ދުބާއީގައިބޭއްވޭ ވާލްޑް ގަވާންމަންޓް ސަމިޓުގައި ކޮމިޝަންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަނީ

09 ފެބްރުއަރީ 2019



އީޖާދީއާގޮތްތަކާއި ޓެކްނޮލޮޖީގެ ބޭނުންހިފައި ކުރިމަގުގެ ސަރުކާރުތައް ނުވަތަ ސިވިލް ސަރވިސްގެ ހިންގުން ހަރުދަނާކުރެވިދާނެގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް ތަޖްރިބާ އާއި ޚިޔާލު ބަދަލުކުރުމަށް ފުރުސަތުހޯދާދިނުމުގެ ގޮތުން ދުބާއީގައި މި ފެބްރުއަރީ މަހުގެ 10 ން 12ށް ބޭއްވޭ ވާލްޑް ގަވާންމަންޓް ސަމިޓް ގައި ސިވިލް ސަރވިސްގެ ވަފުދެއް ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް އާއި މެންބަރ ފާތިމަތް އާމިރާ އާއި ސެކެޓްރީ ޖެނެރަލް ޑރ. އިބްރާހިމް ޒުހުރީއެވެ. މި ވަފުދު މިހާރުތިއްބެވީ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީގައެވެ.

ސަމިޓް ރަސްމީގޮތުން ފެށުމުގެކުރިން 9 ފެބްރުއަރީ 2019 ގައި ބޭއްވުނު ސަރުކާރުތަކުގެ ގާބިލުކަން އިތުރުކުރުމުގެ 1 ދުވަހުގެ ޕްރޮގްރާމެއްގައި ކޮމިޝަންގެ ރައީސް މިއަދު ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދުގެ މި ބައްދަލުވުމުގައި 2050 ވަނައަހަރަށްދާއިރު ސަރުކާރުތައް ޓެކްނޮލޮޖީގެ އެހީގައި ޚިދުމަތްދިނުން ކުރިއަރާދާނެ ގޮތުގެ އަންދާޒީ ލަފާތަކެއް ބައިވެރިންނާއި ހިއްސާކުރެވުނެވެ. އަދި ޓެކްނޮލޮޖީ ބޭނުންކޮށް ސިވިލް ސަރވިސްގެ ޚިދުމަތްތައް މުޅިން އާގޮތްތަކަށް ބަދަލުކޮށްލެވިފައިވާ ގޮތުގެ ކާމިޔާބީގެ ވާހަކަތައް ވެސް ބައިވެރިންނާއި ހިއްސާކޮށް މަޝްވަރާކުރުން ބޭއްވުނެވެ. މި ގޮތުން އިންޑިއާގެ 1 ބިލިއަނަށްވުރެ ގިނަ އާންމުފަރާތްތަކަށް ކާކުކަން ދެނެގަނެވޭގޮތަށް ޑިޖިޓަލް އައިޑީ ހަދާދިނުމާއި، އެސްޓޯނި އާގައި 1995 އިން ފެށިގެން ކުރިއަށްގެންދެވުނު ޑިޖިޓަލް ޓްރާންސްފޮމޭޝަން (އިލެކްޓްރޯނިކް އިންގްލާބް) ގެނެވިފައިވާ ކާމިޔާބު ގޮތްތައްވެސް ބައިވެރިންނާއި ހިއްސާކުރެވުނެވެ. މި ސެޝަން ނުވަތަ ބައްދަލުވުން އިންތިޒާމްކުރީ ވާލްޑް ބޭންކްއާއި ޔުނައިޓެޑް އެރަބި އެމެރޭޓްސްގެ ސަރުކާރާއި ގުޅިގެންނެވެ.

10 ފެބްރުއަރީ 2019 ގައި ފެށޭ 7 ވަނަ ވާލްޑް ގަވާންމަންޓް ސަމިޓްގައި 150 ގައުމަކުން 4000 މަންދޫބުންބައިވެރިވެއެވެ. އަދި ސަރުކާރާއި އާންމު ވިޔަފާރިތަކާއި މަދަނި ޖަމިއްޔާތަކުން ލީޑަރުންގެގޮތުގައި ތަރައްޤީގެ މަގުގައި ދުނިޔޭގަ ހޮވާލެވޭ އިލްމީ ތަޖްރިބާކާރުންނާއި އަދި ފަންނުތަކުގެ މާހިރުން ތަޤްރީރްކޮށް މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފައެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް