ކޮމިޝަނާއެކު ނިލަންދެ އަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލް އިން މަޝްވަރާކުރައްވައިފި

21 ފެބްރުއަރީ 2019



ދިވެހި ސިވިލް ސަރވިސްގެ ބައެއްކަންކަން ނިލަންދެ އަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްއިން ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރެވިދާނެގޮތްތަކާ ގުޅޭގޮތުން މިއަދު ކައުންސިލްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތް ކުރައްވަވައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ ބަނޑިދޫ ކައުންސިލްގެ އިދާރީ އޮނިގަނޑުތަކުގައިވާ މަޤާމުތަކަށް މުވައްޒަފުން ހަމަނުޖެހިވާތީ ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުންނެވެ. އަދި ކޮމިޝަނުގެ ފަރާތުން މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ކައުންސިލަށް ހުރިހާކަމެއްގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން ކޮމިޝަނުގެ ރައީސް ބަނޑިދޫ ކައުންސިލްގެ ބޭފުޅުންނަށް އެރުވިއެވެ. އަދި ކައުންސިލްގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ކަންކަން ކުރިއަރުވައި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ލިބެންހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ކޮމިޝަންގެ ފަރާތުން ކައުންސިލާއި ހިއްސާކުރެއްވިއެވެ.

މިއަދުގެ ކޮމިޝަނުގައި ބޭއްވުނު ބައްދަލުވުމުގައި ބަނޑިދޫ ކައުންސިލްގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގެންނެވީ ކައުންސިލްގެ ރައީސް އަލްފާޟިލް ޙަސަން ޙަނީފް އާއި ކައުންސިލްގެ ނައިބު ރައީސް  އަލްފާޟިލް މުހައްމަދު މަމްދޫހް އަދި ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ އަލްފާޟިލް އަހްމަދު މޫސާ އެވެ. ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ ކޮމިޝަނުގެ ރައީސްގެ އިތުރުން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ޒުހުރީ އެވެ.

މި ބައްދަލުވުމުގައި ނިލަންދެ އަތޮޅު ދެކުނުބުރީ ބަނޑިދޫ އަށް ކޮމިޝަނުގެ ރައީސް ޒިޔާރަތްކުރެއްވުމަށް ކައުންސިލްގެ ރައީސް އަލްފާޟިލް ޙަސަން ޙަނީފް ދައުވަތުދެއްވެވިއެވެ. މި ދައުވަތު ގަބޫލުފުޅުކުރައްވަވައި ފަސޭހަފުޅު ތާރީޚެއްގައި ދާދި އަވަހަށް ބަނޑިދޫއަށް ޒިޔާރަތް ކުރައްވަވާނެ ކަމުގެ ޔަޤީންކަން ރައީސްދެއްވެވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް