ރާޝިދު ސްކޫލް އޮފް ގަވަރންމަންޓް އާއެކު ކޮމިޝަނުން މަޝްވަރާކުރައްވައިފި

13 ފެބްރުއަރީ 2019



ޔުނައިޓަޑް އަރަބި އެމެރޭޓްސް ގައި ސީނިއަރ ސިވިލް ސަރވަންޓުން ތަމްރީނުކޮށް ހިންގުމުގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރާ ސަރުކާރުގެ މަރުކަޒެއްކަމުގައިވާ މުޙައްމަދު ބިން ރާޝިދު ސްކޫލް އޮފް ގަވަރންމަންޓް އަށް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ޒިޔާރަތް ކުރައްވަވައި މަޝްވަރާކުރައްވަވައިފިއެވެ. ދުބާއީގައި ހުންނަ މިސްކޫލް ގެ ފަރާތުން ކޮމިޝަން ގެ ރައީސާއިއެކު މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެސްކޫލްގެ ޑީން ޕްރޮފެސަރ ރައެދް އަވާމްލީހް އާއި އެސޯސިއޭޓް ޑީން ޕްރޮފެސަރ މާރޓިން ސްޕެރެގަން އަދި ޑިރެކްޓަރ އޮފް ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމެންޓް އައިޝާ އިބްރާހިމް ޒައިދް އަލް އަލީ އެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނާއި މި ސްކޫލް އާދެމެދު މުވައްޒަފުން ތަމްރީނު ކުރުމާއި ތަޖްރިބާ ބަދަލުކުރުމާއި ދިރާސާތައް ހެދުމުގައި ދެފަރާތު ދެމެދު އެހީތެރިކަމާއި އެއްބާރުލުން އިތުރުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކުރާގޮތަށް އެއްބަސްވެވުނެވެ. އަދި އެސްކޫލްގައި ހިންގާ ތަމްރީން ޕްރޮގްރާމްތަކާއި މަޢުލޫމާތާއި ތާޒާކުރުމުގެ ތަފާތު ޢިލްމީ އަދި ދިރާސާ ހަރަކާތްތަކުގައި ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބައިވެރިވުމުގެ ފުރުސަތު ފޯރުކޮށްދެއްވަވާނެކަމުގައި ޑީން ޕްރޮފެސަރ ރައެދް ވިދާޅުވިއެވެ. މި ސްކޫލަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަން އާއި ޕަބްލިކް ޕޮލިސީ ފަދަ ދާއިރާތަކުން މާސްޓާރސް ފެންވަރަށް ކިޔަވާދޭ ސްކޫލެކެވެ. އަދި ދިރާސާ އާއި ޢިލްމީ ކަންކަމުގެ ކޮންފެރެންސްފަދަ ހަރަކާތްތައް ބާއްވާ ސްކޫލެކެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް