދަ ފަރާތްތަކުގެ ޕްރައިމަރީ އާއި ސެކެންޑްރީ އަދި ގިނަފަހަރަށް ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ލޯލާރިއެއްވެސް ޚަރަދުނުކޮށް ކަމުގައި ބަޔާންކުރެއްވެވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސިވިލް ސަރވިސް އާއި ޕްރައިވެޓް ސެކްޓަރާއި ދެމެދު ގުޅުން އުފައްދައި ދެފަރާތުގެދެމެދު ގުޅިގެން އިންސާނީ ވަސީލަތް ބިނާކޮށްކުރިއެރުވުމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިދާނެކަމުގައި ފާހަގަކުރައްވަވައި މިގޮތުގެ މަތިން މަސައްކަތްކުރަން ސިވިލް ސަރވިސް ތައްޔާރަށް އޮތްކަމުގައިވިދާޅުވެ މިކަމަށް ޝައުގުވެރިވާފަރާތް ތަކަށް ދައުވަތުދެއްވެވިއެވެ. އަދި މިގޮތަށް ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ ޚަރަދުކުޑަކޮށް މަސައްކަތްތެރީން ތަމްރީނުކުރެވިދާނެ ކަމަށާއި އަދި އެއްބަޔަކު ކިބައިން އަނެއް ބަޔަކަށް އީޖާދީ އައުކަންކަން ދަސްކުރެވި ތަޖްރިބާ ބަދަލުކުރުމަށް މަގުފަހިވެގެން ދާނެކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ހާމަކުރެއްވެވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް