ޅެންވެރިންގެ ގުންޒަރު ކޮމިޝަނުގެ ރައީސް ޝަރަފުވެރިކޮށްދެއްވައިފި

25 ޖަނަވަރީ 2019



ދިވެހިރާއްޖޭގެ 30ވަނަ ޤައުމީ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިބަހުގެ އެކެޑެމީއާއި ރ.އިނގުރައިދޫ ކައުންސިލާ ގުޅިގެން ރ.އިނގުރައިދޫގައި ބޭއްވުނު ދިވެހި ޅެންވެރިންގެ ޚާއްސަ ޅެންކިއުމުގެ ހަފްލާ ކަމުގައިވާ "ގުންޒަރު" ސިވިލް ސާރވިސް ކޮމިޝަނުގެ ރައީސް ޑރ.އަލީ ޝަމީމް ޝަރަފްވެރިކޮށްދެއްވައިފިއެވެ.

ރާއްޖޭގެ ފުންނާބުއުސް އަދި މަޝްހޫރު ގިނަ ޅެންވެރިންނާއި އިނގުރައިދޫގެ ރައްޔިތުންނާއި، ރ.ކިނޮޅަސް އާއި ރ.އިންނަމާދޫ އަދި ރ.އިނގުރައިދޫގެ އެތަކެއް ދަރިވަރުން ބައިވެރިވި މިގުންޒަރު ބޭއްވުނީ ރޭގައި ރ.އިނގުރައިދޫގައެވެ. މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ބާއްވަމުންގެންދަނީ ރ.އިނގުރައިދޫގައެވެ. އެއީ މިފަހަރުގެ ޅެންވެރިންގެ ދުވަސް ނިސްބަތްކުރެވޭ ޅެންވެރިއާކަމުގައިވާ އަލްމަރުޙޫމް ޔޫސުފު މުޙައްމަދުފުޅު އުފަންވެވަޑައިގަތް ރަށްކަމަށްވާތީއެވެ.

ޅެންވެރިންގެ ގުންޒަރު ޝަރަފުވެރިކޮށްދެއްވަވައި ޅެންވެރީންނަށް ހިތްވަރުދެއްވަވައި ވާހަކަފުޅުދައްކަވަމުން ކޮމިޝަންގެ ރައީސް ވިދާޅުވީ ދިވެހި ޅެންވަރިކަން ތަރައްޤީކޮށް ދިވެހި ޅެންވެރިންނަށް އިތުރު ނަފާ ހޯދާދިނުމަށް ދިވެހި ޅެންވެރިކަން ބޭރުގެ ޤައުމުތަކަށް އެކްސްޕޯރޓް ކުރެވޭނެ އީޖާދީ އާގޮތްތަކެއް ހޯދުމަށް މިއަދު ބޭނުންވާކަމަށެވެ. މިގޮތުން ދިވެހި ޅެންވެރިކަން އަރަބި، އިނގިރޭސި އަދި އޮރުދޫ ބަސްބަހުން ތަރުޖަމާކޮށް ނުވަތަ މިބަސްބަހުން ތައްޔާރުކޮށް ވެބްސައިޓްތަކުގައި ބާޒާރުކުރުމުގެ އިންތިޒާމް ހަމަޖައްސަންޖެހޭކަމަށެވެ. އޭރުން މިއުޒިކާއި ލަވަ އުފައްދާ ދުނިޔޭގެ ފަންނާނުންނާއި ޤްރޫޕްތަކަށް ޅެންތައްފެނި އެތަކެތި ގަނެގެން އެމީހުން ލަވަތައްތައްޔާރުކުރުމުގެ މާރުކޭޓް އުފެއްދޭނެކަމަށެވެ. މީގެއިތުރުންވެސް ދުނިޔޭގެ ޅެންވެރިންގެ ދުވަސް ކަމުގައި 21 މާރޗް ގައި ޔުނެސްކޯ ފަދަ ޖަމިއްޔާތަކުން ތައްޔާރުކުރާ ހަރަކާތްތަކުގައި ދިވެހިޅެންވެރިންނަށް ބައިވެރިވެ މުބާރާތްތަކުގައި ވާދަކުރެވޭނެ ފުރުޞަތުތައް ފަހިކުރުމަށް މަސައްކަތްކުރަންޖެހޭކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ޔުނެސްކޯގެ އިތުރުން ރޯޔަލް ކޮމަންވެލްތް ސޮސައިޓީފަދަ ޖަމްއިއްޔާތަކުން ކޮމަންވެލްތް ގެ ޤައުމުތަކަށް ހުޅުވާލާގެންބާއްވާ ޅެމާއި އަދަބީ ހަރަކާތްތަކުގައި ރާއްޖޭގެ ފަންނާނުންނާއި ޅެންވެރީން އަދި އަދީބުން ބައިވެރިވެ ވާދަކުރެވޭނެގޮތްތަކެއް ރޭވިއްޖެނަމަ ދިވެހި ޅެންވެރިންނަށް އިތުރު ފުރުސަތުތައް ފަހިވެ ދިވެހިޅެންވެރިކަން ބޭރުގެ ފަރާތްތަކަށް ތައާރަފްވެ ތަޖުރިބާ ހިއްސާ ކުރުމުގެ ފުރުސަތުތައް ހުޅުވިގެންދާނެއެވެ. މިކަންކަމަކީ ދިވެހިޅެންވެރިކަމަށް އިތުރު އާރޯކަމާއި ކުރިއެރުން ގެނެސްދޭނެކަންކަން ކަމުގައި ކޮމިޝަނުގެ ރައީސް ފާހަގަކޮށް، މިފަދަ ފުރުސަތުތައް ފަހިކޮށްދެއްވެވޭތޯ މަސައްކަތްކުރެއްވުމަށް ދިވެހި އެކެޑެމީއަށްގޮވާލެއްވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް