އާސްތާނާ ސިވިލް ސަރވިސް ހަބް ގައި ކޮމިޝަން ބައިވެރިވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

12 ފެބްރުއަރީ 2019



ސިވިލް ސަރިވސް ގެ ހިންގުން ހަރުދަނާކުރުމާއި މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްތަކެއް ކުރާ ބައިނަލް އަޤްވާމީ ޖަމްއިއްޔާ އެއްކަމުގައިވާ " އާސްތާނާ ސިވިލް ސަރވިސް ހަބް" ގައި ސިވިލް ސަރވިސް ކޮމިޝަނުން ބައިވެރިވުމާ ގުޅޭގޮތުން އިއްޔެ އެފަރާތާއެކު ކޮމިޝަނުގެ ފަރާތުން މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ. ދުބާއީގައި މިހާރުކުރިއަށްދާ ވާލްޑް ގަވަރމަންޓް ސަމިޓްގެ އަށިމަތީގައި ބޭއްވުނު މި މަޝްވަރާ ބައްދަލުވުމުގައި އޭސީ އެސް އެޗް ގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެތާނގެ ޗެއާރމަން މިސްޓަރ އަލީޚަން ބައިމެނޯވް އެވެ. ކޮމިޝަނުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަތީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި މެންބަރު ފާތިމަތު އާމިރާ އާއި ސެކެޓްރީ ޖެނެރަލް ޑރ. އިބްރާހިމް ޒުހުރީ އެވެ.

އޭސީ އެސް އެޗް އަކީ 2013 ވަނަ އަހަރު ކަޒަކްސްޓާން އާއި ޔޫއެންޑީޕީ އާ ގުޅިގެން އުފެއްދި ޖަމްއިއްޔާއެކެވެ. މި ޖަމްއިއްޔާގެ މައިމަރުކަޒު ގާއިމްކުރެވިފައިވަނީ ކަޒަކްސްޓާން ގެ ވެރިރަށް " އާސްތާނާ" ގައެވެ. މިހާތަނަށް 40 ގައުމަކުން ބައިވެރިވެފައިވާ މި ޖަމްއިއްޔާއަކީ ސިވިލް ސަރވިސް ތަރައްޤީ ކުރުމުގެ ދިރާސާކުރާ އަދި ސިވިލް ސަރވަންޓުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ފަންނީ އެހީއާއި ތަމްރީނު އަދި  މެންބަރު ގައުމުތަކުގެ ތަޖްރިބާ ހިއްސާކުރުމަށް އެހީވެދޭ ޖަމްއިއްޔާއެކެވެ.

މިއަދު ދުބާއީ ގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި އޭސީ އެސް އެޗް ގެ ފަރާތުން ކޮމިޝަންގެ އެޖަމްއިއްޔާގައި ބައިވެރިވުމަށް ޗެއަރމަން ދައުވަތު ދެއްވެވިއެވެ. އަދި ކޮމިޝަނުގެ ވަފުދު ވަނީ މިދައުވަތު ގަބޫލުފުޅުކުރައްވަވައި ރާއްޖެ އެ ޖަމްއިއްޔާގައި ބައިވެރިވުމުގެ ކަންތައް ވީހާ އަވަހަކަށް ކުރިއަށްގެންގޮސް ވޭތޯ ބައްލަވާނެކަމުގައި ޖަވާބުދެއްވާ ފައިވެއެވެ. އެސީ އެސް އެޗް އަކީ ޔޫއެންޑީޕީ ގަބޫލުކުރާ ފެންވަރެއްގައި އެތަނުގެ އެހީލިބިގެން ތަފާތު މަސައްކަތްތައް ކުރާ ދުނިޔޭގައި ހުރި މިފަދަ ހަމައެކަނި ޖަމްއިއްޔާއެވެ. މި ޖަމްއިއްޔާގައި ސާރކް ގައުމުތަކުން މެންބަރުންގެ ގޮތުގައި ބައިވެރިވެފައިވަނީ އިންޑިއާ އާއި ޕާކިސްތާނު، ބަންގްލާދޭޝް އާއި އަފްގާނިސްތާނު އަދި ބޫޓާނެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307