މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޕަރމަނަންޓް ސެކްރެޓަރީ ކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފި

25 މާޗް 2019



މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޕާރމަނަންޓް ސެކްރެޓަރީގެ ކަމުގެ މަޤާމަށް އަލްފާޟިލް ޝަމްޢޫން ޙަމީދު މިއަދު ކޮމިޝަނުން ޢައްޔަން ކުރައްވައިފިއެވެ. ޕަރމަނަންޓް ސެކްރެޓަރީ ޢައްޔަނު ކުރުމުގެ ރަސްމީއްޔާތު ބޭއްވުނީ، މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮނަރަބްލް އަލްފާޟިލާ ޔުމްނާ މައުމޫން އާއި، އެ މިނިސްޓްރީގެ އިސް ބައެއް ވެރިންނާއި، އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ޕާރމަނަންޓް ސެކްރެޓަރީ ކަމުގެ މަޤާމަށް ހޮވިވަޑާއިގެންނެވި އަލްފާޟިލް ޝަމްޢޫން ޙަމީދު އެ މަޤާމަށް ޢައްޔަނު ކުރެއްވެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.

1986 ވަނަ އަހަރުން ފެށިގެން ސަރުކާރާއި ދަޢުލަތުގެ އެކި މަޤާމުތަކުގައި ޚިދުމަތްކުރައްވާފައިވާ އަލްފާޟިލް  ޝަމްޢޫން ޙަމީދު މާސްޓަރ އޮފް މިއުޒިކް (ކޮމްޕޮޒިޝަން) ޙާސިލްކުރައްވާފައިވަނީ ސިޑްނީ ކޮންޒަވެޓޯރިއަމް އޮފް މިއުޒިކް، ޔުނިވަރސިޓީ އޮފް ސިޑްނީ އިންނެވެ. އަދި ބެޗެލަރ އޮފް މިއުޒިކް ހާސިލް ކުރައްވާފައިވަނީ ކުއީންސްލޭންޑްގެ ކޮންޒަވެޓޯރިއަމް އޮފް މިއުޒިކް، ގްރިފިތް ޔުނިވަރސިޓީ އިންނެވެ. ހިންގުމުގެ ދާއިރާއިން ޝަމްޢޫން ޙަމީދު ފުރުއްވާފައިވާ އިސް މަޤާމްތަކުގެ ތެރޭގައި، ހިއުމަން ރައިޓްސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމާއި، ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމާއި، ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ ޑިރެކްޓަރ ކަމުގެ މަޤާމާއި ދިވެހިރާއްޖޭގެ އަޑުގެ ޑިރެކްޓަރ ކަމުގެ މަޤާމާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މިއުޒިކް ސުޕަރވައިޒަރ ކަމުގެ މަޤާމު ހިމެނެއެވެ. އަދި ޝަމްޢޫން ޙަމީދު ވަނީ 1992 ވަނަ އަހަރު ސަރުކާރުން ދެއްވާ ޢާއްމު ޚިދުމަތުގެ ޤައުމީ އިނާމާއި އައްޑަނަ ވެސް މިއުޒިކްގެ ރޮނގުން ޙާސިލް ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނުގެ ރައީސް ވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއެއްގޮތަށް އަދި މިނިސްޓަރގެ ލަފަޔާއެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގަވާ ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އޮފީސް ހިންގެވުމުގައި ސިވިލް ސާރވިސްގެ މުވައްޒަފުންނާއި ގުޅިގެން އެކުއެކީގައި މިނިސްޓްރީ އަށް ސަރުކާރުން ކަނޑައަޅުއްވަވާފައިވާ އިޙްތިސޯސް އާއި ސިޔާސަތު ތަންފީޒުކޮށް ދެއްވުމުގައި ތެދުވެރިކަމާއި ނަޒާހާތްތެރިކަމާއިއެކު މަސައްކަތް ކޮށްދެއްވުމަށްވެސް ކޮމިޝަނުގެރައީސް އެދިވަޑައިގެންނެވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް