ހދ.ކުޅުދުއްފުށީގެ ކައުންސިލުގެ ފަރާތުން ކޮމިޝަނާއެކު މަޝްވަރާކުރައްވައިފި

24 ޖަނަވަރީ 2019



ދިވެހި ސިވިލް ސަރވިސްގެ ބައެއްކަންކަން ހދ.ކުޅުދުއްފުށީ ކައުންސިލްގައި ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުން ތައް ހައްލުކުރެވިދާނެގޮތްތަކާމެދު މިއަދު ކައުންސިލްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތް ކުރައްވަވައި ކޮމިޝަނުގެ މެންބަރު އަލްފާޟިލާ ފާތިމަތު އާމިރާ އާއެކު މަޝްވަރާކުރައްވައިފިއެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ފަރާތުން މި މަޝްވަރާ ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ، ކައުންސިލްގެ ރައީސް އަލްފާޟިލް އަބްދުއްލަތީފް ހަސަނެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ދެކެވުނު ބައެއް ވާހަކަތަކުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުން ލިބެންވާނެކަމަށް ކޮމިޝަން މެންބަރު ފާޠިމަތު އާމިރާ ފާހަނގަކުރެއްވިއެވެ. އަދި މީގެ އިތުރުން ސިވިލް ސާރވިސްގެ މުވައްޒަފުންގެ އެޕްރައިޒަލްފޯމް ފުރުމުގައި މިހާރަށްވުރެވެސް ބޮޑަށް ސަމާލުކަންދިނުމަށާއި ގަވާއިދުގައިވާ ގޮތުގެ މަތީން ހާސިލްކުރަންޖެހޭ ނަތީޖާ ހާސިލް ނުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް އޮންނަ ކަމަށާއި އެހެންކަމުން ޒިންމާދާރުވެރިޔާ މުވައްޒަފުންގެ މަސައްކަތްތައް ރަނގަޅަށް ވަޒަންކޮށް މުވައްޒަފުން ރަނގަޅަށް މޮނިޓާކުރުމަށް ސަމާލުކަންދިނުމުގެ މުހިންމުކަމަށް ވަނީ އަލިއަޅުވާލާފައެވެ.
މި ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ކޮމިޝަންގެ މެންބަރުގެ އިތުރުން ސެކެރެޓަރީ ޖެނެރަލް ޑރ.އިބްރާހިމް ޒުހުރީއާއި ޑިރެކްޓާރ ޖެނެރަލް އަލްފާޟިލް ޢަބްދުﷲ ސަޢީދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކުޅުދުއްފުށީ ކައުންސިލްގެ ފަރާތުން ނައީބް ރައީސްއާއި ކައުންސިލްގެ އެހެނިހެން މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް