މަންދު ކޮލެޖުން އިންތިޒާމްކުރި ކެރިއަރ ގައިޑެންސް ޕްރޮގްރާމްގައި ކޮމިޝަނުން ބައިވެރިވެއްޖެ

12 ޖަނަވަރީ 2019



މާލޭގައި ހިނގަމުންދާ އަމިއްލަ ކޮލެޖެއް ކަމުގައިވާ މަންދު ކޮލެޖުން ދަރުބާރުގޭ ރަންނަބަނޑޭރީ މާލަމުގައި ބޭއްވި ކެރިއަރ ގައިޑެންސް ޕްރޮގްރާމްގައި ސިވިލް ސަރވިސް ކޮމިޝަނުން ބައިވެރި ވެއްޖެއެވެ. މި ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމް ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވިއެވެ. ރައީސްގެ ވާހަކަފުޅުގައި މަންދުކޮލެޖުން ސުކޫލްތަކުން ކިޔަވާނިމޭ ޒުވާނުންނަށް ވަޒީފާއަށް ނުކުތުމުގައި ކުރާނެ މަސައްކަތެއް ނުވަތަ ކެރިއަރއެއް އިޚްތިޔާރުކުރުމަށް މަޢުލޫމާތްދިނުމަށް ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް އިންތިޒާމުކުރެއްވީތީ މަރުޙަބާވިދާޅުވެ، މިފަދަކަންކަމުގައި މަތީތަޢުލީމުދޭ މަރުކަޒުތަކަށް ކޮމިޝަނުގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަންލިބޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން މަތީ ތަޢުލީމް ހާޞިލް ކުރުމަށް ޒުވާނުންނަށް ފައިސާގެ އެހީތެރިކަން ދެއްވާއިރު، ސަރުކާރަށާއި ޤައުމަށް މިއަދު ބޭނުންވާ ދާއިރާތަކުން ކިޔެވުމަށް ހިތްވަރުދެއްވަވާ އެފަދަ  ދާއިރާތަކުން ކިޔެވުމަށް ފައިސާގެ އެހީތެރިކަންދެއްވުމުގެ ސިޔާސަތެއް އެކުލަވާލެއްވުމަށް އެދިވަޑައިގެންނެވިއެވެ.

12 ޖަނަވަރީ 2019 ގައި ބޭއްވުނު ކެރިއަރ އިޙްތިޔާރު ކުރުމަށް މަޢުލޫމާތް ދިނުމުގެ ޕްރޮގްރާމް މެންދުރުފަހު 2:30 ން ރޭގަނޑު 10 ޖަހަންދެން ދިގުދެމިގެން ދިޔައިރު، ކޮމިޝަނުގެ ޓީމަކުން ދިވެހި ސިވިލް ސަރވިސްގައި ހުރި ވަޒީފާގެ ފުރުޞަތު ތަކާބެހޭ ގޮތުންނާއި ސިވިލް ސަރވަންޓަކަށް ވުމުން ލިބޭފައިދާތަކާއި ގުޅޭގޮތުން މަޢުލޫމާތް ދީފައިވެއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް